ޚަބަރު

"ސައިބަރ ސޭފްޓީ ޕްރޮގްރާމް" އިފްތިތާޙުކޮށްފި


ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމަށް ކުރިއަށްގެންދާ "ސައިބަރ ސޭފްޓީ ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙުކޮށްފައިވަނީ އިންޓަރނެޓްގެ ރައްކާތެރިކަމާ ގުޅޭގޮތުން ފާހަގަކުރާ "ސޭފާ އިންޓަރނެޓް ޑޭ" ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީޙް ޖަމާލެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަލީޙް ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ އިންޓަރނެޓަކީ މިހާރު ވަރަށް ބޮޑަށް އާއްމުވެ، ދިރިއުޅުމުގެ އެތައްކަމަކާ ގުޅިފައިވާކަމެއްކަމަށްވާއިރު، އިންޓަރނެޓްގެ ވަޞީލަތް ރަނގަޅުގޮތުގައި ބޭނުންކުރަން ދަސްކޮށްދީ، އޭގެ މުހިންމުކަން އަންގައިދިނުންކަމަށެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިންވެސް މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުމާއި، އިންޓަރނެޓްގެ ޚިދުމަތްފޯރުކޮށްދޭ ފަރާތްތައްވެސް މިހާރަށްވުރެ ޒިންމާދާރުކޮށް، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުވެސް ޢާއްމު ރައްޔިތުންނާ ހިއްސާކުރުމަކީ މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމުގެ ބޭނުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ އައު އީޖާދުތަކާއެކު ދިރިއުޅުމުގެ ޙާލަތު ދުވަހުން ދުވަހަށް ބަދަލުވަމުންދާއިރު، އިންޓަރނެޓްގެ ބޭނުން ކޮންމެ މީހަކުވެސް ހެޔޮގޮތުގައި ހިފަންޖެހޭކަން މިނިސްޓަރ މަލީޙް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރުމަށް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެއް ރާއްޖޭގެ ތުއްތުކުދިންނަށް ހަމަގޮތުގައި ރަނގަޅުގޮތުގައި އިންޓަރނެޓް ބޭނުންކުރަން ހޭލުންތެރިކުރުވުން. ކޮންމެ ގޭބިސީއަކީ، ކޮންމެ މަޔަކަށް، ކޮންމެ ބަފަޔަކަށް، ކޮންމެ ބެލެނިވެރިއަކަށް މި މަޢުލޫމާތު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް" މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަންވެސް ވަނީ ބައިވެރިވެވަޑައިގެން، އިންޓަރނެޓްގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، އިންޓަަރނެޓްގެ ޒަރިއްޔާއިން ހިންގާ އެކިއެކި ކުށްތަކާއި ޖަރީމާތައް އިތުރުވެފައިވާއިރު، ސައިބަރ ކްރައިމްފަދަ ކަންކަމާ ދެކޮޅަށް މިހާރު ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަކީ އަރޓިފިޝަލް އިންޓެލިޖެންސްކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް އަރޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ ކުރިއަރުވާ އެ ދާއިރާއިން މީހުން ބިނާކޮށް ތަމްރީންކުރުމަކީ މިއަދު ވަރަށް މުހިއްމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ ސައިބަރ ކްރައިމްއާއި ދެކޮޅަށް އަރޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުން ސިކުންތުކޮޅެއްގެ ތެރޭގައި ސައިބަރ އެޓޭކްތައް ދެނެގަނެވި، މީހުންގެ ޒާތީ މަޢުލޫމާތާއި، ކުންފުނިތަކުގެ މަޢުލޫމާތު ހިފެހެއްޓުމަށް އިތުރު ބާރަކަށްވެގެންދާނެ. އަޅުގަނޑު ދެކޭގޮތުގައި ދުނިޔެއަށް އަންނަމުންދާ ޓެކްނޮލޮޖީގެ ބަދަލުތަކުގެ ތެރެއިން އަރޓިފިޝަލް އިންޓެލިޖެންސް ވެގެންދާނީ އިންސާނުންނާއި ޓެކްނޮލޮޖީއާއި ގުޅުވައިދޭ އެންމެ ވަރުގަދަ އެއް ޓޫލްއަށް" މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމަށް އާއްމުން ހޭލުންތެރިކުރުވުމަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ "ސޭފާ އިންޓަރނެޓް ޑޭ"އާއި ގުޅުވައިގެން ލޯންޗްކުރި ސައިބަރ ސޭފްޓީ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި އިންޓަރނެޓްގެ ޙިދުމަތް ފޯރުކޮށްދޭ ހުރިހާ ކުންފުނިތަކަކާ ގުޅިގެންކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ވިދާޅުވެއެވެ. މި ޕްރޮގްރާމުގެ ތެރެއިން އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ދަރިވަރުންނާއި، ބެލެނިވެރިންނާއި މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.