މިހާރު ދިމާވެފައިވާ އެންމެ ބޮޑު ޗެލެންޖްއަކީ ސީޒަންގައި ކުރިއަށް ވާންވީ ގޮތް ނޭނގުންކަމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނެފިއެވެ.
މިއަހަރުގެ ސީޒަން ފެށިފަހުން މާލޭގައި ކޮވިޑްގެ ކޭސްތަށް އިތުރުވުމާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން އެޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަނި ކުރެވޭ ކަސްރަތު ނޫން އެހެން ހުރިހާ ކުޅިވަރެއްވަނީ ހުއްޓާލާފައެވެ. ރާއްޖޭގައި ކޮވިޑް19ގެ ކޭސްތަށް 100އިން މަތީގައި ހުންނަތާ ގިނަ ދުވަސްތަކެއްވުމާއި ގުޅިގެން މިހާރުވަނީ ދުވާ ޓްރެކްވެސް ބަންދުކޮށްފައެވެ. ނަމަވެސް ހާއްސަ ގައިޑްލައިންއެއްގެ ދަށުން މިހާރު ޓީމްތަކަށް ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމަށް ހުއްދަވަނީ ދީފައެވެ.
ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ނިޒާމްބުނީ ފާއިތުވެގެންދިޔަ 4 ވަރަކަށް އަހަރަށް ބަލާއިރުވެސް ގޮތްނޭނގޭ ބްރޭކްތަކެއް ސީޒަންގެ އެހި ހިސާބުތަކުން އައިސްފައިވާކަމަށާއި ނަމަވެސް މިފަހަރުގެ ތަފާތަކީ ލީގްގެ ކުޅުން ހުއްޓާލަން ޖެހުނުއިރު، ޓީމްތަކަށް ފަރިތަކުރުންތަށްވެސް ކުރިއަށް ނުގެންދެވޭތީކަމަށެވެ. ހާއްސަ ގައިޑްލައިންއެއްގެ ދަށުން ޓީމްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއެއިން ހުއްދަދީފައިވާއިރު، ޓީމްތަކުންވަނީ މިކަމާއިވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާފްއެއްގައި 10 މީހުންނަށް ވުރެއް ގިނައިން ފަރިތަކުރުންތައް ކުރިއަށް ނުގެންދެވުމަކީ ފުޓްބޯޅަ ކަލަހަ ކުޅިވަރަކަށް ވަރަށް އުނދަގޫކަމެއްކަމަށް ކަމަށްވެސް ޓީމްތަކުންވަނީ ބުނެފައެވެ. ނަމަވެސް މިވަގުތު އެންމެންގެ ރައްކާތެރިކަމަށް އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަކީ އެންމެ ރަގަނޅުގޮތްކަމަށްވެސް ޓީމްތަކުން ވަނީ ފާހަގަކޮށްފައެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ލީގްގެ ހުރިހާ ޓީމްތަކަށްވެސް ފިޓްނަސްގެ މައްސަލަ ކުރިމަތިވާނެކަމަށާއި މިފަހަރު ލީގް ހުއްޓާލަންޖެހި، ޓީމްތަކަށް ފަރިތަކުރުންތަށްވެސް ކުރިއަށް ނުގެންދެވުމަކީ ދިމާވި ބޮޑު ގޮންޖެހުންކަމަށާއި އަލުން އަނެއްކާ ޓީމްގެ ފިޓްނަސް ލެވެލް ނޭނގުމަކީވެސް އެހާ ފަސޭހަކަމެއް ނޫންކަމަށް ކޯޗް ނިޒާމް ބުންޏެވެ.
މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއިއެކު މިދިޔަ މަހުގެ ތިންވަނަ ދުވަހު ޕްރިމިއަރ ލީގްގެ ކުޅުންވަނީ ހުއްޓާލާފައެވެ. އަދި ޓީމްތަކުގެ ފަރިތަކުރުންތަށްވެސްވަނީ ހުއްޓާލާފައެވެ. ހާއްސަ ގައިޑްލައިންއެއްގެ ދަށުން ޓީމުތަކުގެ ފަރިތަކުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކޮންމެ ޓީމްއެއްވެސް އެއް ގަޑިއިރަށެވެ. ހާފެއްގައި އެއްފަހަރާއި 10 ކުޅުންތެރިންނަށް ތަމްރީން ކުރުމުގެ ފުރުސަތު ދީފައިވާއިރު ކޮންމެ ޓީމެއްގެ ފަރިތަކުރުންތަކެއް ނިމުމާއެކު، މުޅި ދަނޑު ހިމެނޭގޮތަށް ޗޭންޖިން ރޫމްތަކާއި ބެންޗްގެ އިތުރުން ފާހާނަތައް ޑިސްއިންފެކްޓު ކުރުމަށް އާ ގައިޑްލައިންގެ ދަށުން ކުރަންޖެހޭ އަދި ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާގައި ކުޅުންތެރިނާއި އޮފިޝަލުން ޕީސީއާރް ޓެސްޓް ހެދުމަށްވެސް އާ ގައިޑްލައިންގައި ބުނެފައިވެއެވެ.