ރާއްޖޭގައި އުފައްދާ ޕްލާސްޓިކްގެ ބާވަތްތައް ކޮންޓްރޯލްކުރުމުގެ ޤާނޫނީ ބާރުވެރިކަމެއް އަދި ނެތް ކަމަށާއި އެކަން ޙައްލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ޕްލާސްޓިކަކީ ރާއްޖޭގެ ތިމާވެއްޓަށް އޮތް އެންމެ ބޮޑު މައްސަލަކަމަށް ހުރިހާ އިދާރާއަކުންވެސް އަންނަނީ ފާހަގަކުރަމުންނެވެ. އެހެންނަމަވެސް ޕްލާސްޓިކް ކޮންޓްރޯލްކުރުމަށް ވަކި ޚާއްސަ ޤާނޫނެއް ރާއްޖޭގައި އަދިނެތެވެ. ތިމާވެށި ޙިމާޔަތްކުރުމުގެ ޤާނޫނުގައިވެސް ޕްލާސްޓިކާ ގުޅޭ އެއްވެސް ބައެއް ހިމަނާފައި ނުވެއެވެ. ތިމާވެށީގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ޕްލާސްޓިކްގެ މައްސަލަ ޙައްލުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ގެނެވުނު އިސްލާޙަކާއެކު ރާއްޖެއަށް އެތެރެކުރެވޭ ވަކި ބާވަތްތަކެއްގެ ޕްލާސްޓިކް ކޮންޓްރޯލްކުރުމަށް ނިންމާ ޢަމަލުކުރަން ފެށީ ނިމިގެންދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ރާއްޖޭގައި އުފައްދާ ކުނީގެ ތެރޭގައިވެސް އެންމެ ގިނަ އެއްބާވަތް ކަމަށްވާ ޕްލާސްޓިކް ފުޅިއަކީ ރާއްޖެއަށް އެތެރެކުރާ ޕްލާސްޓިކް ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ ތަކެއްޗެވެ. އެހެންކަމުން ރާއްޖެ އެތެރެކުރާ ޕްލާސްޓިކްގެ ގޮތުގައި ނުހިމެނޭ މިބާވަތްތައް ކޮންޓްރޯލް ކުރެވޭނެ ގޮތެއް ނެތެވެ.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސެއިން ރަޝީދު ޙަސަން ވިދާޅުވީ ރާއްޖެއަށް އެތެރެކޮށް ރާއްޖޭގައި އުފައްދާ ޕްލާސްޓިކްގެ ބާވަތްތައް ހުއްޓުވުމަށް ބޭނުންވާ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައަޅުއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ރާއްޖޭގައި ޤާނޫނު މިވަގުތު އޮތްގޮތުން އިމްޕޯޓް ކުރުން މަނާ ކުރެވުނުނަމަވެސް ޕްލާސްޓިކް ރާއްޖެއަށް އެތެރެކޮށް އުފެއްދުން މަނާކުރެވޭކަށް އަދި ނެތް. އެއީ ރާއްޖޭގައި ވަރަށް މަދު އެއްޗެއް ނޫނީ އުފެއްދުން މަނާ ކުރެވޭނެ ޤާނޫނެއް އަދި ނެތް. އެގޮތުން ރާއްޖޭގައި ޕްލާސްޓިކްގެ އުފެއްދުން ހުއްޓުވޭކަށް ނެތް. އެހެންވީމަ މިފެށޭ މަޖިލީހަށް އަޅުގަނޑުމެން ކުއްލި މައްސަލައެއް ފޮނުވާނަން. ރާއްޖެއަށް އެތެރެކުރާ ސިންގަލް ޔޫސްޕްލާސްޓިކް މަނާކުރާ ގޮތަށް މިބާވަތްތައް ރާއްޖޭގައި އުފެއްދުންވެސް އެބަހުއްޓުވަންޖެހޭ." އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ވިދާޅުވިއެވެ.
ޕްލާސްޓިކް ފުޅިއަކީ ރާއްޖޭގައި ކުނީގެ ގޮތުގައި އެންމެ ގިނައިން އުކާލާ ކުނީގެ ބާވަތެވެ. މީގެތެރެއިންވެސް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ފުޅި ގިނަކަން ފާހަގަކުރެވެއެވެ. މީގެތެރޭގައި އެކި ސައިޒުގެ ފެންފުޅިއާއި އެކިބާވަތުގެ ފިޒީ ޑްރިންކްސް ހިމެނެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އަހަރަކު 3300 ޓަނުގެ ފުޅި ބޭނުންކޮށް އުކާލައެވެ. މީއީ 163 މިލިއަން ފުޅިއެވެ.
އަލަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި މިފަދަ ބާވަތްތައް އުފައްދާ ރާއްޖޭގެ ކުންފުނިތައްވެސް މިހާރަށްވުރެ ޒިންމާދާރުކުރުވުމަށް ހިމެނުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ކޮންޒިއުމަރ ރެސްޕޮންސިބިލިޓީ ނުވަތަ ތަކެތި ގަންނަ މީހުންގެ ފަރުދީ ޒިންމާ އޮންނަފަދައިން ތަކެތި އުފައްދާ ފަރާތްތަކުގެ ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ ނަގާ އެފަރާތްތަކުން ބާޒާރަށް ނެރޭ އުފެއްދުންތަކުގެ ސަބަބުން އުފެދޭ ކުންޏަށް ޒިންމާވާން ޖެހޭނެ ފަދަ އުސޫލެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަރާރަކުން ފާސްކޮށްފައިވަނީ 2019 ވަނަ އަހަރުގެތެރޭގައެވެ. ސަރުކާރުގެ އަމާޒަކީ މިލަނޑުދަނޑިއަށް 2025 ގެ ނިޔަލަށް ވާސިލުވުމެވެ.