ކާޝްވީ ނައިރު ޑައިރެކްޓްކޮށް އަނޫޖާ ޗޯހާން ސްކްރިޕްޓް ލިޔެފައިވާ ނެޓްފްލިކްސް ފިލްމު "ސަރުދާރު ކާ ގްރޭންޑްސަން" ގެ ޓްރެއިލަރ ދައްކައިލައިފިއެވެ. ފިލްމުގައި ފެނިގެންދާ ތަރިންނަކީ އަރުޖުން ކަޕޫރު، ރަކުލް ޕްރީތް ސިންގ، ނީނާ ގުޕްތާ، ސޯނީ ރަޒްދާން، އަދިތީ ރާއޯ ހައިދްރީ، ޖޯން އަބްރަހަމް އަދި ދިވްޔާ ސެތް އެވެ.
ފިލްމުގައި ދައްކައިދެނީ އެމެރިކާއިން އައި މާމަ ދަރިފުޅު، މާމަގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދިނުމަށް ކުރާ މަސައްކަތްތަކެވެ. ޓްރެއިލަރ ގައި ދިމާވަނީ ނީނާ ގުޕްތާ ސަރުދާރެއްގެ ގޮތުގައެވެ. ސަރުދާރުގެ މާމަ ދަރިފުޅު (އަރުޖުން ކަޕޫރު) ކިބައިން މާމަ އެދެނީ ލާހޫރުގައި ހުރި އޭނާގެ ޢާއިލާގެ ގެއަށް ގެންގޮސްދިނުމަށެވެ. އެކަން އެގޮތަށް ކޮށްދީފިނަމަ، އޭނާގެ ހުރިހާ ވިޔަފާރިއެއްގެ ވެރިއަކަށް ހަދާނެކަމަށް ބުނެއެވެ. ނަމަވެސް މާމަ ލަހޫރަށް ގެންދިއުމުގެ ހުއްދަ ނުލިބުމުން އޭނާ ނިންމީ ލާހޫރުގައި ހުރި ގެ އަމްރިތްސަރަށް ބަދަލުކުރުމަށެވެ. މި ފިލްމުގެ ވާހަކަ އާދަޔާ ޚިލާފްވެފައި ތަފާތެވެ. ނަމަވެސް މިކަހަލަ ދަނޑިވަޅެއްގައި މަޖާކޮށްލަން ބަލާލުން ރަގަޅު ފިލްމަކަށް މި ފިލްމުވާނެއެވެ.
ފިލްމުގެ ޓްރެއިލަރ ދެއްކުމުގެ ކުރިން އަރުޖުން ކަޕޫރު ވަނީ ފިލްމު ޓީމްގެ އާއިލީ ފޮޓޯތައް އެކުލެވޭ ވީޑިއޯއެއް އާންމުކޮށްފައެވެ. ފުރަތަމަ ފެނިގެންދަނީ އަދިތީ ރާއޯ ހައިދްރީ އޭނާގެ މަންމައާއިއެކު ނަގާފައިވާ ކުޑައިރުގެ ފޮޓޯއެކެވެ. އެއަށްފަހު އަރުޖުން އޭނާގެ މަންމައާއެކު ނަގާފައިވާ ފޮޓޯއެކެވެ.
މާމައެއްގެ ރޯލުން ފެނުމުން ބެލުންތެރިން ދެކޭގޮތް ބަލާލުމަށް ނީނާ ގުޕްތާ ހުރީ ކެތް މަދުވެފައެވެ. މިއީ އާއިލާއާއިއެކު ބަލާލުމަށް ހަމަ އެންމެ ރަގަޅު އެއް ފިލްމެވެ. ފިލްމުގައި މަސައްކަތްކުރުމާމެދު އަރުޖުން ބުނެފައިވާ ގޮތުގައި ތަޖުރިބާކާރު ކާސްޓުންތަކާކާއެކު މަސައްކަތްކޮށްލަން ލިބުމަކީ އޭނާއަށް ލިބުނު ރަގަޅު ތަޖުރިބާއެއްކަމަށެވެ. އަދި އުންމީދުކުރަނީ މާމައަކާއި މާމަދަރިފުޅެއްގެ ދެމެދު އޮތް ލޯބިވެތި ގުޅުން ބެލުންތެރިންނަށް މި ފިލުމުން ފެނިގެންދާނެކަމަށެވެ.
އަރުޖުން އެންމެ ފުރަތަމަ ފެނިގެންގޮސްފައިވަނީ ޕަރިނީތީ ޗޯޕްރާއާއެކު 2012 ވަނަ އަހަރު ނެރުނު ފިލްމު "އިޝްގް ޒާދޭ" އިންނެވެ. "ބޫޓު ޕޮލިސް" އަދި "އެކް ވިލަން ރިޓާރންސް" އަކީ އަރުޖުންގެ ކުރިއަށް ހުރި ފިލްމުތަކެވެ. އަރުޖުންގެ އެންމެ ފުރަތަމަ ފިލްމީ މަސައްކަތަކީ 2003 ވަނަ އަހަރު ނެރުނު ކަލްހޯނަހޭގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަސައްކަތެވެ.