އައްޑޫ އަދި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް ލޯގޯ ޑިޒައިން ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އެ ފުރުސަތު ހުޅުވާލައްވައިފިއެވެ. އެ މިނިސްޓްރީން ވިދާޅުވީ މި ދެތަނަށް ލޯގޯއެއް ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އައްޑޫ އަދި ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެންކަމަށެވެ.
މި ލޯގޯގައި ޔުނެސްކޯގެ ބަޔޮސްފިއަރގެ ފަންކްޝަންތައް ހިމަނަންވާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އައްޑޫ ސީޓީއާއި ފުވައްމުލަކު ސިޓީގެ ތިމާވެށީގެ ހައްސަ ސިފަތައް މި ލޯގޯއިން ރަމްޒުވާންޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
މި ލޯގޯ ޑިޒައިން ކުރަން ބޭނުންވާ ފަރާތަކަށް މިމަހުގެ 11 ވަނަދުވަހުގެ ނިޔަަލަށް ބީލަން ހުށައެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވިއެވެ.
އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަކީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 28 ވަނަދުވަހުއެވެ.
އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް ބަޔޮސްފިއަރ ރިޒާވްގެ ލަޤަބު ލިބިފައިވަނީ، ޔުނެސްކޯގެ މޭން އެންޑް ބަޔޮސްފިއަރ ރިޒާވުގެ އިންޓަނޭޝަނަލް ކޯޑިނޭޓިންގް ކައުންސިލުގެ 32 ވަނަ ބައްދަލުވުމުގައެވެ. އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ މޭޔަރުން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް މިލަޤަބު ލިބިގެން ދިއުމާއެކު ރާއްޖޭގެ 3 ސަރަހައްދެއް ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި އޮންނާނެއެވެ. އެއީ 2011 ވަނަ އަހަރު ކަނޑައެޅުނު ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވާއި ފުވައްމުލަކު އަދި އައްޑޫ ބަޔޮސްފިއަރ ރިޒާވްއެވެ.
ޔުނެސްކޯގެ މޭން އެންޑް ބަޔޮސްފިއަރ ޕްރޮގްރާމުގެ ބޭނުމަކީ ތަނެއްގައިވާ ގުދުރަތީ ރީތިކަމާއި އެތަނެއްގައި ދިރިހުރި ދިރުމެއްގެ އަސްލު ނުގެއްލޭގޮތަށް ތަނެއް ހިމާޔަތްކޮށް ބެލެހެއްޓުމެވެ.