"އެކެއް، ދޭއް، ތިނެއް.." ޝަޓަރުގެ އަޑަށް އެންމެންގެ މޫނުމަތިން ފެނިގެން ދިޔައީ ހިނިތުންވުމެވެ. އެހާމެ ރީތި ބެކްގްރައުންޑެއްގައި އިށީނދެލާ ތިބި ހަތަރު މީހުންގެ ނަޒަރުވެސް ހުއްޓިފައިވަނީ ކުރިމަތީގައި ހުރި ކެމެރާއަށެވެ. މައިރާއާއި ޒައިދު އަތާއި އަތް ޖޯޑުކޮށްލައިގެން އިށީނދެ ތިބިއިރު ހީވަނީ އަލަތު ލޯބިވެރިން ހެންޏެވެ. މަޑުމަޑު ރަތް ކުލައިގެ ހެދުމަކާއި ފިޔާތޮށި ބުރުގަލެއްގައި މައިރާ ފެންނައިރު ޒައިދު ލައިގެން ހުރި ހުދު ކުރުތާއިން ތަސްވީރަށް އިތުރު ހިތްހަމަޖެހުމެއް ގެނެސްދެއެވެ.
މައިރާގެ ކޮނޑުގައި އަތް ބާއްވައިލައިގެން ހުރި މައިރާގެ ހަގު ދަރިފުޅު، 15 އަހަރުގެ ޒައިރާންގެ ދެލޯ ފެންކަޅިވެގެން ދިޔައީ މަންމައާއި ބައްޕަގެ ލޯބި ފެނިފައެވެ. ރަށުގައި ނަންހިނގާ އެންމެ މަޤުބޫލު އެއް ޖޯޑުގެ ކައިވެންޏަށް 20 އަހަރު ފުރޭ މި އުފާވެރި ދުވަހު، ހަނދާނުގެ ތެރެއަށް ދޫކޮށްލުމަށް މި ފޮޓޯ ނެގުމުގެ ޚިޔާލު އައީތީ ޒައިރާންގެ ހިތާހިތުން އުފާ ކުރިއެވެ. ޒައިރާންގެ ކަނާތުފަޅީގައި ހުއްޓިލައިގެން، ލަދުވެތި ހިނިތުންވުމަކާއެކު ކެމެރާއަށް ބަލަހައްޓައިގެން އެހުރީ މީރާއެވެ.
މަޑުމަޑު ފިޔާތޮށި ކުލައެއްގެ ހެދުމެއްގައި ކަޅު، ދިގު އިސްތަށިގަނޑު ގަތާލާފައި އޮތީ ވަރަށްވެސް ފަރުވާތެރިކަމާއިއެކުކަން ބަލައިލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ނަމަވެސް ބަލައިލި ކޮންމެ މީހަކަށް އެދެލޮލުގެ ތެރޭގައި ފޮރުވިފައިވާ މާޔޫސްކަމާއި އުދާސްތައް ނުފެނުމަކީ ވަރަށްވެސް ބޮޑު ހިތްދަތިކަމެވެ. މީރާގެ ކަންފަތަށް އަޑުއަހަން ބޭނުންނުވާ އެތައް އަޑުތަކެއް އިވެއެވެ. މީރާގެ ލޮލަށް ބަލަން ބޭނުންނުވާ އެތައް މަންޒަރުތަކެއް ފެނެއެވެ. މީރާގެ ދުލުން ބުނަންބޭނުންވާ އެތައް ވާހަކަތަކެއް ނުބުނެވިދެއެވެ. އެކަމަކު އެވާހަކަތައް އަޑުއަހާނޭ އިތުރު މީހަކު ނެތެވެ.
އިރު ސަތަޙައިގައި ބޮސްދިނުމަށްފަހު އުދަރެހާއި ނިވާވެއްޖެއެވެ. ކަޅުފޮއި ރޭގަނޑު މުޅި ޖައްވު ފަތަޙަކުރަމުންދިޔައިރު ރޭޑިޔޯއިން އިވެމުންދިޔައީ ރޭގަނޑު އަށެއްގެ ޚަބަރެވެ. ކާމޭޒުމަތި ތައްޔާރުކުރުމަށް މީރާގެ އަތާއި ފައި ހަރަކާތްކުރިއިރު އޭނާގެ ކަންފަތް ވަނީ ޚަބަރުގެ އަޑަށްގޮސް ގެއްލިފައެވެ.
"ދަރިފުޅާ! މީރާ!" ބައްޕަގެ އަޑު މީރާގެ ކަންފަތުގައި ޖެހުމާއެކު މީރާ ކުރަމުންދިޔަ މަސައްކަތް މަޑު ޖައްސާލިއެވެ. "ލައްބަ. ކީކޭ؟" ބައްޕައާ ދިމާލަށް ބަލާލުމަށްފަހު މީރާ އަހާލިއެވެ. "މިރޭ މަންމަ ނުނިކުންނަ ރެއެއްތަ؟ އަނެއްކާ ބޮލުގައި ރިއްސަނީ؟" ޖަވާބުގައި ޒައިދު އަހާލިއެވެ. "ޔެސް. ކުޑަކޮށް ބޮލުގައި ރިއްސާތީ މަންމަ އުޅުނީ. އަހަރެން ކާން ހަދާ ނިމުނީ މި. އާދޭ ކާން." ބައްޕައަށް ތަށްޓެއްލައިދެމުން މީރާ ބުންޏެވެ.
