ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ހައްޔަރުކޮށްފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކެޓަލޯނިއާގެ ފުލުހުން ބާސެލޯނާގެ ކުރީގެ ރައީސް ބާޓޮމެއު ހައްޔާރުކޮށްފައިވަނީ އޭނާގެ ދައުރުގައި ބާސެލޯނާއިން ބާޓެމެއު ދިފާޢުކޮށް، ބާސެލޯނާގެ ކުރީގެ ކުޅުންތެރިންނާއި ބާޓޮމެއުއާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ އަގުވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައެވެ. އަދި މިކަން ބާޓޮމެއުކޮށްފައިވަނީ ކުންފުންޏެއްގެ އެހީގައެވެ. އަދި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާއަށް ކުޅުންތެރިން ގަތުމުގައިވެސް ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ، ޖެރާޑް ޕީކޭ އަދި ކުރީގެ ކުޅުންތެރިންކަމަށްވާ ޒަވީ ހެނާންޑޭޒްއާއި ކާލްސް ޕުޔޯލް އަދި ބާސެލޯނާގައި ކާމިޔާބުދުވަސްތަކެއް ހޭދަކޮށްފައިވާ ކޯޗް ގާޑިއޯލާގެ އަގުވައްޓާލަން ބާޓޮމެއު މަސައްކަތް ކޮށްފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
އަދި މިކަންކުރުމަށް ބާސެލޯނާގެ ކުރީގެ ރައީސް ބާޓޮމެއު މަސައްކަތް ކުރަމުންދިޔަ ކުންފުންޏަށް ބާސެލޯނާއިން ހަރަދު ކުރިކަމަށްވެސް ފުލުހުން ތަހުގީގު ކުރަމުންދެއެވެ. ފުލުހުން ތަހުގީގު ކުރަމުންދާ މިމައްސަލަތާކާގުޅިގެން ބާޓޮމެއުގެ އިތުރުން މިކަމާއި ގުޅުންހުރި ފަސް މީހަކުވެސް ކެޓަލޯނިއާގެ ފުލުހުން ހައްޔަރުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.
މި ތުހުމަތުތަކާ ގުޅިގެން ބާޓޮމެއު ހައްޔަރުކުރިއިރު، މީގެ ކުރިން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބާސާ ބޯޑުގެ ހަ މެންބަރަކު ވަނީ އިސްތިއުފާދީފައެވެ. އަދި ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާޓޮމެއު އާއި އެ ކުލަބުގެ ހުރިހާ ބޯޑު މެންބަރުން ވަނީ މަގާމުން އިސްތިއުފާދީފައެވެ.