ޚަބަރު

ކުނީގެ މައްސަލަ ބޮޑުވެފައިވާ ރަށްރަށަށް 7 މަސްދުވަހުގެ ތެރޭގައި ހައްލުގެންނަނީ


އަތޮޅުތެރޭގައި އެންމެ ކުނި ގިނައިން ޖަމާކޮށްފައިވާ 20 ރަށުގެ ކުނީގެ މައްސަލައަށް ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ހައްލު ލިބޭނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. މިމަސައްކަތް މިހާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިސާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކުނީގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. މިއީ ބުރަ ބޮޑު މައްސަލައެއްނަމަވެސް ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި 20 ރަށަކަށް ޖަމާވެފައިވާ ކުނިތައް އެއްކޮށް ރަށުން ބޭރުކޮށް ސާފުކުރުމުގެ މަޝްރޫޢު މިހާރު ވެމްކޯއާއި ޙަވާލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ކުރުމުގައި އެންމެ ގިނައިން މިވަގުތު ކުނި ޖަމާކޮށްފައި ހުރި ރަށްރަށުގެ ތެރެއިން ކުނީގެ މައްސަލަ ބޮޑުވެފައިވާ ރަށްރަށަށް އިސްކަންދެއްވުމަށްވަނީ ނިންމަވާފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުނީގެ މައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

"އެންމެ ގިނަ ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސް ތެރޭގައި ނަގައި ސާފުކުރުމަށް، ވެމްކޯއާ މިހާރު ވަނީ ހަވާލުކޮށްފައި. މިކަން ދާއިމީ ގޮތެއްގައި ޙައްލުކުރުމަށްޓަކައި، ރާއްޖޭގެ 3 ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަޞީލަތްތައް މިއަންނަނީ ތަރައްޤީކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށްޓަކާ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދަންޖެހޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެއީ ޚަރަދުބޮޑު ކަމެއް ނަމަވެސް މަސައްކަތްކުރަމުން އަންނަނީ އެއަމާޒަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތްކުރުމަށް ރަށުފެންވަރުގައި ކުނި މެނޭޖްކޮށް ކުނިން މަންފާ ހޯދޭނެ ނިޒާމެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް މެދުވެރިކޮށް ކަމާ ގުޅޭ ޖަމިއްޔާތަކާއި ގުޅިގެން އެކި ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. އެހެންނަމަވެސް އަދިވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި އެތައް ޒަމާނެއް ކުރިން ފެށިގެން ޖަމާކޮށްފައިވާ ކުނީގެ ބޮޑެތި ފުނިތަކަށް ޙައްލެއް ލިބިފައި ނުވެއެވެ.