"މަންމާ!! އަންނަގަ ކާން" މަންމަ ކޮޓަރީ ދޮރު ހުޅުވާލިއިރު މަންމައަށް އޮތީ ނިދިފައެވެ. ހީވާ ގޮތުން މިއަދު މީރާގެ މަންމަ މާ ބުރަކޮށް އުޅުނީއެވެ. މަންމައަށް އަރާމުކޮށްލަން ވަގުތުކޮޅެއް ދިނުމަށްޓަކައި އެކޮޓަރީގެ ދޮރު ޖެހުމަށްފަހު ދެން މީރާ މިސްރާބުޖެހީ ކޮއްކޮގެ ކޮޓަރިއާދިމައަށެވެ. ފުންނޭވާއަކާއެކު ޓަކި ޖަހާލުމަށްފަހު ދޮރު ހުޅުވާލިއިރު މީރާގެ ކޮއްކޮ އިނީ ލެޕްޓޮޕް ހިފައިގެން ގޭމު ކުޅޭށެވެ. ދެތިންބުރު ގޮވުމުންވެސް ޖަވާބެއްނުލިބުމުން މީރާ ގޮސް ކުރިމަތީގައި ހުއްޓި ދެއަތްހޫރާލިއެެވެ ޒައިރާންއަށް މީހެއްގެ ހިލަމެއްވުމުން ކަންފަތުގައި އިން ހެޑްސެޓް ނައްޓުވާލުމަށްފަހު މީރާއާއި ދިމައަށް ބަލައިލިއެވެ.
"މޮޔަވީތަ؟" ޖަވާބުގައި މީރާ ބުންޏެވެ. "ކާން ހަދާފައި ހުރީމައި ކާންގޮވަން ވެގެން މި އައީ."
"ހޫން ނެތް ކާހިތެއް" ޖަވާބަށްފަހު ޒައިރާން އަނެއްކާވެސް ހެޑްސެޓް ކަންފަތުގައި ޖަހާލާ އަނބުރާ ގޭމު ކުޅެންފެށިއެވެ. މީރާވެސް އިތުރު ވާހަކައެއް ނުދައްކާ ނިކުމެ ދޮރު ޖެހިއެވެ. އަދި އަނބުރާ ކާމޭޒު ދޮށަށްގޮސް ބައްޕައާއިއެކު ކާން ފެށިއެވެ.
އޭގެ ބައިގަޑިއިރު ފަހުން މީރާގެ މަންމަ މައިރާވެސް ތެދުވެ ކައިގެން ގޮސް އަނެއްކާވެސް އޮށޯތެވެ. އެންމެން ކައި ނިމުމާއެކު މީރާ ތަށިތައް ނަގާ މޭޒުމަތި ސާފު ކުރަން ފެށިއެވެ. މީހެއްގެ ހިލަން ވެގެން ބަލައިލިއިރު މީރާގެ ކޮއްކޮއެވެ. "ކޯންޗެއްތަ ހުރީ ކާން؟"
"މް .. އަނެއް...." މީރާގެ އަނގަ އޮޅުނެވެ. "ކުރިން ބުނީމެއްނު ނުކާނަމޭ.
އެހެންވެ އަހަރެން ބާކީ ހުރި ރިހަކޮޅުވެސް އުކާލައިފިން " މަޑުމައިތިރިކަމާއެކު މީރާ ބުންޏެވެ. ޒައިރާންގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ. "ކޮންމެހެން ޖެހޭތަ އުކާލަން. ބަލަ އަހަރެން އެހެން ބުންޏަސް ކަމުދޯ. ދެން ނުޖެހޭނެ ދޯ އުކާލާކަށް." ޒައިރާން ވެފައިހުރި ބަނޑުހައިހޫނުކަން ލަފްޒުތަކުގެ ސިފައިގައި ބަންޑުންކޮށްލިއެވެ. "މަ ނުކައި ހުއްޓަސް ވަރިހަމަ. އެކަމަކު ތިޔަ ޒަޢީމާ އަކާ އަކުރަމްއަކާ އަހިސްފިއްޔާ ބަލާނެ ނުކައްކާ ހުންނަ އެއްޗިއްސަށް ދަންދެން ކާންދެވޭތޯ! މިދެން ބޮޑުވަރުދޯ. މަހޯދަން ނާންނާތިދެން!" ދުލުން ބަސްތައް ބޭރުކުރަމުން ޒައިރާން ހިނގާފައިގޮސް ކޮޓަރިއަށްވަދެ ބާރަށް ދޮރު ލެއްޕިއެވެ.
ބަހައްޓާފައިހުރި ބުދެއްހެން ޒައިރާން ކީހާއެއްޗެއް ކިޔަންދެން މީރާ ގުޑިވެސް ނުލާ ހުއްޓެވެ. ދެލޮލުގެ ތެރޭގައި ޖަމާވަމުންދިޔަ ކަރުނަތައް ހިފެހެއްޓުމަށްޓަކައި ދެލޯ މަރާ ބާރުކޮށްލިއެވެ. ފުން ދެތިން ނޭވާއެއްލުމަށްފަހު ދެލޯ ހުޅުވާލިއެވެ.
"ދަރިފުޅާ މީރާ! ދެންމެ އެއިވުނީ ކޮންއަޑެއް؟" ބޭރުން ވަދެގެންއައި ޒައިދު އަހާލިއެވެ. ނޭފަތް ދަމާލުމަށްފަހު މީރާ ޖަވާބުދިނެވެ. "ކޮން އަޑެއް؟ ތިވާނީ ރޭޑިޔޯއިން އިވުނު އަޑެއް ކަމަށް" ޖަވާބަށްފަހު އަވަހަށް ޒިންކުގައި ހުރި ތަށިތައް ދޮވުމަށް މީރާ އަވަސްވެގަތެވެ. ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ނިދަން ތައްޔާރުވިއެވެ.މިޜާގެ ބޯ ގޮސް ބާލީހުގައި ޖެހުމާއެކު ފުންނިންޖެއްގެ ތެރެއަށް ގެނބުނެވެ. ހިޔާލެއް ފިކުރެއްނެތި، ހުވަފެނުގެ ފޮނި މާލަމުގައި ވަގުތު ހޭދަކުރަމުންދިޔައެވެ.
އާދުވަހަކަށް އިރު އަރައިފިއެވެ. މައިރާ އަވަދިނެތި އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. ގޭތެރެ ކުނިކަހާ ސާފުކުރުމުގައި މީރާ އުޅޭތަން ފެނެއެވެ. ޒައިދު އޮފީހަށް ދިޔައިރު، ޒައިރާންވީ ސްކޫލަށްގޮހެވެ. ދެމައިން ގޭތެރޭގެ މަސައްކަތް ކުރަމުން ދިޔައިރު، އިރުވެސް އޭގެ ވާޖިބު އަދާކުރަމުންގޮސް މެންދުރު ވެއްޖެއެވެ. މެންދުރު ކާން މީރާ އިންއިރު އޭނާ ވިސްނަނީ ބައްޕައާއި މަންމަ ގާތު އެވާހަކަ ބުނާނެގޮތެކެވެ. ދެފަހަރަކު އިސްނަގާ، އަނގަ ހުޅުވާލުމަށްފަހު އަނެއްކާވެސް ތިރިއަށް ބަލާލިއެވެ. މިކަން ފާހަގަވެގެން ޒައިރާން ސުވާލުކުރިއެވެ. "ދޮންތަ ކޮންވާހަކައެއްތަ ނުބުނެވިގެން ތިއުޅެނީ؟". މީރާގެ ދެލޯބޮޑުވިއެވެ. އެންމެންގެ ނަޒަރު ހުރީ މީރާއަށެވެ. އަމިއްލަ ނަފްސަށް ކުރިއަށް ދިއުމަށް ހިތްވަރުދެމުން ވާހަކަދައްކަން ފެށިއެވެ.
"އަހަރެން ބޭނުން ވަޒީފާއަކަށްދާން. ޒަޢީމާ ބުނީ ކޯޓުގައި އެބައޮތޯ ވަޒީފާއެއް ހުސްވެފައި. ކޮމްޕިއުޓަރ ކޯސް ނިންމިފަހުން ދެތިންމަސް ވެއްޖެއެއްނުން... ޒަޢީމާވެސް އުޅެނީ ވަޒީފާގައި....". މައިރާގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ. "ޒަޢީމާ އުޅޭގޮތައްތަ އެންމެން އުޅެންވީ؟ ޒަޢީމާ އެއީ އެކަނިވެރިމައެއްގެ ހުރި ހަމައެކަނި އަންހެންދަރި... އެހެން ހުރިހާ ފިރިހެން ދަރިން މީހުންނާ އިނދެގެން ގޮސްފި. އެހެންވީމާ އޭނާ ޖެހޭނެދޯ މަސައްކަތްކުރަން ލާރި ހޯދަން."
" ދެން މަންމާ.... އަހަރުމެން ވަކި މިއުޅެނީ...." މީރާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޒައިދު ވާހަކަ ދައްކަންފެށިއެވެ. "ދެން މީރާ ބޭނުމިއްޔާ އޭގައި ކޮބާތަ މައްސަލައަކީ؟ މައިރާ ތިއުޅެނީ މީރާ އުމުރުދުވަހު ގޭގައި ބަހައްޓަންތަ؟ މީރާވެސް އަމިއްލަ ފައި މައްޗަށް ތެދުވަން މަސައްކަތް ކުރަންވާނެ. މިހާރު ނުލާހިކު ގިނަ އަންހެންކުދިން ވަޒީފާއަށްދޭ. އަނެއްކާ އެހެން ގޭގައި ހުންނަންވީމާ ފޫހިވެސް ވާނެދޯ". ކާން އިންތަށި ދޫކޮށްލާފައި މައިރާ ކާމޭޒުމަތިން ތެދުވެ ހިނގާފައިގޮސް ކޮޓަރިއަށްވަދެ ތަޅުލިއެވެ. ދެލޯބޮޑުކޮށްލުމަށްފަހު މީރާ ބައްޕައާ ދިމައަށް ބަލާލިއެވެ. "ބައްޕާ!"
" ދަރިފުޅު އެކަމާ ހާސްނުވޭ. ބައްޕަ ދައްކާނަން މަންމައާ ވާހަކަ. ދަރިފުޅު ވަޒީފާއަށްލުމަށް ތައްޔާރުވޭ ". ބަރު ހިތަކާއެކު މީރާ ބޯޖަހާލިއެވެ. ޒައިދުވެސް ކައި ނިންމައިގެން ބޭރަށް ނިކުތެވެ. މީރާ ހުރީ ޒިންކު ކައިރީ ތަށިތައް ދޮންނާށެވެ. "ދެން މަންމަ ނުޤަބޫލުގައި ޖެހޭތަ ހަމަ... ވަރަށް ފޫހި..." މީރާގެ ކަންފަތް ދޮށުގައި އިވުނީ ޒައިރާންގެ އަޑެވެ. ޒައިރާންގެ ކޮނޑުން ކުޑަކޮށް ކޮށްޕާލުމަށްފަހު މީރާ އެއްފަރާތަކަށް ޖައްސާ، އަތް ދޮވެލައިގެން ޒައިރާން ގޮސްފިއެވެ. މީރާ ހުރިތާ ގަބުވެފައި ހުއްޓެވެ. މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ހީވަނީ ފުރަތަމަ ފަހަރުހެންނެވެ.
ހަވީރުގެ ފިނިރޯޅި ޖެހެމުންދިޔައީ ރުކުގެ ފަންވަތްތަކުން މަޑުމަޑު ރާގެއް އިއްވަމުންނެވެ. އިރުގެ ދޯދިތައް ގަސްތަކުގެ ފަތްތަކުގެ ތެރެއިން ފުރޭނި، ބިންމަތީގައި ތަފާތު ބައްޓަންތައް ކުރަހަމުން ދިޔައެވެ. ހަވީރުގެ ފިންޏަށް އެއްބަޔަކު ހިނގާލަން އުޅޭއިރު މައިރާ އިނީ ގޭކައިރީ އަންހެނުންތަކާ، އެކިމީހުންގެ ރަހުމަތްތެރިންތަކާއެކު ޑިގު ގަނޑެއް ޖަހާށެވެ.
" އިހަށްދުވަހު އެއުޅޭ މަރިޔަމްމަނިކެ ބުނި އެގޭ އަކުރަމް މިހާރު އުޅެނީ ރަށު އޮފީހުގައި ވަޒިފާގަޔޯ. އާނ އަދި ނަޢީމާ އުޅެނީ މީހަކާ އިންނާށޯވެސް ބުނި. ކުރީގައި ގެ ކައިރީ ދުވެ ދުވެފައި އުޅުނު ކުދިބޮއްތައް ބޮޑުވިއްޔޭދޯ. ހާދަ އަވަހޭ މިވެރިން ބޮޑުވާލެއްވެސް." އައިޝާ ކުޅުމުގެ ތެރެއިން ބުނެލިއެވެ. މިކަމާ ބައިވެރިވުމުގެ ގޮތުން މަހުދިއްޔާވެސް އޭނާއަށް އިވިފައި އޮތް ވާހަކައެއް ހިއްސާކުރުމަށް އަވަސްވެގަތެވެ. " ހޫން.. ނަޢިމާ އިންނަނީ މުއްސަންޖެއްގެ ދަރިޔަކާއޯ އަޑުއެހިން. ބީރަށްޓެއްސެކޯ އެއީ."
"މަށާ ޒައިދުއާ އެއްފެންވަރުގެ ކައިވެނި ޕާޓީއެއް ދެން ނުބޭއްވޭނެ" ވާހަކައިގައި ބައިވެރިވެލުމުގެ ގޮތުން މައިރާވެސް ބުނެލިއެވެ. މިއަޑު އިވިފައި އައިޝާ ހިނިގަނޑެއް ޖަހާލިއެވެ. " މައިރާ ރަންކޮޅާ! ހިތް އާސްމާނުގައި ނުބާއްވާ.
އޭރުގައި ކިތަންމެ ފެންވަރަކަށް އެ ޕާޓީ ވިޔަސް މިއީކީ އެޒަމާނެއް ނޫން. އެހެންނޫނަސް މައިރާގެ ބައްޕައަށް ވުރެން ނަޢިމާގެ ބައްޕަވެސް މާ މުއްސަނދިވާނެ". އައިމިނަތުވެސް ބަހެއް ބުނެލަން ބޭނުންވިއެވެ. "ކަން ތިހެން އޮތަސް ބައެއް މީހުން މިހާރު އުޅޭ ނެތް ފެންވަރު ދައްކަންވެސް" އެންމެންގެ ތެރެއަށް އައި ހަމަހިމޭންކަން ފާހަގަވެ މަހުދިއްޔާ މައުޟޫ ބަދަލުކޮށްލަން މަސައްކަތްކުރިއެވެ. " މައިރާ!.... މީރާ ވަޒީފާއަކަށްލާން އުޅޭ ވާޙަކަ އަޑުއެހިން. ތެދެއްތަ؟" މަހުދިއްޔާ ކާޑެއް ނަގާ އަތްބަޔަށް ލަމުން މައިރާއާ ދިމައަށް ބަލައިލިއެވެ. "މިހާރު މީރާއަށް 19 އަހަރު.
ދެން ރަނގަޅުވާނީ ވަޒީފާއެއްގައި އުޅެލާފައި މީހަކާ ދެވީމާ. . އޭރުން ފަހަކުން ނުރޯނެ ތިމަންނައަކަށް ވަޒީފާއަކަށް ނުދެވުނޭ ކިޔާފައެއް. މިހާރު އުޅޭ ކުދިން ވަރަށް މިނިވަންކަން ބޭނުންވާނެ. ނިކަން ބަލާ ސަލްމާ ގޯތީ ހައްވައަށް. މީހަކާ ފުރަތަމަ ދެވީމައި ވީގޮތް. މިހާރު ވަޒީފާއަށްދޭ….ވަރިވެގެން އުޅެނީ. ދަރިން ބަލަންޖެހުނީ ސަލްމާއަށް. އެހެންނުންވާނީ ޓީޗަރުކަން ކިޔަވަން ފޮނުވީމާ. ... އެހެންވެ މަ ރިޝްމީ ވަޒީފާއަކަށް ފޮނުވީ ފުރަތަމަވެސް. މީހަކާ އިނީމާ ބޭނުންހާ ގޮތަކަށް ނޫޅެވޭނެ. އަންހެން ދަރީން ޖެހޭނީ ގޭގައި ދަރިންބަލަން ތިބެން. މިހާރު އެމަންޖެ ކިހާ ހިތްހަމަޖެހިގެން އެއުޅެނީ. ފިރިމީހާ ބޭނުން އެއްޗެއް ހޯދައިދޭ. އަނެއްކާ ނުބުނެވޭނެ ވަޒީފާއަކަށް ނުފޮނުވިއްޔޭ. މަގޭ ބޮލަކަށް ނޭރޭނެވިއްޔާ"
"އަހަހަ.... މަހުދިއްޔާ ވާ ބޯބޮޑު" އައިޝާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލަމުން ބުނެލިއެވެ.
މައިރާ އޭނާގެ އަތްބަޔަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލުމަށްފަހު ހީލިއެވެ. އަދި މަހުދިއްޔާ ޖެހި ކާޑު ނަގާ އަތް ބަޔަށް ލުމަށްފަހު ކާޑެއް ދޫކޮށްލިއެވެ. އަދި ބާކީ އަތްބައިގައި ހުރި ކާޑުތައް އެންމެންނަށް ފެންނާނެހެން އަތުރާލިއެވެ. "އާނ. މީރާވެސް އެއުޅެނީ ވަޒީފާއަށް ދާންވެގެން" ލުއި ހިނިތުންވުމަކާއެކު މައިރާ ބުނެލިއެވެ.
މީރާ ވަޒީފާއަށް ދާތާ މިހާރު 2 މަސް ދުވަސް ވެއްޖެއެވެ. ކޯޓަކީ ވަރަށް މަސައްކަތް ބުރަ ތަނަކަށްވުމުން މީރާއަށް ކޮންމެދުވަހަކުހެން މަސައްކަތް ނިންމާލާފައި އާދެވެނީ އަޞުރުވާން އުޅެނިކޮށެވެ. ވެފައި ހުންނަ ވަރުބައްޔާއެކުވެސް މަންމައަށް އެހީތެރިވުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ގޭގެ މަސައްކަތްތައްކޮށް ރޭގަނޑަށް ކާއެއްޗެތި ތައްޔާރުކުރެއެވެ.
ހަވީރަކީ ގޭތެރެ ވަރަށްވެސް ހިމޭންވާ ވަގުތުކޮޅެކެވެ. ޒައިދު ކޮންމެ ދުވަހަކުވެސް އޮފީހުން އައިސް ނިދާއިރު ޒައިރާން ދާނީ ފުޓުބޯޅަ ކުޅޭށެވެ. ރަށުގެ ޒުވާނުންނާއި ފުރާވަރުގެ ކުދިން އެއްވެ ކުޅުމަކީ ވަރަށްވެސް ފޯރި ހުންނަ ކަމެކެވެ. މައިރާގެ ކަމަކީ ގޭކައިރީ އަންހެނުންތައް އެއްވެ ތާސްކުޅުމާއި އެކި އެކި އަނގަތެޅުމެވެ.
އެހެން ރޭރެއެކޭ އެއްގޮތަށް އެރޭވެސް މީރާ އުޅުނީ ކާން ހަދާށެވެ. މައިރާވެސް ކާތަށިތައް ހިފައިގެން އަހިސް ޒައިދުއާ ޖެހގެން އިން ގޮނޑިގައި އިށީނެވެ. "ޒައިދޫ! މާދަމާ އެބޮތް ޒައިރާންމެން ކްލާސް ޕޭރެންޓް ޓީޗަރ މީޓިންގެ. އަހަރެންތަ ދާންވީ ނޫނީ ޒައިދުތަ ދާނީ؟"
"ކޮންއިރަކުން އޮތީ؟" ތަށްޓަށް ބަތް އަޅަމުން ޒައިދު އަހާލިއެވެ. ދުރުގައި އިން ރިހަ ތަށި ކައިރިކޮށްދެމުން މައިރާ ޖަވާބުދިނެވެ. "ސްކޫލް ނިމޭގަޑީގައި އިނީ.... އެގަޑީގައި ނުދެވޭނެދޯ..."
"އާނ އެއީ ވަރަށް ތާށި ގަޑިއެއް. އެހެންވީމާ މައިރާދޭ. ހަމަ ރަނގަޅުވާނެ" ޒައިދުގެ ބަހަށް ބޯޖަހާލުމަށް ފަހު މައިރާވެސް ކާންފެށިއެވެ. މިރޭވެސް ޒައިރާން ކާކަށް ނާދެއެވެ.
"ކީކޭ؟ ހަމަ ޒައިރާން؟ .... ޒައިރާން އެހެނެއް ނޫޅޭނެ!" ބޯތަޅުވާލަމުން ކުރިމަތީގައި އިން ޒައިރާންގެ ކްލާސްޓީޗަރާ ދިމައަށް މައިރާ ބުނެލިއެވެ. އެއިރު މައިރާގެ ވާތުފަޅީގައި ޒައިރާންވެސް އިނެވެ. ފުންނޭވާއަކަށްފަހު ޓީޗަރު ޖަވާބުދިނެވެ. "އަޅުގަނޑު ގާތުގައި ވަރަށް ގިނަ ޓީޗަރުން މިކަން ފާހަގަ ކޮށްފަ އޮތީ. ގެއަށް ހަވާލުކުރެވިފައި ހުންނަ ފިލާވަޅުތައް ނުނިންމާ ވާހަކަ. ކްލާހުގައި ކިޔަވައިދޭ ގަޑީގައި އެހެން ކުދިންނާއި ބައިވެރިވެގެން ސަކަރާތް ޖަހާ ވާހަކަ. އާނ... އަދި އެއްޓީޗަރަކު ފާހަގަ ކުރި ސްކޫލަށް ގެންނަން ނުޖެހޭ ތަކެތި ގެންނަކަމަށްވެސް. ޒައިރާން އަކީ މިހާރު ކުޑަކުއްޖެއްނޫން. ޒައިރާން އަށް މީގެ ކުރިން ނަޞޭހަތްވެސް ދީފައިވާނީ. ތަކުރާރުވަމުންދާތީ ޒައިރާން އާއިއެކީ ބެލެނިވެރިޔާއާވެސް މި ހިއްސާ ކުރީ."
"އައިޝާ ދަރި ނަޝީދުވެސް ސްކޫލަށް ގެނޭ ގެންނަން ނުޖެހޭ އެއްޗިސް. އިހަށް ދުވަހަކު ސެންޓު ފުޅިއެއް ގެނެސްގެން އުޅުންވާހަކަ އަޑުއެހިން. އައިޝާ ކައިރީ އެވާހަކަ ދައްކަންވީނުން. އެހެންމީހުންގެ ދަރިންވެސް އުޅޭ އެހެން. އަނެއްކާ ތި ކްލާސް ޓީޗަރުން ޒައިރާންއަށް ތަފާތުކުރުން ގެންގުޅޭ…. އަހަރެންނަށް އެނގިގެން މިހާރު 3 ދުވަހު ގެއަށް ފޮނުވާލައިފި ފޮތްބަލާ. އެއުޅޭ އެކައުންޓް ޓީޗަރ. ހަމަ ހަނދާން ނެތިދާނެ ދޯ"
މައިރާގެ މިވާހަކަތަކުން ޓީޗަރު ގެ މޫނަށް ތަފާތު އެތައް ކުލަވަރުތައް އަރަމުންދިޔައިރު އެކަން ނުދެއްކޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އަދި މައިރާ އާއި ވަރަށް ފަރުވާތެރިކަމާއެކު ވާހަކަ ދައްކަންފެށިއެވެ. " އަޅުގަނޑަށް މައިރާ ގާތުގައި ދެއްކޭނީ ޒައިރާންގެ ވާޙަކަ ނޫންތޯ؟ އަޅުގަނޑުގެ ނަޞޭހަތަކީ ދެންމެ ބުނި ކަންކަން ރަނގަޅުކުރުން" ޒައިރާންގެ މޫނަށް ބަލާލިއެވެ. "ކުރިއަށް އޮތީ ވަރަށްވެސް މުހިންމު އަހަރެއް އެކަން ދަނެގެން މިއަހަރު ރަނގަޅު ނަތީޖާއެއް ހޯދަން ޒައިރާން މަސައްކަތް ކުރަންވީ. މިސްމެންނާ ސަރ މެން ތިބޭނަން ހަމަ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން" ޓީޗަރު ހިނިތުންވުމެއް ދިނެވެ. އެހެނަސް މައިރާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމެވެ.
"ޒައިދު މަމިބުނީނުން އެ ޓީޗަރު ބުނި އެތި. ނަޝީދު އެއްޗެހި ގެންނަވާހަކަ ބުނީމަ ނުކެރުނު އެއްޗެކޭ ބުނާކަށް. އެހެންނުންވާނީ އައިޝާގެ އަނގަޔާ އެއްވަރަށް ނަޝީދުގެ ބައްޕަ ނުލާހިކު ނުފޫޒުގަދަވާނެ. އަހަރުމެން އެ ލެވެލް ނޫނީމަ މަލާމާތް ކުރަނީއެ" ރޭގަނޑު ގެ ކާމޭޒުމަތީގައި މައިރާ ހުރިހާ ވާހަކަތަކެއް ބަންޑުންކޮށްލިއެވެ. މީރާގެ ވިސްނުން އޭނާގެ މަންމަ ދެއްކި ވާހަކައާ ތަފާތުވުމުން އޭނާވެސް އެއްޗެކޭ ބުނެލަން ބޭނުންވިއެވެ. "މަންމާ! އެކަމަކު އެހެން މީހުންގެ ދަރިންގެ ވާހަކައެއް ނޫނެއްނުން ދައްކަންވީކީ. ޒައިރާން އަކަށްނޫންތަ ނަޞޭހަތް ދޭންވީ. މިހާރުވެސް....."
މީރާގެ ދޫ ބަންދުކޮށްލަން މައިރާ ވާހަކަ ދައްކަން ފެށިއެވެ. "މިހާރު މީރާވެސް މަގޭ ކުރިމަތީގައި ބަސްބުނަންފެށީދޯ. ބަލަ އަހަންނަށޭ އެނގޭނީ އަހަރެންގެ ދަރިން ބަލަންވީގޮތް". މީރާ ދިޔައީ ސިއްސައިގެންނެވެ. މިހާތަނަށް މަންމަ އެހާ އަޑު ހަރުކޮށް މީރާއާއި ވާހަކައެއް ނުދައްކައެވެ. އެހެންވުމުން މީރާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒައިދުއަށް ނުހުރެވިގެން އެންމެ ފަހުން މައިރާއާ ދިމާއަށް ބުންޏެވެ. " ދެން ތިވާހަކަ ދެއްކުން ހުއްޓާލާ. ތިއީކީ ޒުވާބު ކުރަންޖޭހޭ ކަމެއް ނޫން" ކާތަށި ދުރަށް ޖައްސާލުމަށްފަހު ޒައިދު ތެދުވިއެވެ. އެއިރު ޒައިރާން ދޮރިމަތީގައި އަޑުއަހަން ހުއްޓެވެ.
"ކޮންމެހެން ދޮންތަ ޖެހޭތަ ނުބެހޭ ކަންތައްތަކާ ބެހެން އައި" ރުޅިއަހިސްފައި ޒައިރާން ބުންޏެވެ.
"ބަލަ ދޮންތަ މިއީ ޒައިރާންއަށްވުރެ ބޮޑު މީހެކޭ. ޒައިރާން ގޯސްކޮށް އުޅެވެންޔާ ނަޞޭހަތް ދެވޭނޭ." މީރާ ޖަވާބުދިނެވެ.
"ވަރިހަމަ ނުޖެހޭ އަހަރެންގެ ކަންތައްތަކާ ބެހޭކަށްދޯ ... އަމިއްލަ ކަންތައްތަކާ އުޅެބަލަ" މިހެން ބުނުމަށްފަހު ޒައިރާން ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
"އާހް......" މޫނުމަތީގައި ދެއަތް އަޅާލަމުން މީރާ އަނގައިން އުދާސްތައް ބޭރުކުރެވޭތޯ އުޅުނެވެ. އެރޭ ނިދުމުގެ ކުރިން އެނދުމަތީގައި ދެފައިވަށްކޮށްގެން މީރާ އިނެވެ. ވިސްނާށެވެ. ފިކުރުކުރާށެވެ. ހަނދާނުގެ ތެރެއަށް ޤަރަގުވާށެވެ. ވިސްނާލެވުނެވެ.. ޅައިރުން ފެށިގެން މިހާރުގެ ހިތްދަތި ހަނދާންތައް ވަށާލަމުންދިޔައިރު ދެލޮލުން ހިފެހެއްޓުމެއްނެތް ކަރުނަތައް އޮހެއެވެ.
* އޭގެ 8 މަސް ފަސް
މީރާ ގަޑި ބަލާލިއިރު ހަވީރު 4 ޖަހައިފިއެވެ. ފުނިޖެހިފައި ހުރި މަސައްކަތްތައް ނިންމަން އިނދެވުނީ ވެފައިހުރި ބަނޑުހައި ހޫނުކަން މަތިން ހަނދާން ނެތިފައެވެ. އަވަހަށް ކޮމްޕިއުޓަރު ނިއްވާލުމަށްފަހު ދަބަހަށް ފޯނުލާ، ދަބަސް ކޮޑުގައި އަޅުވާލިއެވެ. އަދި ހުރިހާ ލައިޓްތައް ނިއްވާލުމަށްފަހު އޮފީސް ދޮރު ތަޅުލިއެވެ. ހަވީރު ޒަޢީމާއާ ބައްދަލުކުރަން ނިންމާފައި އޮތުމުން އަވަހަށް ގެއަށް ފޯރާތޯ ބާރަށް ހިނގާފައި ދިޔައީ ގެޔާ ދިމައަށެވެ. މަގުމަތީގައި ދުއްވަމުންދިޔަ ސައިކަލެއް މީރާއާއި ދިމާއަށް އަންނަތަން ނުފެނުނީ އިސްޖަހައިގެން ހުރުމުންނެވެ.
"މީރާ!" ފަހަތުން އައި އަކުރަމްއަށް މިމަންޒަރުފެނި ދުވެފައިގޮސް މީރާގެ އަތްދަނޑީގައި ހިފާ އަރިއަކަށް ދަމާގަތެވެ.
