ރިޕޯޓް

ބޯހިޔާވަހިކަމަށް ކުޅުދުއްފުށި ސިޓީގެ ޒުވާނުން ކުރާ އުއްމީދު


ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ޚާއްސަކޮށް އާބާދީ ބޮޑެތި ރަށްރަށުގައި މިމައްސަލަ ވަރަށްބޮޑެވެ. މިކަމުގެ ޝަކުވާ އެރަށެއްގައި ދިރިއުޅޭބަޔަކު ދަނީ ކެނޑިނޭޅި ކުރަމުންނެވެ.

އާބާދީގައި 10،000 މީހުން ހަމަވެ މިހާރު ސިޓީއެއްގެ ދަރަޖަ ލިބިފައިވާ ކުޅުދުއްފުއްޓަކީ 12،000އަށްވުރެ ގިނަ މީހުން ދިރިއުޅެމުންއަންނަ ރަށެކެވެ. ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކުޅުދުއްފުށީގައި ބޯހިޔާވަހިކަމަށް ބޭނުންވާ އެތަށްބަޔަކު ދިރިއުޅެއެވެ.

ބިމުގެ ދަތިކަމާއެކު ކުޅުދުއްފުށީ ޒުވާނުންގެތެރެއިން ޢާއިލާއެއް ފަށައި ވަކިން ދިރިއުޅެން ބޭނުންވާ އެތައް ޒުވާނުންނެއްވަނީ މާޔޫސްކަމުގައެވެ. މިމައްސަލައާހެދި ޒަވާޖީ ހަޔާތެއް ނުފެށިވެސް އެތައް ޒުވާނުންނެއް އެބަތިއްބެވެ. އެއްގެއެއްގައި އެތަށް ބަޔަކު ދިރިއުޅެންޖެހުމުގެ ސަބަބުން ތަފާތު އިޖުތިމާޢީ، ޢާއިލީ މައްސަލަތަށްވެސް ދަނީ ކުރިމަތިވަމުންނެވެ.ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުޅުދުއްފުށީގައި ރޯހައުސްތަކެއް ހަދަން ނިންމައި އެކަމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2010ވަނަ އަހަރުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީގައި 3 ސަރަޙައްދެއްގައި ޖުމްލަ 166 ރޯހައުސް އިމާރާތް ކުރަން ފެށިއެވެ. އެއީ ހިއްކި ސަރަޙައްދުގައި ޢިމާރާތްކުރާ 100 ރޯހައުސްއާއި ޖަލާލުންދީން ސްކޫލު ކައިރީގައި ޢިމާރާތްކުރާ 18 ރޯހައުސްއާއި ހަސަނާތު މިސްކިތް ކައިރީގައި ޢިމާރާތްކުރާ 40 ރޯހައުސްއެވެ. މިތަންތަނުން މަސައްކަތްނިމި އެންމެފުރަތަމަ މީހުން ދިރިއުޅެން ފަށާފައިވަނީ ޖަލާލުއްދީން ކައިރީގައި ހުރި ފުލެޓްތަކުގައެވެ. އަދި ދާދިފަހުން ހަސަނާތު މިސްކިތް ކައިރީގައި ހުރި މާފަލު ހިޔާ ފުލެޓްތަކުގައިވެސް ވަނީ މީހުން އުޅެންފަށާފައެވެ. ކުޅުދުއްފުށީ ހިއްކި ބިމުގައި ހަދަންފަށާފައިވާ ރޯހައުސްތަކުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ފަހުން މީގެ ދެހަފްތާއެއްހައި ދުވަސްކުރިން އެތަން އަލުން މަރާމާތުކުރުމަށްވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްތަކެއް ކުރިނަމަވެސް، ކުޅުދުއްފުށީ ޒުވާނުން ބޭނުންވާ މިންވަރާ ގާތަށްވެސް އަދި މިމައްސަލަ ޙައްލެއް ނުވެއެވެ. އެތަށް ޒުވާނުނނެއް ތިބީ ބޯހިޔާވަހިކަމެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

"
"ބޯހިޔާވަހިކަން ބޭނުންވާ އެންމެނަށް ގެވަޅުދޭނެ ބިން ކުޅުދުއްފުށީގައި ނެތްކަން އަޅުގަނޑުމެން ޤަބޫލުކުރަން. ގެވަޅު ދެވެން ނެތްނަމަ ފުލެޓް ނޫނީ ރޯހައުސް ލިބުނަސް ހަމައޯކޭ"
ކުޅުދުއްފުށީ ޒުވާނުން

ކުޅުދުއްފުށީ ސިޓީގެ އިންތިޚާބީ ސިޓީކައުންސިލްގެ މެންބަރު އިންތިޚާބުވުމުގައިވެސް އެބޭފުޅުން ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވަޢުދު ވަރަށްބޮޑު ދައުރެއް އަދާކުރިއެވެ. އެހެން ކަމުން ކުޅުދުއްފުށީ ސިޓީގެ ޒުވާނުންގެ އުންމީދުތަށް މިހާރު ގުޅިފައިވަނީ އާ ސިޓީކައުންސިލާއެވެ. ސިޓީ ކައުންސިލް ހުވައިކޮށް މަސައްކަތްފެށުމާއެކު ބޯހިޔާވަހިކަމަށް އަވަސް ޙައްލެއް ގެނައުމުގެ މަސައްކަތް އަވަސްވާނެކަމަށް ޒުވާނުން އުންމީދުކުރެއެވެ.