ޚަބަރު

މިއަދު ކުރިއަށް ގެންދިޔައީ 18 ފޮށްޓެއްގެ ނަތީޖާ ޝީޓް ކަށަވަރު ކުރުމުގެ މަސައްކަތެއް - އީސީ


އިލެކްޝަންސް ކޮމިޝަނުން މިއަދު މަސައްކަތް ކުރައްވާފައިވަނީ އިންތިޚާބުގެ ވަގުތީޖާ އިޢުލާން ކުރުމުގައި ބައެއް ފޮށިތަކުގެ ޝީޓްތަކުގައި ހުރި މައްސަލަތައް ހައްލުކުރުގެ މަސައްކަތް ކަމުގައި އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރުމަށް ހުރި ހުރަސްތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މިއަދު އެކޮމިޝަނުން މަސައްކަތް ކުރައްވާފައިވަނީ އިންތިޚާބުގެ ނަތީޖާ ޝީޓުތަކާ ގުޅިގެން އިލެކްޝަން ކޮމިޝަނަށް ފާހަގަކުރެވުނު 18 ފޮށްޓެއްގެ ނަތީޖާ ޝީޓު ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށެވެ. އެއްވެސް ޙާލެއްގައި މިއަދު އެއްވެސް ވޯޓު ފޮށްޓެއް ކަނޑައި، ވަކިވަކި ކެނޑިޑޭޓުންނަށް ލިބުނު ވޯޓުގެ ނަތީޖާއާއި ގުޅިގެން ވޯޓެއް ގުނުމަށް ނިންމާފައި ނުވާކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބާ ގުޅިގެން މިހާތަނަށް 89 ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އޭގެ ތެރެއިން 21 ޝަކުވާއަކީ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ޝަކުވާތައްކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ކޮމިޝަނުން ވަގުތީ ނަތީޖާ އިޢުލާން ކުރުމުގެ ކުރިން މިޝަކުވާތައް ބަލަން އަދި ނުފަށާކަމަށާ، ހުށަހެޅިފައިވާ ޝަކުވާތައް ބަލައި ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ނިންމަވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރަން މަސައްކަތް ކުރި މަސައްކަތައް ހުރަސްއަޅައި އިދިކޮޅު ޕީޕީއެމްއާއި އެމްޑީޕީން އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މަރުކަޒުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޝަރީފް ވިދާޅުވީ މިހަމަނުޖެހުމަކީ ކޮމިޝަނުން މިހާތަނަށް ނުވެސް ފަށާ މަސައްކަތަކާއިގުޅިގެން ހިންގާފައިވާ ހަމަނުޖެހުމެއް ކަމަށެވެ.

ކައުންސިލް އިންތިޚާބު އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިޚާބުގައި އެއްވެސް މުވައްސަސާއެއްގެ ފަރާތުންވެސް އަދި ކެނޑިޑޭޓެއްގެ ފަރާތުންވެސް އިންތިޚާބަށް ނުފޫޒު ފޯރާފަދަ އެއްވެސް ކަމެއް ކޮމިޝަނަށްވެސް އަދި ކޮމިޝަންގެ މެމްބަރަކަށްވެސް ފޯރުވާފައި ނުވާކަމަށެވެ.

އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދެދުވަހެއްގެ ތެރޭގައި އިއުލާންކޮށް ނިންމުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާންކުރައްވާނެކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.