މިދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށް ނިންމާފައިވާ ބިލުތައް ލިބިފައިނުވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކޮންމެ ދައުރެއް ފަށާއިރު އެދައުރަކަށް ސަރުކާރުން ފޮނުވާނެ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭކަމަށެވެ. އެގޮތުން މިދައުރުގައިވެސް ލިސްޓު ލިބިވަޑައިގެންފައިވާކަމަށާއި، ނަމަވެސް އެ ލިސްޓާ ގުޅޭ ބިލެއް އަދި ލިބިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް ފާޅުކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން މަޖިލީހުގެ މަސައްކަތްތައް މަދުވެފައިވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"ސަރުކާރުން މަޖިލީހަށް ބިލުތައް ލިބުމަކީ މުހިންމުކަމެއް. ބަންޑާރަ ނާއިބާއި ވާހަކަ ދައްކައިގެން އަޅުގަނޑު ބަލާނަން ކޮން ބިލުތަކެއްތޯ ހުށަހެޅެން އޮތީ. މިދައުރުގެ ތެރޭގައި އަޅުގަނޑުމެން އެބަޖެހޭ މުހިންމު ބިލުތަކެއްގެ މަސައްކަތް ކުރަން. އެންމެ ކުޑަ އުޖޫރަ، ވަޒީފާ ނެތި ތިބި މީހުންނަށް އިނާޔަތެއް ދިނުން. މިކަންކަން އަޅުގަނޑުމެން ކުރަން އެބަޖެހޭ، މިއީ އެޖެންޑާ19 ގައި ކަނޑައަޅާފައިވާ ކަންކަން. ރައްޔިތުން ވަރަށް ކަންބޮޑުވާނެ ބޮޑު މުސާރަ ދީފައި އެވަރަށް މަސައްކަތް ނުކުރެވޭނަމަ. އެބޭފުޅުންގެ ކަންބޮޑުވުންވެސް އެކަމަށް އޮންނާނެ." މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
މަޖިލީހަށް ބިލްތައް ނުލިބޭކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް ފާޅުކުރައްވާފައިވާއިރު، ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް ކޮމިޓީން ފޮނުވާފައިވާ މައްސަލައަށް ވާހަކަފުޅު ދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤުވެސް ވިިދާޅުވީ، ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލުމުގެ ވާހަކަ ސަރުކާރުން ދައްކާ، އެ ބިލް މަޖިލީހަށް ފޮނުއްވާނެކަމަށް ވިދާޅުވާތާ އަހަރެއް ވެފައިވާކަމަށެވެ. މުޙައްމަދު ޢަބްދުﷲ ޝަފީގް ވަނީ އެ ދެ މުއައްސަސާ އެއްކޮށްލުމަށް މަޖިލީހުގައި ސަބް ކޮމިޓީއެއް އެކުލަވާލާ މަސައްކަތްތަކެއްކުރެވިފައި ވީނަމަވެސް މިދައުރާހަމައަށްވެސް އެބިލު ލިބިފައި ނުވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"އަޅުގަނޑު އުއްމީދުކުރަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތޭރަގައި އެ ބިލު މަޖިލީހަށް ލިބި، އެދެކޮމިޝަން އެއްކޮށްލެވިގެންދާނެކަމަށް. އަދި މި އިއްޒަތްތެރި މަޖިލީހުގައި ރަނގަޅު ބަހުސެއް ކުރެވި އެދެވޭ އިސްލާހުތައް ގެނެވި ރަނގަޅަށް އެބިލް ފާސްވެގެންދާނެކަމަށް."ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤުވެސް ވިިދާޅުވިއެވެ.
މަޖިލީހަށް ބިލުތައް ނުލިބޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވާއިރު، މަޖިލީހަށް ފޮނުވަންޖެހޭ ބިލުތައް ރައީސް އޮފީހަށް ފޮނުއްވާފައިވާކަމަށާއި، އެބިލުތައް މަޖިލީހަށް ހުށައަޅުއްވާނީ ރައީސް އޮފީހުން، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ފޮނުވައިގެންކަމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް 33 ބިލެއް މަޖިލީހަށް ހުށައެޅުމަށްވެސް ބަންޑާރަ ނާއިބު ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކޯވިޑް-19ގެ ވެކްސިން ދިނުމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލު ހިމެނެއެވެ. އެބިލުތަކުގެ ލިސްޓް މަޖިލީހަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރޭގައި މުޅިން އަލަށް 15 ޤާނޫނެއް އެކުލަވާލާ ބިލް ހިމެނެއެވެ. އަދި މިހާރު ޢަމަލުކުރެވެމުންދާ 16 ޤާނޫނަކަށް އިޞްލާހު ގެނައުމަށްވެސް ހިމަނާފައިވެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވަނީ މިދައުރުގައި މުހިންމު ޤާނޫނުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ.