ޔޫތު މިނިސްޓްރީއިން ހަވާލްކުރާ ގިނަ މަސައްކަތްކަތް ލަސްވަނީ ރަނގަޅު ފެންވަރަކަށް މަޝްރުޢުތަކުގެ މަސައްކަތް ކުރަން ބޭނުންވާތީކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިދިޔަ ދެ އަހަރުވެސް ސަރުކާރުގެ އެންމެ ގިނަ މަޝްޢޫތައް ހިންގާފައިވަނީ ޔޫތް މިނިސްޓްރީންނެވެ. ޔޫތް މިނިސްޓްރީން ހިންގާ ގިނަ މަޝްޢޫތައް ނިންމަންޖެހޭ ތާރީޚަށް ނުނިމޭ މައްސަލައިގައި ރައްޔިތުންގެ މަޖްލީހުގެ ގިނަ މެންބަރުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޔޫތް މިނިސްޓްރީން މިހާރުވެސް ފުޓްސެލް ދަނޑުތަކާއި ފުޓްބޯޅަ ދަނޑު، ކުޑަކުދިންގެ ޕާކް، ވޮލީ އަދި ބާސްކެޓް ކޯޓްތައް އެޅުމުގެ މަސައްކަތް ދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރަމުންނެވެ.
ރައްޔިތުންގެ މަޖްލީހުގައި ވާހަކަދައްކަމުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ގިނަ މަޝްޢޫތައް ނިންމަންޖެހޭ ތާރީޚަށް ނުނިމެނީ ވަރަށް ގިނަ ސަބަބުތަކެއް ދިމާވެގެންކަމަށާއި މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ ކޮވިޑް19ގެ ސަބަބުންވެސް މަސައްކަތްތައް ލަސްވެގެންދާކަމަށެވެ. އަދި ބައެއް މަޝްޢޫތައް ހަވާލްކޮށްފައިވާ ކޮންޓްރެކްޓަރުގެ ސަބަބުންވެސް ބައެއް މަސައްކަތް ލަސްވެގެންދާކަމަށްވެސް މިނިސްޓަރ މަޙުލޫފު ވިދާޅުވިއެވެ. އަދި އަނެއްބައި މަޝްޢޫތައް އެގްރިމެންޓްގައި ވާގޮތަށް މަސައްކަތް ކުރިއަށްނުދާތީ، އެމަސައްކަތް ހުއްޓުވަން ޖެހޭއިރު، އަލުން މަސައްކަތް ފެށުމަށްވެސް ގިނަ ދުވަސްނަގާކަމަށްވެސް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވިއެވެ. މިހާރުވެސް ބައެއް ރަށްރަށުގައި ބައެއް ދަނޑުތަކާއި ކޯޓްތައް އަޅާނިމިފައިވާއިރު، ޔޫތް މިނިސްޓްރީން އެދަނޑުތަކާއި ކޯޓްތަކާއި ހަވާލުނުވެހުރީ އެގްރީމެންޓްގައި ވާގޮތަށް މަސައްކަތް ކޮށްފައިނުވުމުގެ އިތުރުން މަސައްކަތުގެ ފެންވަރުވެސް ދަށްވުމުގެ ސަބަބުންކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.
" މަސައްކަތް ބަޔަކާ ހަވާލުކުރާ ތާރީހުގައި ނިމިއްޖިއްޔާ އެއީ ވަރަށް ރަނގަޅު ކަމެއް. އެކަމަކު އަޅުގަނޑު މިވީ ދެ އަހަރު ތެރޭގައި ވެސް އަޅުގަނޑުމެން މިނިސްޓްރީން ހަވާލުކުރި މަސައްކަތެއް ވަރަށް މަދުން ނޫނީ ނިމިފައެއް ނެތް. އެހެން ނޫންނަމަ ވަރަށް ބައިވަރު މަސައްކަތްތަކެއް މިހާރު ހުންނާނީ ނިމިފައި. އައުޓް ޑޯ ޖިމްތަކުގެ މަސައްކަތް މިސާލަކަށް، އއ. ތޮއްޑޫގައި ކޮށްފައިހުރި މަސައްކަތެއް އަޅުގަނޑަށް ފެނިގެން އަޅުގަނޑު އެންގިން އެ މަސައްކަ ވަގުތުން ހުއްޓުވަން.އެއީ އެއްކަމަކަށް އަޅުގަނޑުމެން ޔަގީންކަން ދޭން ބޭނުންވަނީ އަޅުގަނޑުމެން އެދީފައި އޮންނަ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ކޮންޓްރެކްޓާ އެ މަސައްކަތް ނުކޮށް އޮވެ އަޅުގަނޑުމެން ހަވާލު ނުވާނަން" ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ބުންޏެވެ.