މުނިފޫހިފިލުވުން

ވާހަކަ: ގެއްލުނު ޅަފުރާ


އިރުއޮއްސި އަނދިރިވަމުން ދިޔަވަގުތުކަމުން ކޮޓަރިތެރެވެސް ފެންނަނީ އަނދިރިކޮށެވެ. ބޮކި ދިއްލާލަން ވެސް ބޭނުން ނުވެފައި އަހަންނަށް އޮވެވުނީ އަހަރެންގެ މާޒީގެ ކަޅު ދުވަސްތައް ހަނދާންކުރުމުގައެވެ. އަހަރެންގެ އާއިލާއަކީ ނިކަމެތި އާއިލާއަކަށް ވިޔަސް އަހަންނަށް އެކަން އެއްގޮތަކަށް ވެސް އިހްސާސެއް ނުކުރެވެއެވެ.

އަހަންނާއި ދައްތަ އުޅެމުން ދިޔައީ މަންމައާއި ކާފަގެ ހިމާޔަތުގައި ފުރިހަމަ ލޯތްބާއި އަޅާލުން ލިބިގެންނެވެ. އަހަންނަކީ ހަގު ކުއްޖާއަށް ވުމުން އަހަރެން ދެކެ އެންމެން ވެސް ވަރަށް ލޯބިވެއެވެ. އެހެންކަމުން އަހަރެންގެ ބައްޕަ ނެތުމުގެ އެއްވެސް އުނިކަމެއް އަހަންނަށް އިހްސާސް ވިޔަކަ ނުދެއެވެ. ބައްޕަގެ އެއްވެސް ހަނދާނެއް އަހަރެން ނުހުރެއެވެ. ބައްޕަގެ ލޯތްބަކީ ކިހާވަރެއްގެ އެއްޗެއްކަން އަހަންނަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ.

މަންމަ ބުނިގޮތުގައި އަހަރެން ވަރަށް ކުޑައިރު ބައްޕަވަނީ މަރުވެފައެވެ. ބައްޕަގެ ފޮޓޯގަނޑެއްހާ ހިސާބުވެސް އަހަރެން ނުދެކެމެވެ. އަހަންނާއި ދައްތަގެ ދެމެދުގައި ހަތަރުވަރަކަށް އަހަރުގެ ތަފާތެއް ހުއްޓަސް އަހަރެމެން ދެބެންވެސް އުޅެމުން ދިޔައީ އެކުއެކީގައި ވަރަށް އެކުވެރިކޮށެވެ. ދުވަސްކޮޅަކުން އަހަރެންގެ ކާފަވެސް ވަރަށް ބަލިވެ އުޅެފައި ނިޔާވެއްޖެއެވެ. އެދުވަހު އަހަރެން ވަރަށް ރުއީމެވެ. ވާނީ ވެސް އެހެންނެވެ. އަހަރުމެންގެ ކުޑަކުޑަ އާއިލާއިން އެކަކު މަދުވުމަކީ ވެސް އަހަންނަށް ކެތްވާވަރުގެ ކަމެއް ނޫނެވެ.

އޭރު އަހަރެންގެ އުމުރުން ގާތްގަޑަކަށް ވާނީ ނުވައަހަރެވެ. ކާފަ ނިޔާވުމުގެ ކުރީގައި ވަރަށް ބަލިވެ އުޅެފައިވާތީ މަންމަވެސް ހުންނަނީ ކާފަގެ ކަންކަމުގައި ވަރަށް އަވަދިނެތިފައެވެ. ކާފަ އަކީ ވަރަށް މުރާލި މީހެކެވެ. އަހަރުމެންގެ އާއިލާ ބަލަހައްޓަނީ ކާފަ ކުރާ ބުރަ މަސައްކަތުންނެވެ. އޭރު އަހަންނަށް އެކަންކަން އިހްސާސް ނުކުރެވުނަސް މިހާރު ކާފަ އާއި މަންމަ އުފުލި ބުރަ އިހްސާސްކުރެވެއެވެ. ބައްޕަޔަކާއި ނުލައި ދަރިޔަކު ބޮޑުކުރުމަކީ ކިހާ ބުރަކަމެއްކަން އަހަންނަށް ވެސް އިހްސާސްކުރެވިއްޖެއެވެ. މަންމަގެ އެކަނިވެރިކަމާއި މަންމަގެ ތެދުވެރިކަމެވެ. އަހަރުމެންނަށް ދެރަގޮތެއް ވެދާނެތީ މަންމަ މީހަކާ ނީނދެ ހުހަށް ހުރިހުރުމެވެ.

މަންމަ ކައިވެންޏެއް ނުކޮށް އެހާގިނަދުވަހު ހުރިއިރުވެސް އަހަރުމެންގެ ދިރިއުޅުމަކަށް އެއްވެސް ހެޔޮ ބަދަލެއް ނާދެއެވެ. އެކަމަކު ކާފަ މަރުވުމުގެ ކުރިން މީހަކާ އިނުމަށް މަންމަގެ ކިބައިން އެދުނެވެ. އެ އެދުމުގެ މަތިން މަންމަ ކައިވެނި ކުރުމުން އަހަންނަށާއި ދައްތަޔަށް ބައްޕައެއްގެ ލޯބި ލިބުނެވެ. މަންމަޔަށް ފިރިއެއްގެ ލޯބި ލިބިގެން ދިޔައެވެ. އަހަރުމެންގެ އާއިލާއަށް ތަނަވަސްކަމާއި ތިޔާގިކަން ލިބި މުޖުތަމައުގައި މީހުން ގަދަރުކުރާ އާއިލާއަކަށް ބަދަލުވިއެވެ. ކުރިން ގުނެމުން އައީ ނިކަމެތި ފަގީރުންގެ ގޮތުގައި ނަމަވެސް މިހާރު އަހަރުމެންނަކީ ފޯރާ ތަނަވަސް ބައެކެވެ. ގެދޮރު ހެދިއްޖެއެވެ. ބޭބެ އަކީ ބީރައްޓެއްސަކަށް ވިޔަސް ބޭބެއަކީ މަސައްކަތްތެރި ތަނަވަސް ދިރިއުޅުމެއް އުޅޭ ތައުލީމީ މީހެކެވެ.

އަހަރެންގެ އުމުރުން ދިހަވަރަކަށް އަހަރުގައި ބޭބެ މަންމަޔާ އިނދެގެން އަހަރުމެންގެ ގެއަށް އައުމުން ގެއަށް ދިރުން އަތުވެއްޖެއެވެ. ކުރިން ނުފުދޭ އެތައް ކަމެއް އަހަރުމެންނަށް ފުދުނެވެ. ސްކޫލަށް ގެންދާ އެއްޗެއްސާއި ކެއިންބުއިމާއި އެހެނިހެން ބޭނުންތަކެވެ. ބޭބެގެ ރައްޓެހިންވެސް މަދުމަދުން ގެއަށް އައިސް އުޅެންފެށުމުން އަހަރުމެން ވެސް ފޫހިފިލައި ގޭތެރޭގެ ފަޅުކަން ފިލިއެވެ. އެގޮތުން ބޭބެގެ ރައްޓެހިކަމުގައި ގެއަށް އަންނަންފެށި އެކަކީ އަޒީމެވެ. އަޒީމަކީ އަމިއްލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ މީހެކެވެ. މަޑުމަޑުން އަޒީމް އަހަރުމެންގެއަށް ފަރިތަވެ އަހަރުމެންނާވެސް ރައްޓެހިކަން ބަދަހިވާން ފެށިއެވެ.

އަޒީމް އަކީ އަހަންނަށް ވުރެ އެތައް އަހަރެއް ދޮށީ މީހަކަސް ބަލާބެލުމަށް ވަރަށް ރީތިވެފައި ޒުވާނެވެ. ވިއްޔާ ވާނީ ތިރީހަކަށް އަހަރެވެ. ދޮން ރީތި މީހެކެވެ. އިސްކޮޅުން ދިގެވެ. އަޒީމް އުޅެނީ މީހަކާވެސް އިނދެގެންނެވެ. އޭރު އަހަރެންގެ އުމުރުން ވާނީ ބާރަވަރަކަށް އަހަރެވެ.

އާއްމުކޮށް އަޒީމްއާ ދައްތަޔާ ވަރަށް ގިނައިން ތާސްކުޅެން ތިބެއެވެ. އެމީހުން ސިއްރު ސިއްރުން ވާހަކަ ދައްކައެވެ. އެކަކު އަނެކަކަށް ހަތަރު ކަޅި ހަމަކޮށްގެން އެތައް އިރަކު ބަލަން ތިބޭތަން ވެސް އަހަރެން ދެކެމެވެ. އަހަރެންނަށް އެއިރު އެމީހުންގެ އެ އަމަލުތަކުގެ މާނައެއް ނުވިސްނެއެވެ. ގެއަށް އަންނަ އެހެން ރައްޓެހިންނާއި ހިލާފަށް އަޒީމް އުޅޭ މަޖާގޮތުން އަހަރެން ވެސް ވަރަށް ގަޔާވެއެވެ. އަހަންނަކީ ސަކަ މިޒާޖެއްގެ ކުއްޖެއްކަމުން އަހަރެން ވެސް މަޑުމަޑުން އަޒީމްއާ ސަމާސާ ކުރަން ފެށީމެވެ. މިހުރިހާ ކަމެއް ހިނގަނީ އަހަރެންގެ މަންމަގެ ވެސް ކުރިމަތީގައެވެ. މަންމަ ދެކެނީ އަހަރުމެންނަކީ އަދިވެސް ކުޑަކުދިންގެ ގޮތުގައެވެ. ހާއްސަކޮށް އަހަރެންނެވެ.

އަހަރެން ވަރަށް ގިނައިން ދައްތަޔާއި އަޒީމް ތާސްކުޅެން ތިބޭގަޑީގައި އެމީހުންނަށް ޖެއްސުން ކުރަމެވެ. ހާއްޞަކޮށް އަޒީމަށެވެ. އޭނަގެ ފައިވާން ފޮރުވަމެވެ. ނޫނީ ބުރަކަށީގައި އެއްޗެއް ތަތްކުރަމެވެ. ބޮލަށް ފުށްއަޅަމެވެ. މިގޮތަށް ކަންތައް ކުރަނީ ހަގީގަތުގައި ދައްތައަށް އަޒީމްދޭ ސަމާލުކަން ކުޑަކުރުމަށެވެ. އަހަރެން އެދެމީހުންގެ ސިއްރުވެރި ބެލުންތައް ދެކެ ފޫހިވެއެވެ. އިރު އިރުކޮޅާ އަހަންނަށް ނޭނގޭ ކޮންމެވެސް އެއްޗެއް ބުނެލާފައި ހީ ހަދާތީ ރުޅިއާދެއެވެ. އަޒީމްއަށް ވެސް އަހަރެންގެ ސަމާސާތައް ކަމުދާންފެށިއެވެ. އެކަން އަހަންނަށް އެނގެނީ އަހަރެން ކަމެއް ނުކޮށްފި ދުވަހަކު އޭނަ ކޮންމެވެސް ގޯނާއެއް އަހަންނަށް ކޮށްލާތީއެވެ.

އަޒީމަށް ކަމެއްކުރިކަން އެނގުމުން އައިސް އަހަންނަށް އޭގެ ރައްދު ދޭނެއެވެ. ގިލިގިލި ކޮށްޓާލަފާނެއެވެ. އަނގަޔަށް ފެން އަޅާފައި ބުރުވާލަފާނެއެވެ. އަޒީމް އަހަންނާ ސަމާސާ ކުރުމުން އަހަރެން ކައިރިޔަށް ބައެއްފަހަރު ރުޅިއާދެއެވެ. އެހެންވެ މަންމަކައިރީގައި ޝަކުވާވެސް ކުރަމެވެ. އެކަމަކު މަންމަ އެއްޗެއް ނުބުނެއެވެ. އަޒީމްގެ ހުންނަ އެންމެ ގަޔާވާ ސިފައަކީ އަހަރެން ކޮންމެ ކަމެއް ކުރިޔަސް އަޒީމް ރުޅިނާންނަކަމެވެ. އޭނަ އެންމެ ފޮރުވައިގެން ގެންގުޅޭނީ ސިނގިރޭޓް ފޮށްޓެވެ. އެކަމަކު އެއްދުވަހަކު އަހަރެން އޭނަގެ ސިނގިރެޓް ފޮށި ފޮރުވީމެވެ. އޭނަ ގެއަށް ދާން ނިކުތްގަޑީގައި ސިނގިރޭޓް ފޮށި ނެތްކަން އެނގުނެވެ. އަހަރެން ގޭތެރެޔަށް ވަދެ ފިލީއެވެ. އޭނަޔާ ދައްތަޔާ ވެގެން އެތަށް އިރަކު ސިނގިރެޓް ފޮށި ހޯދި އިރުވެސް ނުފެނުނެވެ.

