ޚަބަރު

އަންނަ އަހަރު އައްޑޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށަނީ


އަންނަ އަހަރުގެ ކުރީކޮޅު އައްޑޫ ސިޓީގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފަށާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މިއަހަރު އައްޑޫ ސިޓީގައި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ނުފެށޭނެ ކަމަށާއި ނަމަވެސް އަންނަ އަހަރު ޕީއެސްއައިޕީގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ރާވާފައިވާކަމަށެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ އައްޑޫއަކީ އާބާދީ ބޮޑު ސިޓީއަކަށް ވުމުން ހައުސިން ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނަށް ފުރުސަތު އޮތް ތަނެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ރިއަލް އެސްޓޭޓްގެ ދަށުން އެ މަސައްކަތް ކުރިއަށް ގެންދަން ސިޓީ ކައުންސިލުން ވެސް ބާރު އަޅާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު މިހާރު ދަނީ ރަށްރަށަށް ބޭނުންވާ މިންވަރުތައް ކަނޑައަޅަމުން. މިއަންނަ އަހަރު ފެށޭ ތަނުން ހަމަ އެ މަސައްކަތް ފަށާނަން. މިއީ ޕީއެސްއައިޕީގެ ދަށުން ހިންގާ ކަމަކަށްވާތީ މިއީ ދިވެހި ލޯކަލް ކޮންޓްރެކްޓަރުންނަށް ޓާގެޓް ކޮށްގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ސްޓިމިއުލޭޓް ކުރުމަށްޓަކައި އެކީގައި އަޅުގަނޑުމެން ނިންމާފައި އޮތް މަސައްކަތެއް." ހައުސިން މިނިސްޓަރ އަޙްމަދު އަޞްލަމް ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް އަންނަ އަހަރުގެ ބަޖެޓްގައި 1.5 ބިލިއަން ރުފިޔާ ކަނޑައެޅުމަށް ނިންމާފައިވާކަމަށް މީގެ ކުރިން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްވަނީ ވިދާޅުވެފައެވެ. މީގެ އިތުރަށް ގެދޮރު އެޅުމަށް 175 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއްދީގެން މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޅ. ނައިފަރާއި، ބ. ތުޅާދޫ، ތ. ތިމަރަފުށި، މ. ކޮޅުފުށީގައި ސަރުކާރުން ހަދާ 400 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެކަމަށާއި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.