ޚަބަރު

ކޯވިޑް-19 : މާލެ މިހާރު އޮތީ ލޮކްޑައުންއަކަށް ދާހާ ނުރައްކާތެރި ހާލަތުގައި- ހެލްތު މިނިސްޓަރ


ކޯވިޑް-19އިގައި މިހާރު މާލެ މިއޮތީ ކޮންޓްރޯލުން ނެއްޓިފައި ކަމަށާއި، މާލެ އޮތީ ލޮކް ޑައުން ކުރާ ހާލަތުގައި ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ މިއަދު ހެނދުނު ކޯވިޑްގެ ކޭސްތައް އުޅުނީ 139 ގައި ކަމަށާއި އެހެންކަމުން މިއަދުގެ އެކްޓިވް ކޭސްތަކުގެ އަދަދު 200 އަށް އެރުމަކީ އެކަށީގެންވާ ކަމަށެވެ. އަދި ކޯވިޑްގެ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވީނަމަވެސް މިހާގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވާނަމަ ވެކްސިންގެ ބާރެއް ނުހިނގާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ކޯވިޑު ބައްޔަކީ އާދައިގެ ރޯގާއެއް ކަމަށާއި މިއީ އެހާބޮޑު ކަމެއް ނޫންކަމަށްބުނެ ނޭދެވޭ ވާހަކަތައް ސޯޝަލް މީޑިޔާގައި ފަތުރަމުންދާތީ އެކަމަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ރައްޔިތުން ވައްޓާލެވެނީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ކަމަށެވެ.

މާލެ މިހާރު މިއޮތީ ލޮކްޑައުންއަކަށް ދާ ހާލަތުގައި ކަމަށާއި ނަމަވެސް ލޮކްޑައުންއަކަށް ހިނގައްޖެނަމަ ރާއްޖޭގެ އިޤްތިޞާދު އެކަމަކަށް ބަރޯސާވެފައި އޮންނަ ފަތުރުވެރިކަމަށް އެކަމުން ކުރާނެ ނޭދެވޭ އަސަރަށް ބަލާއިރުވެސް ލޮކްޑައުންއަކަށް ދެވެން ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މާލޭގެ ހާލަތު މިއޮތީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ނަގާ ހާލަތުގައި ކަމަށާއި މިފިޔަވަޅުތައް ނަގާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑް ކޮންޓްރޯލް ކުރެވޭނީ ހުރިހާ އެންމެންގެ ވެސް އެއްބާރުލުމާއެކު ކަމަށާއި މިކަމުގައި އެންމެންގެ އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

(އެޗް.ޕީ.އޭ)އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 19،162އަށް އަރާފައެވެ. މީތެރެއިން ރަނގަޅު ވިމީހުންގެ ޖުމްލަ ޢަދަދުވަނީ 16،646އަށް އަރާފައެވެ. އަދި މިވަގުތު 2،449 އަންނަނީ ބައްޔަށް ފަރުވާ ހޯދަމުން ކަމަށް މިތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 162 މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.