އެންމެ ފަހުން އަޒީމަށް ލަސްވާތީ ނިކުމެގެން ދިޔައީއެވެ. އޭނަ ދިޔުމުން އަހަރެންވެސް ބޭރަށް ނުކުތީމެވެ. ކީއްކުރަން އަޒީމް ގެ ސިނގިރެޓް ފޮށި ފޮރުވީ.. ނުރުހުމުގެ ނަޒަރުން ދައްތަ އަހަންނަށް ބަލާލާފައި ބުންޏެވެ. އޭނަ ވަރަށް ހިތްހަމަ ނުޖެހިފަ އެދިޔައީ.. ފުރަތަމަ ފަހަރަށް ދައްތަ ނުރުހުން ފާޅުކުރިއެވެ. ދައްތަވެސް އަޒީމްއާ ސަކަރާތްޖަހަމެއްނު؟ އެހެންވެ. އަހަރެން ޖަވާބު ދިނީމެވެ. ކޮއްކޮ ތީ އަދި ކުޑަކުއްޖެއްނު؟ ބޮޑެތި މީހުންނާ ސަކަރާތްޖަހާ ހެދުން އެހާ ރަނގަޅެއް ނުވާނެ. އެހެން ނޫނަސް ދައްތަ ތިކަހަލަ ސަކަރާތެއް ނުޖަހަން! ދައްތަ އަހަންނަށް ވިސްނައި ދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އަހަރެންގެ ޅަ ސިނކުޑިއަކަށް އެކަމެއް ނުވިސްނުނެވެ. އަހަރެން ނިންމީ އެއީ ދައްތަ ނޫން މީހަކަށް އަޒީމް ގެ ސަމާލުކަން ލިބޭތީ ދައްތަ ހަސަދަވެރިވެގެން ބުނި އެއްޗެއް ކަމަށެވެ.

ދުވަސްތައް މާޒީވަމުން ދިއައެވެ. އަހަރެންގެ އޯލެވެލް ވެސް ނިމިއްޖެއެވެ. އެދުވަސްވަރު އޯލެވެލް ހެދުމުން އެދެން ކިޔަވާ ނިމުނީއެވެ. ވަޒީފާއެއް ލިބޭނީ މަދުމީހަކަށެވެ. ދައްތަ ކިޔަވާނިމުމުން ވަނީ ސްކޫލް ޓީޗަރަކަށެވެ. އަޒީމް ރަށުން ބޭރުގައި ތިން އަހަރު އުޅެލާފައި ގެއަށް އައި ދުވަހެކެވެ. މިހާރަކަށް އައިސް އަޒީމް އަހަންނާ ދިމާލަށް ބަލަނީ ތަފާތު ނަޒަރަކުންނެވެ. ކުރިން ކުރި ވަރަށް ސަމާސާ ނުކުރި ނަމަވެސް ކޮންމެވެސް ވަރަކަށް އެކަންވެސް ހިނގައެވެ. އަޒީމް އިނީ ޖޯލީގައެވެ. އޭނަގެ ރީތި ސޫރަ އަދި މިހާރު ވަކިން ރީއްޗެވެ. ގިނަ ދުވަހު ނުފެނި ހުރުމުން ކަމަށް ވެސް ވެދާނެއެވެ. ގޭގައި އެއްވެސް މީހަކު ނެތެވެ. އަހަރެން ވަޒީފާ އަދާކުރަނީ ފިހާރައެއްގައެވެ. ތައްޔާރުވެލައިގެން އަހަރެން ނުކުތީ ފިހާރަޔަށް ދާށެވެ. އަހަރެން ފެނުމުން އަޒީމް ކަޅިއަޅާލިއެވެ. ވަރަށް ވިއްސާރަ ހަދާފައެއްނު އެއޮތީ.. ކިހެނެތް ދާނީ! އިރުކޮޅަކު އެގޮތަށް ބަލަހައްޓައިގެން އިނުމަށްފަހު އަޒީމް ބުންޏެވެ. ކުޑަ ހިފައިގެން ދާނީ.. އެހެން ބުނެ އަހަރެން ބޭރަށް ނިކުތީ ކުޑަޔެއް ހިފައިގެންނެވެ. މަޑުކުރޭ އަހަރެން ސައިކަލުގައި ގެންގޮސް ދޭނަން. އަޒީމް އެދުމުން އަހަރެން މަޑުކުރީމެވެ.

އަހަރެންގެ ގެއާ ފިހާރަވެސް ދުރުވުމުން އަހަރެންވެސް ނިންމީ އަޒީމް އާއެކު ސައިކަލުގައި ދިޔުމަށެވެ. އަޒީމް ވަރަށް ބާރަށް ސައިކަލު ދުއްވާލަމުން ބުންޏެވެ. ވާރޭގައި ނުޖެހި ދެވޭތޯ ވަރަށް ބާރަށް މި ދުއްވާލީ .. ނަމަވެސް އަޒީމްއަށް ދެވުނީ ނުބައި މަގަކުން ކަމުން ފިހާރަޔަށް ވުރެ ދުރަށް ދެވިއްޖެއެވެ. އަލުން އަނބުރާލާފައި ފިހާރަޔާ ދިމާލަށް މިސްރާބު ޖެހިއެވެ. އެއީ އަލަށް މީހުން އާބާދުވާން ފެށި ފަޅު ހިސާބެކެވެ. ފަޅުގޭގެ ވެސް ވަރަށް ގިނައެވެ. ކުއްލިއަކަށް ވަރަށް ބޯކޮށް ވާރޭ ވެހިގެންފިއެވެ. އަޒީމް ސައިކަލު މަޑުކުރީ ފަޅުގެއެއްގެ ކައިރިއަށެވެ. ހިނގާ މިތަނަށް ވަންނަން، ހިޔާ ވާން. ވާރޭ ހުއްޓީމައެއްނު ދެވޭނީ. އެހެން ބުނެ ސައިކަލުން ފުންމާލައިގެން އަޒީމް ވަނީ އެ ފަޅުގެއަށެވެ.

