ސިވިލް ކޯޓުގެ ގާޟީ އަބްދުﷲ އިހުސާން ސަސްޕެންޑްކުރީ އޭނާއަށް ތުހުމަތުކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ހާމަކުރައްވައިފިއެވެ.
ގާޟީ އިޙްސާން، މިއަދުން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް މަޤާމުގެ މަސައްކަތުން ދުރުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ ކޮމިޝަނުން އާންމުކުރި ނޫސްބަޔާނާ ގުޅިގެން، އިޚްސާން ސަސްޕެންޑްކޮށްފައިވަނީ މިހާރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެންކަމަށް ދޭހަވާގޮތަށް ބައެއް މީޑިއާތަކުން ވަނީ މަޢުލޫމާތު ގެނެސްދީފައިވެއެވެ. އެ ކޮމިޝަނުން މިރޭ އާއްމުކުރެއްވި އިތުރު ނޫސް ބަޔާނެއްގައި ވިދާޅުވީ، އިޚްސާން ސަސްޕެންޑުކޮށްފައިވަނީ ސިވިލްކޯޓުގައި ބަލަމުންދާ މައްސަލައަކާއި ގުޅިގެން ނޫންކަމަށެވެ.
އިޙްސާން ވަގުތީގޮތުން މަސައްކަތުން ދުރުކުރުމަށް ނިންމާފައިވަނީ ޤާޟީގެ މައްޗަށް ރައްދުވާގޮތަށް އެ ކޮމިޝަނަށް ހުށަހެޅި ތަޙްޤީޤުކުރަމުންދާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެންކަމަށް ކޮމިޝަނުން ފާހަގަކުރެއްވިއެވެ.
ޖޭއެސްސީގެ ތަޙްޤީޤީ އިޖުރާޢަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ އެންމެހައި ކަންކަން ކަށަވަރުކުރުމާއެކު އިޙްސާންގެ ބަޔާން ނަގައި އަދި ތަޙްޤީޤަށް ބޭނުންވާ އިތުރު ފަރާތްތަކެއްގެ ބަސްވެސް ހޯދާފައިވާކަމަށް ކޮމިޝަނުން ވިދާޅުވިއެވެ. އަދި ޤާޟީ އިޙްސާންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގެ ބާވަތަށާއި، މައްސަލައިގެ ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، އޭނާ މަސައްކަތުގައި ދެމިހުންނަވައިފި މައްސަލައިގެ ތަޙުޤީޤަށް ހުރަސް އެޅިދާނެކަމަށް ފެންނާތީ އާއި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އިިޚްސާން ސަސްޕެންޑުކުރަން ނިންމެވިކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.