ޚަބަރު

ސީލައިފްގެ ވެރިޔާ ރާއްޖެ ގެނައުން ލަސްވަނީ ލަންކާ ފުލުހުން އޭނާގެ މައްސަލައެއް ބަލާތީ


މަކަރާ ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ އަތުލުމަށްފަހު ފިލައިގެން އުޅުނު ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަކޮށްފައި ވީނަމަވެސް، އޭނާ ރާއްޖެ ގެނައުން ލަސްވަނީ އޭނާގެ މައްސަލައެއް އެޤައުމުގެ ފުލުހުން ބަލަމުންދާތީކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފްލެޓްތައްވެސް ނަޅާ އެފައިސާތަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަޙްމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވަނީ 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ ފެބުރުއަރީ 21ވަނަ ދުވަހުގެ ރެއެވެ. ފުލުހުން ވިދާޅުވީ، އޭނަ އަދިވެސް ހުރީ އެޤައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ. އަދި އޭނާ ރާއްޖެ ގެނައުން ލަސްވަނީ އޭނައާ ގުޅޭ މައްސަލައެއް ލަންކާ ފުލުހުން ބަލަމުން އަންނާތީކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އޭނާއާއި ގުޅޭގޮތުން ލަންކާ ފުލުހުން ބަލަމުން ދަނީ ކޮން މައްސަލައެއްކަމަށް ސާފެއް ނުވެއެވެ.

މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށްފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތު އަޙްމަދު މޫސާގެ މައްޗަށްކޮށްފައިވާއިރު ސީލައިފްގެ ފްލެޓްތަކުގެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފެށީ 2018ވަނަ އަހަރުގެ ނޮވްމެބަރުމަހުގައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ހިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200އަށްވުރެ ގިނަ މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.