އަހަރެން ނުވަންނަން އުޅުމުން އަޒީމް ދުވެފައި އައިސް އަހަރެންގެ އަތުގައި ހިފާ ދަމާފައި އެތަނަށް ވެއްދިއެވެ. އޭނަގެ އަތް ފޮޅުވާލުމަށްފަހު ދަނީ ކަމަށް ބުނެ ހިނގައިގަތުމުން މަޑުކުރަން އެދި އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އޭނަ ހިފެހެއްޓި ގޮތުންވެސް އޭނަގެ ނިޔަތް ރަނގަޅުނޫންކަން އަހަންނަށް އިހްސާސްކުރެވުނެވެ. އެވަގުތު ބޭނުންވީ އަވަހަށް އޭނަގެ އަތްދަށުން މިންޖުވާށެވެ. އަހަރެންދެކެ ލޯތްބެއް ނުވޭތަ. ވަރަށް ގިނަ ދުވަސް ވެއްޖެ މިގޮތަށް ބައްދަލުކޮށްލަން ބޭނުންވެފައި ހުންނަތާ. މީ ކިހާ ރަނގަޅު އިއްތިފާގެއް. އަހަރެން ގަދަހެދުމުން ވެސް އަޒީމް އަހަރެންގެ އަތުން ދޫނުކޮށް ވާހަކަ ކުރިޔަށް ގެންދިޔައެވެ. އަދި އަޒީމްގެ އަމަލުތައް ނުރައްކާވާން ފެށިއެވެ. އެންމެ ފަހުން އަހަންނަށް ރޮވެން ފެށުނެވެ. އަދި އެހީއަކަށް އެދި އަޑުގެ ނެތްތަނަށް މަންމަޔަށް ގޮވާލީމެވެ. ނަމަވެސް އެއަޑު އިވޭ ހިސާބުގައި އެއްވެސް މީހަކުނެތެވެ. ވެހޭ ބޯ ވާރޭގެ ސަބަބުން އެއްވެސް އަޑެއް މާދުރަކަށް ނުދާނެކަން ވެސް އެނގެއެވެ. ވަގުތުގެ ނާޖާއިޒު ފައިދާ އަޒީމް ނެގިއެވެ. އެކަހަލަ ވަރުގަދަ ފިރިހެނެއްގެ އަތްދަށުން އަހަންނަށް ސަލާމަތް ނުވެވޭނެކަން އެނގޭ އިރުވެސް އަހަރެން ތެޅި ފޮޅުނީ އަހަރެންގެ އަބުރާ އިއްޒަތް ސަލާމަތްކުރުމަށެވެ. ނަމަވެސް ސިންގާއެއްގެ ވަކިތަކުން ޅަފުއްލާއަކަށް ސަލާމަތް ނުވެވޭ ފަދައިން އަހަންނަކަށް ވެސް އަޒީމްގެ އަތްދަށުން ސަލާމަތެއް ނުވެވުނެވެ.

ޝިކާރައަކަށް ބޭނުންވެފައިވާ ވަހުޝީ ކުއްތާއެއްފަދައިން އަޒީމް އަހަރެން ޝިކާރަކުރިއެވެ. އެންމެފަހުން އަހަރެންގެ އިއްޒަތާއި އަބުރު ވެއްޔާ މޮޑެވިގެން ދިޔައީ ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ނަމަނަމަ މިވާހަކަ އެއްވެސް މީހެއްކައިރީގައި ނުބުނާތި. މީދެން ނުވާކަމަކަށް ހަދާ.. އަހަންނަށް މާފްކުރޭ އިގޭ..އެހެން ބުނެފައި އަޒީމް ސިއްރު ސިއްރުން ދެކޮޅު ބަލާލުމަށްފަހު އަވަސް އަވަހަށް ސައިކަލަށް އަރައިގެން ހިނގައްޖެއެވެ. އަޒީމް ދިއުމާއެކު އަހަރެންގެ ބަޑިފަޅައިގެން ދިޔައެވެ. ލިބުނު ވޭނުގައި ބިންމަތީގައި އިށީނދެވިއްޖެއެވެ. އަދި ގިސްލަ ގިސްލާފައި ބާރަށް ރޯންފެށީމެވެ. އެގޮތުގައި އެތަށް އިރަކު ރޯން އިނީމެވެ. ހީކަރުވައި ތުރުތުރުލާންދެންނެވެ. ދެން އެއްވެސް މީހަކަށް ބެލުމެއްނެތި ދުވަމުން ދުވަމުން ގޮސް ގެއަށްވަދެ ކޮޓަރީގެ ދޮރުލެއްޕީމެވެ. އޭރުވެސް ގޭގައި އެއްވެސް މީހަކު ނެތެވެ.

އަހަރެންގެ މުޅި ދުނިޔެ ބަނަވިކަހަލައެވެ. އަޒީމް ބުނިހެން އަހަރެންވެސް އެއީ ނުވާކަމަކަށް ހަދަން ބޭނުންވިއެވެ. އޭރު އަހަރެން ފިހާރަޔަށްދާ ގަޑިވެސް ހުރީ ޖެހިފައެވެ. އަވަސް އަވަހަށް ތެތްއެއްޗެހި ބަދަލުކޮށްލައިގެން އެނދުމައްޗަށް ވެއްޓި އެތައް އިރަކު ރޯން އޮތީމެވެ. މަންމަ އައިސް ކޮޓަރިޔަށް ވަނުމުން އަހަރެން ނިދާކަމަށް ހަދައިގެން އޮތީއެވެ. މިއަދުވެސް ފިހާރަޔަށް ނުގޮސް ނިދަން އޮތީ ދޯ. މަންމަ އަމުނާލިއެވެ. މަންމަ ގޮވާ ގޮވާ ވެސް އެދުވަހު އެއްގޮތަކަށް ވެސް އަހަރެން ނުތެދުވަމެވެ. އެހާ ގިނައިރު ވާރޭގައި ތެމުމުންގެ ސަބަބުން އަނެއް ދުވަހު އަހަރެން އޮތީ ހުން އައިސްފައެވެ. ވީ އެއްވެސް ކަމެއް އަހަރެން އެއްވެސް މީހަކު ކައިރިއަކު ނުބުނަމެވެ.

އަހަރެންނަކީ ގެއިން ބޭރަށް ނުކުމެ އުޅޭ ކުއްޖެއް ނޫން ކަމުން އަހަރެންގެ މާގާތް ރައްޓެހިންނެއް ވެސް ނުތިބެއެވެ. އެހެންވެ އެވާހަކަ ކިޔައިދޭނެ މާގާތް ރަހުމަތްތެރިއަކުވެސް ނެތެވެ. އެއީ ނުވާ ކަމަކަށް ހަދާފައި ދިރިއުޅެވޭތޯ މަސައްކަތް ކުރި ނަމަވެސް އަހަރެންގެ ސިކުނޑިން އެދުވަހުގެ އެ ހާދިސާ ފިލުވާލެވޭ ގޮތެއްނުވިއެވެ. އެދުވަހުގެ ފަހުން އަހަރެންގެ މިޒާޖަށްވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. ކުރިން އުޅުނު މަޖާ ގޮތް މުޅިން ކެނޑިއްޖެއެވެ. ވިސްނާ ފިކުރު ކުރުމުގެ ސަބަބުން ރަނގަޅަކަށް ނުކެވެއެވެ. ނުނިދެއެވެ. ބިރުވެރި ހުވަފެން ފެންނަން ފެށިއެވެ. ބަލިވެ އުޅޭކަމަށް ބުނެ ފިހާރައިން ކެނޑުނީ މީހުންނާ ކުރިމަތިލާންވެސް އުދަނގޫވީމައެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަހަރެން ބަލިވެއްޖެއެވެ. އަހަރެންނަށް އަންނަންފެށި މި ބަދަލުގެ ސަބަބުން އާއިލާގެ މީހުން ތިބެނީ ކަންބޮޑުވެފައެވެ.

