ރާއްޖެއިން އިތުރު 121 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތައް ދައްކާގޮތުން މާލޭގެ އިތުރަށް އަތޮޅުތަކުންވެސް ވަނީ ގިނަ ޢަދަދެއްގެ މީހުން ޕޮޒިޓިވްވެފައެވެ.
އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އިން ފެށިގެން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އަލަށް 121 މީހަކުވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 49 މީހުން ހިމެނެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން 46 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 12 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ސަފާރީތަކުން މީހަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުން 13 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 23،524އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިޢަދު 105 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 20،723 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،728 މީހުންނެވެ. އަދި 93 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،728 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 639،691 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 66 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 8 ބިދޭސީންނެވެ.