މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކުރުމަށް ނިންމި ނިންމުން ބަލައިނުގަންނަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.
ހައިކޯޓުގެ ހުކުމް ބަލައިނުގަންނަން ނިންމިއިރު، އިދިކޮޅުން ވަނީ ސީދާ ހަރަކާތަށް ނިކުތުމަށް ޤަރާރެއް ފާސްކޮށްފައެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ލީޑަރޝިޕުން ހުށަހެޅި މިޤަރާރު އިއްވައި ދެއްވީ އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.
މިޤަރާރަށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ ޤަރާރަށް ތާއީދުކޮށް ސީދާ ހަރަކާތަށް ނިކުތުމަށް ތާއީދުކޮށްފައެވެ. މިޤަރާރު ފާސްވެފައިވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން މިހާރުވެސް އަންނަނީ ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރަމުންނެވެ. މިގޮތުން ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގައި އަޑުއެހުންތައް މިހާރުވަނީ ކޯޓުގައި ފަށާފައެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީން ޖަލުހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ހުކުމް ކުރުމުން އެރޭވެސް މާލޭގެ ބައެއް މަގުތަކުގައި އިހުތިޖާޖު ކޮށްފައެވެ.