ފަންޑިތަ ހަދާ މީހުންގެ ކައިރިއަށް ގޮސް ފެންކިޔަވައިގެން ގެނެސް އަހަންނަށް ބޯންދެއެވެ. ފަންވަތާއި ތަވީދު އަޅުވައެވެ. އަހަރެންގެ ބައްޔަކަށް ފަރުވާއެއް ނުލިބެއެވެ. ގިނަ ދުވަސް ވާވަރަކަށް އަހަރެންގެ ހަށިގަނޑަށް ތަފާތު ބަދަލުތަކެއް އަންނަކަން ފާހަގަކުރެވެން ފެށިއެވެ. އެންމެފަހުން ބޭބެ ނިންމީ އަހަރެން ގޮވައިގެން މާލެގޮސް ރަނގަޅުޑޮކްޓަރަކަށް ދެއްކުމަށެވެ. އެކަމަކު އަދި އެވަގުތުން ވަގުތަށް ދެވެން ނެތުމާއެކު މަލެނުގޮސް ފަސްކޮށްލީއެވެ. ނަމަވެސް މަންމަ ބޭނުންވީ ރަށު ހޮސްޕިޓަލަށް ދައްކާލުމަށެވެ.

އެދުވަސްކޮޅު ރަށުހޮސްޕިޓަލުގައި ބޭރުޑޮކްޓަރެއް އައިސް އުޅޭތީއާ ވެސް އެކުގައެވެ. ޑޮކްޓަރު ވަރަށް ރަނގަޅަށް ބެލުމަށްފަހު ބޭނުންވީ ދެތިން ޓެސްޓެއް ހަދާލާށެވެ. ނަތީއްޖާ ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި އަހަރެން އިނީ ބިރުން ސިހިސިހިއެވެ. ބޭބެ ނަތީއްޖާ ހިފައިގެން ގެއަށް އައިސް ވަނުމުން އަހަރެން ވަނީ ކޮޓަރިއަށެވެ. ހާދަ ހާސްވެފަ ތިހުރީ މަންމަ ކަންބޮޑުވެފައި ބުންޏެވެ. މަންމަޔާއި ބޭބެ ސިޓިންރޫމްގައި ތިބެގެން ވާހަކަ ދައްކާއަޑުއިވެއެވެ. ޒައިނަބާ މިއޮތީ ރިޝްމާގެ ރިޕޯޓް. ރިޕޯޓްތައް ބަލާފަ ޑޮކްޓަރު ބުނީ ރިޝްމާ ބަނޑުބޮޑޭ.. ބޭބެ ރިޕޯޓް ގައި އޮތް އެއްޗެއް މަންމަޔަށް އޮޅުންފިލުވައިދިނެވެ. މަންމަޔަށް ލިބުނީ ކުއްލި ޝޮކެކެވެ. ގަބޫލު ނުކުރެވިފައި އެތައް އިރަކު އިނެވެ. ބަނޑު ބޮޑޭ ..ކީކޭތަ ތި ކިޔަނީ. މަންމަޔަށް ގަބޫލުކުރަން ދަތިވިއެވެ. އާން! ހަމަ އެހެން. އަހަރެންވެސް ޑޮކްޓަރާ ވަރަށް ސުވާލުކުރިން. ގޮސް އަހާބަލަ ރިޝްމާކައިރީގައި.

ބޭބެ އޮޅުން ފިލުވައިދިނެވެ. މަންމަ އައިސް ކޮޓަރިއަށް ވަދެ އަހަންނާ ސުވާލުކުރަން ފެއްޓެވެ. ރިޝްމާ ބޭބެ އެކިޔާ އެއްޗެއް އަޑުއިވޭތަ އެބަ. އެއީ ތެދެއްތަ ؟ އެވަގުތު އަހަރެން އިސްދަށަށް ޖަހައިގެން އިނީއެވެ. މަންމަ އެތަކެއްފަހަރު ސުވާލުކުރުމުން ހަމައެކަނި ބޯޖަހާލުން ފިޔަވައި އިތުރު ޖަވާބެއްނުދެމެވެ. އޭރު އަހަރެންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބައެވެ. ކާކު ގެ. ކީއްވެ ކުރިކަމެއް؟ ރުންކުރުވެފައި މަންމަ ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. ރުޔަސް ދެން ކުރާނެ ކަމެއް ނެތް. މަންމަ އެތަށް އެއްޗެއް ކިޔުމުން ވެސް އަހަރެން އަނގައިން ނުބުނުމުން، ގޮތްހުސްވެފައިވާ މީހަކު ފަދައިން މަންމ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. އެދުވަހު ދައްތަ ސްކޫލުން އައިއިރު ވެސް މަންމަ އެނދަކުން ނުތެދުވެއެވެ. ދައްތަ އައިސް ވަރަށް ސުވާލުކުރުމުން މަންމަ އެވާހަކަތައް ރޮއިރޮއިފައި ކިޔަދިނެވެ. ދެން މުޅިރަށުގަ ތިވާހަކަ ދައްކާނީ. ލަދުން ބޯ ފަޅައިގެން ދާވަރުވާނެ. މީހާރުވެސް ނޭނގެ ނުކިޔާކަމެއް. ދައްތަ ކަންބޮޑުވީ ދައްތައަށް ކުރިމަތި ވެދާނެ ލަދުހުތުރުކަމާމެދުގައެވެ. މީހުން ކުރާނެ މަލާމާތަކާމެދުގައެވެ.

ހަފްތާއެއް ވީއިރުވެސް ގޭތެރޭގައި ދިރުމެއްނެތެވެ. މަންމަ އެނދަކުން ނުތެދުވެއެވެ. ބޭބެ ވަރަށް އާދޭސް ކޮށްގެން ވެސް މަންމަ ހަމަ އަކަށް އެޅެން ދުވަސްކޮޅެއް ނެގިއެވެ. އެކަމަކު މަންމަގެ މޫނުމަތި ހުރީ މިލާ މޯޅިވެފައެވެ. ހީވަނީ ފެންނުލިބި އަވީގައި ހުރެ މޯޅިވެފައިވާ ގަހެއް ހެންނެވެ. މަންމަގެ އެތަކެއް އާދޭހާއެކުވެސް އަހަންނަކަށް އެއްޗެއް ނުކެވެއެވެ. ނުބޮވެއެވެ. އަހަރެންގެ އެހާ ޅައުމުރުގައި އެއީ އަހަރެން ބަރުދާސްތުކުރި ހިތްދަތި ދުވަސްތަކެކެވެ. ކޮޓަރި ތެރޭގައި އެ ހިތާމައިގައި ރޮއިރޮއި އޮވެ އޮވެ އަހަރެން ފޫހިވިއެވެ. އަހަރެން އެންމެ ދެރަވީ މީހަކު އަހަންނަށް ދިން އަނިޔާއެއްގެ ބަދަލުގައި އަހަރެން ބަދުނާމުކޮށް ހުރިހާ އެންމެވެސް އަހަރެން ކުށްވެރިކުރާތީއެވެ. ނަމަވެސް އަހަރެންގެ ދިފާއުގައި އެއްޗެއް ބުނަން އަހަރެންގެ ދޫވަނީ ނުކުޅެދިފައެވެ.

އެވާހަކަތައް ކިޔައިދޭތޯ ކޮންމެ ދުވަހަކު ތަފާތު އެތަށް ސުވާލުތަކެއް ދައްތަ ކުރެއެވެ. އަހަރެން ރައްޓެހިވެގެން އުޅެނީ ކާކާތޯ އަހާ އޮޅުންފިލުވަން މަސައްކަތްކުރެއެވެ. އެއްވެސް މީހަކާ ރައްޓެއްސެއް ނުވަން . ކުރުޖަވާބަކުން އަހަރެން ނިންމާލަމެވެ. ކީއްވެތަ ސިއްރުތިކުރަނީ. އެމީހެއްގެ ކައިރީގައި ތިވާހަކަ ނުބުނަންތަ؟ ބުނެގެނެއްނު ހައްލެއް ހޯދޭނީ.. އަހަރެންގެ ބުރަކަށީގައި ފިރުމަ ފިރުމާފައި ދައްތަ އަހަންނަށް ހިތްވަރު ދިނުމަށް އެތަށް ވާހަކަޔެއް ދައްކައެވެ. އެންމެ ފަހުން ދައްތަގެ އެ އޯގާތެރިކަން ވީ އަހަރެންގެ ހިތަށް ތަދުކުރަނިވި ކަމަކަށެވެ. އެދުވަހު ކަންވީގޮތް ދައްތަޔަށް ވަރަށް ސާފުކޮށް ކިޔައިދިނީމެވެ. ކޮއްކޯ. ދައްތަ ބުނީމެއްނު އޭނަޔާ ސަމާސާ ނުކުރާށޭ. ކޮއްކޮ ސިނގިރެޓް ފޮށި ފޮރުވި ދުވަހު އޭނަ ވަރަށް އެހެންކަހަލަ އެއްޗެއް ބުނި. އޭނަ ގެ ނިޔަތް އެހާ ރަނގަޅު ނޫންކަން ދައްތަޔަށް އެނގުނީ އެދުވަހު. އެހެންވެ ދައްތަ އެދުވަހުވެސް އެހެންބުނީ. އެވާހަކަތައް އަޑުއަހާފައިދައްތަ ދެރަވިއެވެ.

ކަންވީގޮތް މަންމަޔަށާއި ބޭބެޔަށް ދައްތަ ކިޔައިދިނެވެ. ބޭބެ އަޒީމްއާ ބައްދަލުކޮށް އެވާހަކަ ދެއްކުމުން އެއްބަހެއް ނުވިއެވެ. އަދި އޭނަގެ ބޮލުގައި އެފަދަ އިލްޒާމެއް އަޅުވާނަމަ މުޅިރަށަށް ބަދުނާމު ކުރާނެ ކަމަށްބުނެ ބޭބެގެ އަނގަ ބަންދުކުރުވިއެވެ. ނަމަވެސް އަޒީމް އެވާހަކަ ތަފާތު ގޮތްގޮތަށް ރަށުތެރޭގައި ފަތުރާލިއެވެ. އަހަރެންގެ ހުރިހާ އުންމީދުތަކެއް ވިއްސިވިހާލިވީއެވެ. މާލެގޮސް ކިޔަވައިގެން ރަނގަޅު ނަރުހަކަށް ވެގެން ރަށަށް ހިދުމަތްކޮށްދިނުމަށް އަހަރެން ދެކެމުން އައި ހުވަފެންތަކުގައި ދެން ދުވަހަކުވެސް ކުލަ ނުޖެހޭނެކަން ހިތަށް އެރުމުން ކަރުއެލުވާލެވުނެވެ.

ދައްތަ ކޮންމެ ދުވަހަކު ސްކޫލުން އަންނައިރު ހުންނަނީ ދެރަވެގެން ރޮވިފައެވެ. މީހުން ކިޔާ އެއްޗެއްސާ ކުރާ މަލާމާތަށް ދައްތައަކަށް ކެތެއް ނުވިއެވެ. އެންމެ ފަހުން ސްކޫލަށް ދިއުން ވެސް ހުއްޓާލިއެވެ. މަންމަ ވަރަށް އާދޭސް ކުރުމުން ވެސް އެކަމަކަށް އެއްބަހެއް ނުވިއެވެ. ރަށުގައި އުޅެން ފޫހިވާކަމަށްބުނެ ދައްތަ ނިންމީ ކިޔަވަން މާލެދާށެވެ. ކުރިން ވެސް ބޭބެ ނިންމާފައި އޮތީ ދައްތަޔާ އަހަރެން އިތުރަށް ކިޔަވަން މާލެ ފޮނުވުމަށެވެ. ދައްތަ ދެން ރަށަށް ނާންނާނެކަން ދައްތަގެ މޫނުމަތިން ހެކިދެއެވެ. ވީ ވެސް ހަމަ އެހެންނެވެ. ދައްތަ ކިޔަވައި ނިމިގެން މީހަކާ އިނދެގެން ދިރިއުޅެން ފެށީ މާލޭގައެވެ. ދައްތަގެ ނަސީބު ރަނގަޅެވެ. ދައްތަ އިނީ ކިޔަވައިގެން ހުރި ހަރުދަނާ މީހަކާއެވެ.

