ޚަބަރު

އެމްއޭސީއެލްއާއި ވިލާ ހައި ސްކޫލާ ދެމެދު ފަހުމުނާމާއެއް


  • މިއީ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް ވެފައިވާ އެއްބަސްވުމެއް

  • މަޤުސަދަކީ ވަޒީފާގެ މާހައުލަށް ދަރިވަރުން އަހުލުވެރިކުރުވުން

  • މީގެ ދަށުން އެތައް ދާއިރާއަކުން ތަޖުރިބާ ހޯދަން ފުރުޞަތު ލިބޭނެ

ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައިދީ، މަސައްކަތުގެ މާޙައުލަށް އަހުލުވެރި ކުރުވުމުގެ މަޤުޞަދުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ވީއައިއެޗްއެސްއާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ، އެ ސްކޫލުގެ ޕްރިންސިޕަލް ޢަލީ މުޞްޠަފާއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފާއި، ސީނިއަރ ޖެނެރަލް މެނޭޖަރ ޢަލީ ޙުޒައިމްގެ އިތުރުން އެ ކުންފުނީގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޓީމުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، މި ފަހުމުނާމާގެ މައިގަނޑު މަޤުޞަދަކީ ކްލާސްރޫމުގައި ދަރިވަރުން އުނގެނޭ ޢިލްމީ މަޢުލޫމާތުތައް ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދީ، ވަޒީފާގެ މާޙައުލަށް ދަރިވަރުން އަހުލުވެރި ކުރުވުން ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސް، އިންޖިނިއަރިންގ، އައިޓީ، ކަސްޓަމަރ ސަރވިސް، ލޮޖިސްޓިކްސް، ކޯޕަރޭޓް ސަރވިސަސް އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ފަދަ މުހިންމު އެތައް ދާއިރާއަކުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިއީ ކުންފުނީގެ "އެމްޕަވަރ އެންޑް ޑިވެލޮޕް އަވަރ ޕީޕަލް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އަގުހުރި ފުރުޞަތުތަކާއި ފައިދާތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އިންޓާންޝިޕް ޕްރޮގްރާމުގެ ސަބަބުން، މަސައްކަތުގެ މާޙައުލަށް ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ކަމަށްވާ މުޢާމަލާތް ކުރުމާއި، އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ކުރިމަގުގައި ދަރިވަރުން ވަޒީފާގެ ބާޒާރަށް ލޯހުޅުވިގެންދާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

މީގެއިތުރުން މި އެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ މެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ކެރިއަރއާ ގުޅޭ މަޢުލޫމާތު ދިނުމާއި، މެންޓަރޝިޕް ދިނުމުގެ އިތުރުން ޢަމަލީ މަސައްކަތުގެ މާޙައުލު ތަޖުރިބާ ކުރުމުގެ ގިނަ ފުރުޞަތުތަކަކަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވައެވެ.