ޚަބަރު

އިންތިޚާބާބެހޭ ޚާއްސަ ޤާނޫނަށް ހުށަހެޅި އިސްލާޙުގެ ބަޙުސް މާދަމާ


ލޯކަލް ކައުންސިލް އިންތިޚާބާބެހޭ ޚާއްސަ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ އިސްލާޙުގެ ބިލަށް ބަހުސް ފެށުމަށް މާދަމާއަށް އެޖެންޑާކޮށްފިއެެވެ. މިޤާނޫނަށް އިސްލާޙު ގެނައުމަށް ޖަލްސާތައް ބާއްވަނީ ދައުރުން ބޭރުންނެވެ. މިއީ އެގޮތުން ބާއްވާ 2ވަނަ ޖަލްސާއެވެ.

މާދަމާ ޖަލްސާ ބޭއްވުމަށް މަޖިލީހުގައި އެޖެންޑާ ކޮށްފައިވަނީ 11 ޖަހާއިރަށެވެ. މާދަމާގެ ޖަލްސާގައި ބަހުސަށް އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުންގެ ބަހުސް ނިމެންދެން ޖަލްސާ ކުރިއަށް ގެންދަވާނެކަމަށް މިބިލްގެ ފުރަތަމަ ކިޔުން އިއްވެރޭ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލިސް ނާއިބް ރައީސް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހަށް ހުށަހަޅާ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ތިން ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. އެއަށްފަހު ކޮމިޓީ މަރުހަލާގެ މަސައްކަތަށްފަހު އަނެއްކާވެސް 3 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ތަޅުމަށް ބިލު ގެނެސް ތަޅުމުގައި ބަހުސް ކުރުމަށްފަހު ބިލަށް ވޯޓަށް އެހިގެންދާނެއެވެ.

މިބިލު ދިރާސާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީންނެވެ. މިދިޔަ އަހަރު މެއި 10 ގައި ފާސްކުރި ހާއްސަ ގާނޫނު އަލުން އިސްލާހު ކުރަން ސަރުކާރުން ނިންމީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ނަމަ އިންތިހާބު ބޭއްވުމަށް އެ ގާނޫނުން ޖާގަ ނުދޭތީ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)ގެ ހުއްދައާ ނުލައި އިންތިހާބު ނުބޭއްވޭތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަންބޮޑުވުން ފާޅުކޮށް ގާނޫނު އިސްލާހު ކުރަން ވަނީ ގޮވާލައިފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެންނަ މައިގަނޑު އިޞްލާހުތައް

  • ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ނަމަވެސް އިންތިޚާބު ބޭއްވޭނެ ޖާގަ ދިނުން
  • އިންތިޚާބުތަކާއި ބެހޭ ޤާނޫނާއި، ލާމަރުކަޒީ ޤާނޫނުގައި އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް ކޮންމެހެން އަމަލު ކުރަން ޖެހޭގޮތަށް ބަދަލު ގެނައުން
  • އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައަޅައި، އިންތިޚާބު ބޭއްވުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުން

މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކޯވިޑް-19އާ ގުޅިގެން ބޭއްވޭގޮތް ނުވުމުން، ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނެއް އެކުލަވާލިނަމަވެސް، އެޤާނޫނުގެ ދަށުން މިހާރު މިއޮތް ޙާލަތުގައި އިންތިޚާބު ބޭއްވުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވުމާއެކު މިހާރު ވަނީ އައު ތާރީޚެއް ކަނޑައަޅައި އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ފެބްރުވަރީމަހުގެ ކުރިން ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިޞްލާޙު ގެނެވިއްޖެނަމަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު އިންތިޚާބު ބޭއްވޭނެކަމަށެވެ. އަދި އެދުވަހަށް އިންތިޚާބު ބޭއްވުމަށް މިހާރު ވަނީ ތާވަލުވެސްކޮށްފައެވެ.