ދައްތަ ދިޔުމުން އަހަރެން ވަރަށް އެކަނިވިއެވެ. ހިތާމަޔާއި ހިތްދަތި ކަމާއި ބަދުނާމުގައި ނުވަމަސް ހޭދަވުމަށްފަހު އަހަރެންގެ ބަނޑުގައި ރިއްސަންފެށިއެވެ. ރީތި ފަތިހަކުން ދުނިޔެމަތި އުޖާލާ ވަމުން އާދުވަހަކަށް މަރުހަބާ ކިޔަމުން ދިޔަ ވަގުތު އަހަރެންގެ ތުއްތު ތުއްތު ދަރިފުޅު މި ދުނިޔެއަށް ނޭވާލިއެވެ. ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. ދަރިފުޅު ފެނުމުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭކަހަލަ ހަމަޖެހުންލިބިގެން ދިޔައެވެ. އެ ދަރިފުޅުގެ ސަބަބުން ގޭތެރެއަށް ދިރުން އަތުވެއްޖެއެވެ. އާއިލާޔަށް ލިބުނު ނުތަނަވަސްކަން މަޑުމަޑުން ފިލައި ދުވަހެއް ދުވަހަކަށް ދިޔައީ ހަމަޖެހެމުންނެވެ. ދަރިފުޅު ބޮޑުވަމުން އައިވަރަކަށް ވައްތަރުވަމުން އައީ އަޒީމްއާއެވެ. އެއްވެސް މީހަކު ނުބުނިކަމުގައި ވިއަސް އެއީ އަޒީމްގެ ކުއްޖެއްކަން ބަލާލިކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

އަޒީމް އެއީ އޭނަގެ ދަރިއެއްކަމަށް ގަބޫލުނުކުރި ހިސާބުން ދަރިފުޅަކީ ހަމައެކަނި އަހަރެންގެ ދަރިއެކެވެ. ކައިވެނިން ބޭރުން ކުއްޖަކު ވިހެއުމުން އަހަންނަށް އަދަބު ލިބުނެވެ. ގަސްތުގައި ކުރި ފާފަޔަކަށް ނުވިއަސް އެކަމަށްޓަކައި އަހަރެން ތައުބާވީމެވެ. ދަރިފުޅަށް ވާހަކަ ދެއްކެންފެށިތަނުން އޭނަގެ ބައްޕަ ކޮބައިތޯ ސުވާލު ކުރެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި އަޒީމްދެކެ އަހަންނަށް ނަފްރަތު ކުރެވެއެވެ. ދަރިފުޅަށް ތަންދޮރުވަކިވާން ފެށި ފަހުން އެންމެ ފަހަރަކުވެސް ބައްޕަކޮބައިތޯ ސުވާލެއްނުކުރެއެވެ. ފަހުން އަޒީމް އަހަރެންގެ ކިބައިން މާފަށް އެދުނެވެ. ނަމަވެސް އަހަރެން އަޒީމްއަކަށް މާފެއްނުކުރަމެވެ. އަދި އަހަރެން ބޭނުންނަމަ ކައިވެނިކުރަން ތައްޔާރަށް ހުރި ވާހަކަ އަޒީމް ބުންޏެވެ. ނަމަވެސް އަހަރެން އެކަކާވެސް ކައިވެނި ކުރާކަށް ބޭނުން ނޫންކަމަށް ބުނީމެވެ. އެފަދަ ކޮންމެ ވަގުތެއްގައި އަހަރެންގެ އަމިއްލަ ޒަމީރު ކުށްވެރިކުރެވެއެވެ.

ދަރިފުޅަށް ބައްޕަޔެއްގެ ލޯބި ހޯދައިދޭންޖެހޭނެކަމަށް އަހަންނަށް ގަބޫލު ކުރެވުނު ނަމަވެސް އެކަމެއް ނުކޮށްދެވުނެވެ. އޭގެ ފަހުން މިހާރު ތޭވީސް އަހަރު ވެއްޖެއެވެ. ދަރިފުޅު ވެސް ކިޔަވާ ނިމިއްޖެއެވެ. އެދަރިފުޅު އެންމެ ދެކެން ބޭނުންވަނީ އަހަރެން ކައިވެންޏެއްކޮށްގެން ދިރިއުޅުމެއް އުޅޭނެ ދުވަހެކެވެ. އަހަރެންގެ އަނިދިރިވެފައިވާ ހަޔާތް އުޖާލާކޮށްދިނުމަށް ދަރިފުޅު ނުހަނު ބޭނުންވެއެވެ. އަހަރެންގެ ދެލޮލުން ދަރިފުޅަށް ފެންނަ ވީރާނަކަން ބަލަން އެދަރިފުޅަކަށް ކެތެއްނުވެއެވެ. އިތުރަށް ކިޔަވަން ބޭރަށް ފުރުމުގެ ކުރިން އަހަރެން ކައިވެންޏެއް ކުރުމަކީ ދަރިފުޅުގެ ވަރަށް ބޮޑު އެދުމެކެވެ. ނަމަވެސް އަދި އަހަންނަށް ދަރިފުޅުގެ އެ އެދުން ފުރިހަމަކޮށެއް ނުދެވެއެވެ. އެހާ ހިތްވަރެއް ވެސް ނެތެވެ. ކުއްލިއަކަށް މިއަދު އަހަންނަށް މިހުރިހާ ކަމަކާ ވިސްނަން މަޖުބޫރު ވެއްޖެއެވެ. އެއީ އަހަރެންގެ މާޒީއެވެ. ކޮންމެ މީހެއްގެ މާޒީގައި ވެސް ކޮންމެވެސް ކަމެއް ހިނގާފައި ވާނެއެވެ. އެގޮތުން އަހަރެންގެ މާޒީގައި ހިނގާފައި ވާ ކަމެއްގެ ސަބަބުން އަހަރެންގެ ފަސްބައިގައި ކަޅުލައްގަނޑެއް ޖެހިފައިވެއެވެ.

މަންމަ އައިސް ދޮރުގައި ތަޅަންފެށުމުން އަހަރެންގެ ހިޔާލީ ވާފަށް ކެނޑި ބުރިބުރި ވެގެން ހިނގައްޖެއެވެ. ކުއްލިއަކަށް އެނދުން ތެދުވެވިއްޖެއެވެ. ލޮލުން ފައިބައިފައި ހުރި ކަރުނަތައް ފުހެލާ ހަމަޖެހިލީމެވެ. ދޮރު ހުޅުވާލުމުގެ ކުރިން ބޮކި ދިއްލާލީމެވެ. ދަރިފުޅާ މިހާރު ގޮތެއް ނިންމައިފިންތަ؟ އެމީހުން އެބަތިބި އައިސް. ކޮޓަރިތެރެއަށް ވަންނަމުން މަންމަ ބުންޏެވެ. ދެން ކީކޭތަ މަންމަ ބުނީ؟ އިރުއިރު ކޮޅާ ނޭހިޔަސް އަހަރެން ވަކި ޖަވާބެއް ދޭނަމޭ. އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ. ނޫން ދަރިފުޅާ. ދެކޮޅު ނަހަދާތި. އެއީ ރަނގަޅު އާއިލާއެއް. މިކަހަލަ ރަނގަޅު ނަސީބެއް ލެއްވި ކަމަށްޓަކައި ޝުކުރު ކޮށްބަލަ. މާދިގުދަންމަންޏާ އެމީހުންވެސް ފޫހިވެގެން ހިނގައިދާނެ. މަންމަ ވިސްނައި ދިނެވެ. މަންމަ ދެން ދޭ. ބުނޭ އަހަރެން މިރޭ ޖަވާބެއް ދޭނަމޭ..

