ޚަބަރު

ކޯވިޑް-19 : މިއަދު 109 މީހުން ޕޮޒިޓިވް


ވޭތުވެދިޔަ 24ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 109 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖޭގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް މިވަނީ 200އިން މައްޗަށް އަރާފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 109މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 78 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 11 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 20މީހުންނެވެ.
އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 16656އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ބަލިން ރަނގަޅުވީ މީހުންގެ އަދަދަކީ 84އެވެ. މިއާއެކު ކޯވިޑް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދުވަނީ 14556އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ އަދަދަކީ 2039އެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސްމިވަނީ 200އިން މައްޗަށް އަރާފައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 207 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށް 3220 ސާމްޕަލް ވަނީ ނަގާފައެވެ. މިއާއެކު މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ނެގި ސާމްޕަލްގެ ޖުމްލަ އަދަދު ވަނީ 430513 އަށް އަރާފައެވެ.

ކޯވިޑް-19 ގައި މިހާތަނަށް ރާއްޖެއިން 54 މީހުން ވަނީ ނިޔާވެފައެވެ. އެއީ 46 ދިވެހިންނާއި 8 ބިދޭސީންނެވެ.