"ސުބުހާނަﷲ..!" މޭމަތީގައި އަތް އަޅާލަމުން މީރާއަށް ބުނެވުނެވެ.
"މިއަދު މަށަށް ނުފެނުނުނަމަ ދެން ދާން ޖެހުނީހީ މީރާގެ ޖަނާޒާއަށްތޯއްޗެ. ތި ފައިވާނަށް ނުބަލާ ކުރިމައްޗަށް ބަލައިގެން ހިނގާބަލަ" އަކުރަމް ބުންޏެވެ. "އާނ. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަސްލުވެސް އަކްރަމް ނެތްނަމަ މިއަދު ވާނެގޮތެއްވެސް ނޭނގެ" މީރާ އަކުރަމް އަށް ޝުކުރުވެރިވިއެވެ. "ހޫން...ދެން ލައިނުގަނެގެން ތިދަނީ ކޮންތާކަށްތަ؟ އަދި ކިރިޔާތަ އޮފީހުން ތިދަނީ؟" މީރާއާ އެއްވަރަކަށް ހިނގަމުންދިޔަ އަކުރަމް އަހާލިއެވެ. ޖަވާބުގައި މީރާ ބުންޏެވެ. "ޒަޢީމާ ދިމާކުރަން ބުނީމާ މިދަނީ. މިއަދު އިނދެވުނީ ގަޑިއަށް ނުބަލާލާ."
އެވަގުތު ދުރުން އަކުރަމްގެ ރައްޓެއްސެއް އޭނާއަށް ގޮވާލިއެވެ. "އާނ މިދަނީ... އޭ މީރާ އެއްދުހުންވާނެ ދިމާވާން އަދި. މިހާރު ވަރަށް ދުވަސް ވެއްޖެއެއްނުން ދިމާ ނުވާތާ. ދެން ދަނިއްޔޭ.. ބަލައިގެން ހިނގާތި." އެއްބަސްވުމުގެ ގޮތުން ބޯޖަހާލަމުން މީރާ ހިނިތުންވިއެވެ.
އެހިނިތުންވުމާއެކު ގެއަށްގޮސް ދޮރުމައްޗަށް އެރިއިރު ވަރަށް ގިނަ ފައިވާން ދޮރުމަތީ ހުއްޓެވެ. މިއީ ކޮންކަމެއްބާއޭ ހިތަށް އަރާ ދޮރު ހުޅުވާލިއިރު ޒައިދުއާ މައިރާއާއެކީ ސޯފާގައި ތިބީ އައިޝާގެ ދެމަފިރިންނާއި އެމީހުންގެ މެދުދަރި ނާޝިފްއެވެ. މީރާ ފެނުމާއެކު އެންމެންގެ މޫނުމައްޗަށް ހިނިތުންވުންވެރިވިއެވެ. "އަނހާ މިއޮށް އައީއެއްނުން މީރާ. ދަރިފުޅާ އާދޭ އަވަހަށް" މައިރާ ކައިރީގައި އިން ހުސްގޮނޑިއަށް އިޝާރާތް ކުރަމުން ބުންޏެވެ. މީރާ އައިސް އިށީނުމާއެކު މައިރާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެހެންވީމާ 2 މަސް ފަހުން ކައިވެނި ކުރަން ކިހިނެއްވަނީ؟ "
މީރާގެ ދެލޯބޮޑުވިއެވެ. އަދި ފަހަރަކު މީހެއްގެ މޫނަށް ބަލާލެވުނެވެ. "އާން މިހާރު ނާޝިފްއަށްވެސް 24 އަހަރުވެއްޖެ. އެހެންވީމާ ލަސްކުރާނެކަމެއްނެތް. .. މީރާ ވަޒީފާއަށްދިއުން ހުއްޓާލާނެދޯ ވަރަށް އަވަހަށް އެހެންވީމާ" މީރާއާ ދިމާލަށް ބަލާލަމުން އައިޝާ އަހާލިއެވެ. މީރާ ސުވާލުކުރަން އަނގަހުޅުވަނިކޮށް މައިރާ ޖަވާބުދިނެވެ. "އާން ހުއްޓާލާނެ! މާދަން ސިޓީލާނެ. ދެން ނާޝިފް ޙަރަދު ކުރަންޏާ މީރާ ކީއްކުރަން ވަޒީފާއަށް ދާންވީކީއެއް ދޯ." މައިރާއާ އެއްބަސްވުމުގެ ގޮތުން އައިޝާ ބޯޖަހާލިއެވެ.
މީރާ އިނީ ގުޑުވާލާނެ ގޮތެއްވެސް ނޭނގިފައެވެ. އެހެނަސް މީރާގެ ޒަމީރު އެދެމުން ދިޔައީ މީރާއަށް ވާހަކަ ދެއްކުމަށް ފުރުޞަތެއް ދިނުމަށެވެ. އައިޝާމެން ފޮނުވާލުމަށްފަހު ދެމަފިރިން ގެއަށް ވަތް އިރުވެސް މީރާ އިނީ ހަމަ އެހެންނެވެ. "މަންމާ.. ކޮބާ އަހަރެންގެ ބޫ.....ޓު" ކުޅެންދާން ތައްޔާރުވެގެން ނިކުތް ޒައިރާންވެސް ސިއްސައިގެން ދިޔައީ މީރާ އިންގޮތް ފެނިފައެވެ.
"ފައިނަލީ ދޮންތަ ގަބުވީތަ؟"
"މީރާ ދަރިފުޅާ!..." މައިރާ ގޮވާލިއެވެ. މީރާއަށް ބާރަށް ހީގަނެވުނެވެ. "މީރާ ކިހިނެއްވީ؟" ޒައިދު އަހާލިއެވެ.
"ކިހިނެއްހޭވީ؟ އަހަރެންގެ 20 އަހަރުގެ ހަޔާތުގައި މިއަދު އަލަށް މަންމަގެ ދުލުން ދަރިފުޅާއޭ ބުނާ އަޑު މިއިވުނީ"
"މީރާ" މައިރާ ބާރަށް ގޮވާލިއެވެ. "ހަމައިގަތަ ތިހިރީ؟" އިސްޖަހައިގެން އިން މީރާ އިސްނަގާ މަންމައާއި ބައްޕައާ ދިމައަށް ބަލާލިއެވެ.