މަންމަ އަވަހަށް ފޮނުވާލުމަށްޓަކައި އަހަރެން ބުނީމެވެ. ދަރިފުޅާ! ދިރިއުޅުމަކީ ތަފާތު ތަޖުރިބާއެއް. ދަރިފުޅަކީ އަދި މީހަކާ ނީނދެ ހުންނަންޖެހޭ ވަރުގެ މުސްކުޅިއެއް ވެސް ނޫނެއްނު. ދެން ކީއްވެ ތިހާވަރަށް ތި ފަސްޖެހެނީ. ހަޔާތުގައި އެކި މީހުނަށް ދިމާވާނީ އެކި ކަންތައްތައް. އެހެނޭ ކިޔާފައި ދިރިއުޅުން އަދި ހުއްޓުނީކީ ނޫނެއްނު. ދަރިފުޅަކީ ގޯސް ކުއްޖެއްނަމަ ކީއްވެ ތިންހަތަރު މީހުން ކައިވެންޏަށް އެދިގެން އަންނަންވީ. ކޮންމެ ފަހަރަކު ދަރިފުޅު ދެކޮޅުހަދަނީ. އެކަމަކު މިފަހަރު އެހެން ހަދައިފިއްޔާ މަންމަ ވަރަށް ދެރަވާނެ. އާލިމް އަކީ ކިޔަވައިގެން ހުރި ރަނގަޅު ކުއްޖެއް. މާލޭގައި ގެދޮރު ހުރި ތަނަވަސް ބަޔެއް. މަންމަގެ އެތަކެއް ނަސޭހަތާ އެކު އަހަރެން އެއްބަސްކުރުވިއެވެ. މަންމަ ދިޔުމުން ދޮރު ޖަހާފައި އަހަންނަށް އެނދާ ދިމާއަށް އެނބުރިލެވުނެވެ. އަދި ބާރަށް ހިނގާފައި ގޮސް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. މާތްކަލާ ކޯ! މިޖެހުނީ ކޮންފަދަ ކަމެއް. ދެން މިކަން ނުކޮށްވާނެ ގޮތެއް ވެސް ނެތް. ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓާލެވުނެވެ. އާލިމް ދެމީހަކާއި އިންނަމަވެސް އަދި ކުއްޖަކު ނުލިބެއެވެ. ކުރި ދެ ކައިވެނި ރޫޅުމުން އާލިމް ހުރީ ކައިވެނި ކުރަން ފޫހިވެފައެވެ. ޗުއްޓީގައި އަހަރެންގެ ރަށަށް އައިސް އުޅުމުގެ ތެރޭގައި އަހަރުމެންގެ ގެއަށް އާލިމްމެން އައިސްއުޅެއެވެ. އަހަރެން ފެނިގެން އާލިމް މާ ގަޔާވެއްޖެއެވެ. އަހަރެން އަދިވެސް ހުހަށް ހުރިކަން އެނގިގެން އާލިމް ބޭނުންވީ އަހަންނާ އިންނާށެވެ. އަހަރެން ރުހޭނަމަ މާލެ ދިއުމުގެ ކުރިން ކައިވެނި ކޮށްގެން ދާށެވެ.

އޭގެ ހަފްތާއެއް ފަހުން ގޭގައި ކުޑަ ހަފްލާއެއް ބޭއްވުމަށްފަހު އަހަންނާއި އާލިމްގެ ކައިވެނިކުރެވިއްޖެއެވެ. އެދުވަހު އަހަރެންގެ މައިން ބަފައިންނާއި ދަރިފުޅުގެ މޫނުމަތިން ހިތްހަމަ ޖެހުމާއި ހިނިތުންވުން ފެނިގެންދިޔައެވެ. އެއީ އަހަރެންގެ ހިތަށް އުފާވެރިކަން ލިބިގެންދިޔަ މަންޒަރެކެވެ. ކައިވެނީގެ ރަސްމިއްޔާތުވެސް ނިމިއްޖެއެވެ. އަހަރެން ފުރަން ތައްޔާރުވީ މަރުވެފައިވާ މައްޔިތެއް ފަދައިންނެވެ. ފުރަތަމަ މާލެ ބަދަލުވި ދުވަސްކޮޅު އަހަންނަށް މަންމަމެން މަތިން ހަދާންވާ ވަރުން ހަމަނިދި ނުލިބެއެވެ. އަދި މާލޭގެ އެ މާހައުލު ވީ އަހަންނަށް ބީރައްޓެހި މާހައުލަކަށެވެ. އެމާހައުލަށް ހޭނެން ވަގުތު ނެގިއެވެ. އަހަރެންނާއި އާލިމް އަކީ ކުރިން ރައްޓެހިވެގެން އުޅުނު ދެމީހުންނަށް ވެސް ނުވާތީ، އާލިމާއެކު އުޅެން ދަސްކުރަން ޖެހުނެވެ. ނަމަވެސް އާލިމްގެ އޯގާތެރިކަމާއި އެހީތެރިކަމުގެ ސަބަބުން އަހަންނަށް ދިމާވި ހުރިހާ ނުތަނަވަސްކަމަކާއި ދަތިތަކެއް ދިޔައީ ފިލުވައި ދެމުންނެވެ.

އަހަރެމެންގެ ކައިވެނި ވީ އަހަރެން ހީކުރިވަރަށްވުރެ އުފާވެރި ހަރުދަނާ ކައިވެންޏަކަށެވެ. ދުވަސްކޮޅެއް ފަހުން އަހަރެންގެ ދަރިފުޅުވެސް ކިޔަވަން ބޭރަށް ފުރައިފިއެވެ. އާލިމް އަކީ އަހަރެންދެކެ އިންތިހާޔަށް ލޯބިވާ ރަނގަޅު ފިރިއެކެވެ. އާލިމް ގެ އެ އޯގާތެރިކަމުގެ ސަބަބުން ގެއްލުނު ފުރާވަރު އަނބުރާ ލިބިއްޖެއެވެ. ކައިވެންޏަށް ހަމަސް ފަހުން އަހަރެން ބަލިވެއިންކަން އެނގުނެވެ. ކުޑަކުޑަ އާއިލާއެއް ބެލެހެއްޓުމުގެ ޒިންމާ އުފުލަން ޖެހުނީއެވެ.

(ނިމުނީ)

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔެ ހުށައަޅާދިނީ ހދ.ކުޅުދުއްފުށީ/ ކުއްޅަވައްމާގެ، ފާތުމަތު ޙަސަން އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 12 ރަމަޟާން 1442 އެވެ.