މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހާމަކުރައްވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، މިވިއްސާރާގައި ގެއަކަށް ގެއްލުންވެގެން ރިޕޯޓްކޮށްފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ. އެގޮތުން ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލައިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ހިސާން ވިދާޅުވީ، ފުރާޅު އެއްލާލި ގޭގެ ފުރާޅު ހެދުމުގެ މަސައްކަތް ޤައުމީ ދިފާއީ ބާރާއި، އައްޑޫސިޓީ ކައުންސިލުގެ އެހީތެރިކަމާއިއެކު ކުރަމުންދާ ކަމަށެވެ. މި ހާދިސާގައި އެގެއިން މީހުން ބަދަލުކުރާ ވަރަށް ގެއަށް ގެއްލުން ލިބިފައިނުވާ ކަމަށާއި، ފުރާޅު މަރާމާތު ކުރެވެންދެން އެކޮޓަރީގައި ދިރިއުޅުނު މީހުން ވަގުތީގޮތުން އެ ގޭގެ އެހެން ބަޔަކަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އެންޑީއެމްއޭއިން ވިދާޅުވީ، ބަނބުކެޔޮ ގަހެއް ވެއްޓި ބަދިގެއެއްގެ ފުރާޅަށް ގެއްލުންވުމާ ގުޅިގެން ދެ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މި ހާދިސާތަކާ ގުޅިގެން އެމްއެންޑީއެފްގެ އެހީތެރިކަން ލިބެމުންދާ ކަމަށާއި، ކައުންސިލު މެދުވެރިކޮށް އެ އާއިލާތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ދެނެގަނެ، އެ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
އެންޑީއެމްއޭއިން ވިދާޅުވީ، އިއްޔެ ދ.ރިނބިދޫއަށާއި ލ.އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ. ރިނބިދޫގެ ބައެއް ސަރަހައްދުތަކަށް އުދައެރުމާ ގުޅިގެން ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ގެތަކަށާއި މަގުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ލ. އިސްދޫގެ ބަނދަރު ސަރަހައްދަށް ވެސް އުދައިގެ އަސަރު ވަނީ ކޮށްފައެވެ. ނަމަވެސް މިހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއްވައެވެ.
މެޓު އޮފީހުން މައުލޫމާތުދެއްވާ ގޮތުގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. އެހެން ނަމަވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާނުކުރެވޭ ކަމަށާއި، މިއަދު މެންދުރުފަހުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެއިދާރާއިން ވިދާޅުވިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު ވިލާގަނޑުގައި ވައި އެންމެ ގަދަވެފައިވަނީ ފ.ނިލަންދޫއަށެވެ. އަދި ދެވަނައަށް ވައި އެންމެ ގަދަވީ، ހދ.ކުޅުދުއްޓަށެވެ.