ދުނިޔެ

މާލީ އެހީތެރިކަން އަވަސްކުރުމަށް ބައިޑަންގެ އަމުރެއް


ކޯވިޑް-19ގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޢާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަންގަވައިފިއެވެ. ސަރުކާރުންދޭ އެލަވަންސުތައް އޭގެ ހައްގުވެރިންނަށް އަވަހަށް ފޯރުކޮށްދިނުމުގެ އިތުރުން މަދަރުސާތަކުން ފޯރުކޮށްދޭ ކެއުންތަކުގެ މައްޗަށް ބަރޯސާވާ ދަރިވަރުންނަށް ކާބޯތަކެތީގެ އެހީތެރިކަން ދޭ މިންވަރު އިތުރުކުރުމަށްވެސް ބައިޑަންވަނީ އަންގަވައިފައެވެ.

ކޯވިޑްގެ ސަބަބުން އެމެރިކާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ރައީސް ބައިޑަންވަނީ 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް ހުށަހަޅުއްވާނެކަން އިޢުލާނުކުރައްވާފައެވެ. ބައިޑަން އިއުލާންކުރެއްވި ސްޓިމިއުލަސް ޕްލޭންގެ ދަށުން އެމެރިކާގެ ގޭބީސީތަކަށް 1.9 ޓްރިލިއަން ޑޮލަރު ޚާއްސަކުރާނެއެވެ. އެފައިސާގެ ތެރެއިން އެމެރިކާގެ ކޮންމެ ރައްޔިތަކަށް 1400 ޑޮލަރުގެ އެލަވަންސެއް ލިބިގެންދާނެއެވެ.

ބައިޑަންގެ އައު ސަރުކާރުގެ މަސައްކަތް ފަށައިގެންފައިވާ މި ދުވަސްވަރުގައި ސަރުކާރުން ކޯވިޑަށް ދޭ ސަމާލުކަން ނިމިދިޔަ ސަރުކާރަށްވުރެ އިތުރުކުރައްވާނެކަމަށް ބައިޑަން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމެރިކާގައި މިހާތަނަށް 25.4 މިލިއަން މީހުންނަށް ކޯވިޑް ޖެހި 424،633 މީހުން މަރުވެފައިވާއިރު، ޤައުމަށް ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން އެތައް މިލިއަން މީހުނެއްގެ ވަޒީފާވެސްވަނީ ގެއްލިފައެވެ. އޭގެ ސަބަބުން އެމެރިކާގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގައި ދަނީ ގިނަ ދަތިތަކަކާއި ކުރިމަތިލަމުންނެވެ.

އެލަވަންސު ދިނުން އަވަސްކުރުމަށާއި ކާބޯތަކެތީގެ އެހީތެރިކަންދޭ މިންވަރު އިތުރުކުރުމަށް އަންގާ ރިޔާސީ އަމުރުތަކުގައި ސޮއިކުރުމަށް ވައިޓު ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ބައިޑަން ވިދާޅުވީ އެ ފިޔަވަޅަކީ ޤައުމުގެ އިޤްތިޞާދަށްޓަކައި އަޅަންޖެހޭ ކޮންމެހެން މުހިންމު ފިޔަވަޅެއްކަމަށެވެ. އެމެރިކާގެ ގިނަ ރައްޔިތުންދަނީ ގިނަ އުނދަގޫތައް ތަޙައްމަލު ކުރަމުންކަމަށާއި އެމެރިކާގައި ބަލިފެތުރޭ މިންވަރު އަދިވެސްދަނީ އިތުރުވަމުންކަން ބައިޑަން ފާހަގަކުރެއްވިއެވެ. ގެދޮރުން ނިކުންނަންޖެހުމުގެ ބިރުބޮޑުވެފައިވާކަމަށާއި ވަޒީފާ ގެއްލޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަންވެސް ބައިޑަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އެމެރިކާގެ އައު ރައީސް ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ހުށަހަޅުއްވާފައިވާ 1.9 ޓްރިލިއަން އެމެރިކާ ޑޮލަރުގެ އިކޮނޮމިކް ރިލީފް ޕެކޭޖާއި މެދު އިދިކޮޅު ރިޕަބްލިކަނުންނަށް ނިސްބަތްވާ ޤަނޫނު ހަދާ މަޖިލީހުގެ މެންބަރުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެ ޕެކޭޖުގެ ދަށުން ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް 415 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާ އުމްރާނީ ތަރައްޤީއާއި ހަކަތައިގެ މަޝްރޫޢުތަކަށާއި ތަޢުލީމާއި ދިރާސާއަށް ދެ ޓްރިލިއަން ޑޮލަރު ހިމެނުމުން އިދިކޮޅުން އަންނަނީ އެކަމާއި ސުވާލު އުފައްދަމުންނެވެ.

ރައްޔިތުންނަށް ލުޔެއް ހޯދައިދިނުން އަވަސްކުރުމާއި ގުޅޭގޮތުން ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ވާހަކަދައްކަވާނެކަމަށް ވައިޓު ހައުސްގެ ނޭޝަނަލް އިކޮނޮމިކް ކައުންސިލްގެ ޑިރެކްޓަރު ބްރަޔަން ޑީސްވަނީ ވިދާޅުވެފައެވެ. ޑީސް ވިދާޅުވީ ވައިރަހުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން ޤައުމުގެ އިޤްތިޞާދު މިވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށާއި މިހާރު ކުރިމަތިވެފައިވާ ޙާލަތަށްވުރެ ގޯސް ޙާލަތަކަށް ޤައުމު ވެއްޓުމުގެ ފުރުޞަތު އޮތްކަމަށެވެ.

ޑީސް ވިދާޅުވީ ބައިޑަން އިޢުލާނުކުރައްވާފައިވާ އައު ޕެކޭޖަކީ ސްޓޭޓުތަކުން މިހާރު ދެމުންދާ މާލީ އެހީތެރިކަމުގެ ބަދަލުގައި ދޭ އެހީތެރިކަމެއް ނޫންކަމަށާއި އެއީ މުޅިން ތަފާތު ޕެކޭޖެއްކަމަށެވެ. މިހާރުވެސް ވަޒީފާ ނެތް 16 މިލިއަނެއްހާ މީހުންނާއި، ފުދޭ މިންވަރަށް ކާބޯތަކެތި ނުލިބޭ 29 މިލިއަން މީހުންނަށް ސްޓޭޓުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.