ޚަބަރު

ތިމާވެށި ޙިމާޔަތްކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި


ތިމާވެށި ޙިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި އެއްޤައުމުން އަނެއްޤައުމު ކުށްވެރިކުރުމުގެ އާދަ ދޫކޮށްލައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ދުނިޔޭގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަރޗުއަލްކޮށް ބޭއްވި މިސަމިޓް ޝަރަފްވެރިކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

މިއަހަރުގެ ދުނިޔޭގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައިސް މުޙައްމަދު ނަޝީދު ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް ދުނިޔޭގެ ގިނަ ޤައުމުތަކުން އީޖާބަދެމުން އަންނަކަމަށެވެ. އެގޮތުން މިވަގުތު ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ޙިމާޔަތްކުރުމަށް އެކި މިންވަރުގައި ދުނިޔޭގެ 127 ޤައުމަކުން މަސައްކަތްކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މިއީ މިވަގުތު ޖައްވަށް ބޭރުކުރަމުން އަންނަ %63 ވިހަގޭސް ބޭރުކުރަމުން އަންނަ ޤައުމުތައްކަން ފާހަގަކުރައްވައި މިކަމުގައި ނަތީޖާ ފެނިގެންދާނެކަން ރައިސް ނަޝީދުވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމަށް އެއްޤައުމުން އަނެއް ޤައުމު ކުށްވެރިކޮށް ފާށުކިޔުމުގެ ބަދަލުގައި އެންމެން އެއްއަމާޒެއްގައި މަސައްކަތްކުރުމަކީ މިއަދު ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއްކަމަށެވެ.

ސައުތް އޭޝިއާގެ ޤައުމުތަކުން ޖައްވައް ބޭރުކުރާ ވިހަގޭހުގެ މިންވަރު ދުނިޔޭގެ އެހެން ހިސާބުތަކާ އަޅާބަލާއިރު މަދު ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ނުރައްކަލުން އަރައިގަތުމަށް އެކާވީސްވަނަ ޤައުރުނުގެ ޒަމާނީ އީޖާދުތަކަށް މިސަރަޙައްދުގެ ޤައުމުތައްވެސް ބަރޯސާވަމުން އަންނަކަމަށް ރައިސް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމުން އަރައިގަތުމަށް 19ވަނަ ގަރުނުގެ އުކުޅެއް ބޭނުން ނުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން 2001ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓުގެ މިއަހަރުގެ ބައްދަލުވުން، ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ. އެއީ މިހާރު ކޯވިޑް-19އާއި ގުޅިގެން ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުންނެވެ. މިއަހަރުގެ ސަމިޓުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ވެރިންނާއި ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.

މިސަމިޓުގެ މިއަހަރުގެ ޝިއާރަކީ "ރީ ޑިފައިނިންގ އަވަރ ކޮމަން ފިއުޗަރ: ސޭފް އެންޑް ސެކިޔޮރ އެންމަވަރަމަންޓް ފޯ އޯލް" މިޝިއާރެވެ.