"އާން މަންމާ. ވަރަށް ހަމައިގަ ހުރެގެން މިބުނަނީ. އަލަށޭ މި އަޑުއެހީ ... މިއޮށްހާދުހު އަހަރެން ބޭނުންވީ އެ ލަފްޒު މަންމަގެ ދުލުން އަޑުއަހަން... އެކަމު އެނގޭތަ" މީރާގެ އަޑު ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައެވެ.
"މިއަދު ތިޔަ ލަފްޒުގެ އެއްވެސް މާނައެއް ނެތް. އެއްވެސް މާނައެއް ނެތް.... ބައްޕާ! ކީއްވެތަ އަހަރެންގެ ހަޔާތުގެ ބޮޑެތި ނިންމުންތައް އަހަރެންގެ އެއްވެސް ބަހެއް ނެތި ނިންމަނީ؟ ކީއްވެތަ މަންމަގެ ކޮންމެ ބަހަކަށް ބައްޕައާބަސް ބުނަނީ؟ ..... އެނގޭތަ އަހަރެން އެންމެ ކުޑައިރުއްސުރެންވެސް ވާން ބޭނުންވީ ނަރުހަކަށްކަން. އެއީ އޭރުއްސުރެން ދެކެމުން އައި ހުވަފެނަކީ... އެކަމަކު އެއަޑު އެކަކުވެސް ނޭހި. އެންމެ ފަހުން އަހަރެން ކޮމްޕިއުޓަރ ކޯހަށް ގެންދިޔައީ... ވަޒީފާއަށް ދާން އުޅުނީމާވެސް މަންމަހެދީ ދެކޮޅު ފުރަތަމަވެސް. މިހާރު އެނގިއްޖެ އެއްބަސްވީ ކީއްވެކަން..."
"މީރާ ކީކޭތަ ތިކިޔަނީ؟ އަހަރުމެން މިއީ ބައެއްނޫންދޯ؟" މައިރާއަށް ނުހުރެވިގެން ބުންޏެވެ.
"ވޭތިވެދިޔަ 20 އަހަރު ތިޔައީ އަހަރެންގެ ހުރިހާވެސް އެއްޗަކީ... އެންމެ މުހިންމު މީހުންނަކީ... އެކަމަކު އަހަރެންނަށް ނުވިސްނުނީ އަހަރެންނަކީވެސް މުހިންމު މީހެއްކަން. މިއަދު އަހަރެންގެ ކައިވެނި ހަމަޖެއްސިއިރު އަހަރެން ކައިރީ އަހާލިންތަ؟ އަހަރެންގެ ބަހެއް ހޯދިންތަ؟ ..... ފަހަރެއްގައިވެސް ހިތަށް އެރިތަ އަހަރެން އަދި މީހަކާ އިންނަން ތައްޔާރު ނުވެދާނެޔޭ؟"
މީރާގެ އެ ސުވާލަށް މައިރާ ޖަވާބުދިނެވެ. "' މީރާއަށް ކުރަން ނޭނގޭ މަސައްކަތެއް ނެތް. ދެން ކިހިނެއް ތައްޔާރު ނުވާނީ؟"
"މަންމާ!!!! ހުރިހާ މަސައްކަތެއް ކުރަން އެނގުމަކީ ތައްޔާރުވުމެއް ނޫނޭ! މީހަކާ އެކީ ހަޔާތެއް ފަށާއިރު ނަފްސާނީ ގޮތުން ވަރުގަދަ ވާން ޖެހޭނޭ. މަންމައަށް އެނގޭތަ އަހަރެން އުޅޭ ޙާލު؟ ދުވަހަކުވެސް އަހާލިންތަ އަހަރެންގެ ހާލު؟... މަންމައަށް އެނގޭތަ ޒައިރާން އަހަރެންނާ ވާހަކަ ދައްކާ ގޮތް.... ކޮއްކޮއަށް އެނގޭތަ ކޮއްކޮ ވާހަކަ ދައްކާގޮތުން ދޮންތައަށް ކުރާ އަސަރު. އަހަރެންނަކީ ދޮށީ ދަރި އެކަމަކު ދުވަހަކުވެސް ޤަދަރެއް ނުލިބޭ... މުޅިންވެސް ހިތްދަތިކަން.... އަނގައެއް ހުއްޓަކަސް ބުނާ ބަހެއްގެ އަގެއް ނެތް.... އަހަރެންނާ މެދު ވިސްނާ އެކަކުވެސް ނެތް.. މުޅިންވެސް ދައްކަނީ ދަޅަ... ދުރުން ބަލައިލި މީހަކަށް ފެންނާނީ އަލިގަނޑެއް… ފަހަތުގައި އޮތް އަނދިރިކަމެއް ނުފެންނާނެ..... މަންމާ! ބައްޕާ! ހެޔޮނުވާނެ..އެހެން މީހުންގެ ދަރިންގެ ވާހަކަ ނުދައްކާ އަމިއްލަ ދަރިންނަށް އަޅާލަބަލަ...ޒައިރާން އަށް.... އަހަރެންގެ ހިތުގެ އަޑު އަހާބަލަ."
ކަރުނައިން ބަންޑުންވަމުންދާ ލޮލުން މީރާ އާދޭސް ކުރަމުން ދިޔައެވެ.
އާއެކެވެ. ދުނީޔޭގައި ގިނަ މީހުން ހެއްލެނީ ދަޅައަށެވެ. އިތުބާރު ކުރެވެނީ އަލިކަމަށެވެ. ނުފެންނަނީ އޭގެ އަނދިރިފަރާތެވެ. އެއްފަރާތް ކުރެވެނީ ހަޤީގަތެވެ.
މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ: ރާތު، ނ.ހޮޅުދޫ / ޢިލްމާ ސަޢީދު އެވެ. ވާހަކަ ހުށައަޅާދިނީ ކުރިކީލަގެ، ނ.ހޮޅުދޫ / އާމިނަތު ޝިއުނާއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 07 ރަމަޟާން 1442 އެވެ.