ކޮންމެ ޓީމްއެއްވެސް މާޒިޔާއާއި ދެކޮޅަށް ނިކުންނާނީ އިތުރު ހިއްވަރެއް ލައިގެން މާޒިޔާ ބަލިކުރަންކަމަށް މާޒިޔާއާއި އަލަށް ގުޅުނު ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ. ލީގްގައި ވެލެންސިޔާ މެޗަށްފަހުު މާޒިޔާގެ ޓީމަށް އޭރުގައި އިރުޝާދުދިން ކޯޗް މުޙައްމަދު ނިޒާމްވަނީ އިސްތިއުފާދީފައެވެ. އަދި އެންމެ ފަހު މާޒިޔާ އާއި ދަ ގްރާންޑޭ ކުޅުނު މެޗް އެއްވަރު ވީއިރު، އެމެޗްގައި މާޒިޔާގެ ޓީމްއަށް އިރުޝާދު ދީފައިވަނީ އެޓީމުގެ އެސިސްޓަންޓް ކޯޗް އަހުމަދު ސުޒެއިރުއެވެ.
މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ބައިވެރިވެ، މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނީ އެންމެ ފަހުގެ ލީގް ޗެންޕިއަންއަށް ވުމުން، އިތުރު ޕްރެޝަރެއް މާޒިޔާއިން ނަގަން ޖެހިފައިވާކަމަށާއި ކޮންމެ ޓީމެއްވެސް މާޒިޔާއާއި ދެކޮޅަށް ނިކުންނަނީ އިތުރު ހިއްވަރެއް ލައިގެން މާޒިޔާ ބަލިކުރަންކަމަށް ކޯޗް ބުންޏެވެ. ސުޕަރ ޔުނައިޓަޑް ސްޕޯޓްސްއާ ދެކޮޅަށް ނިކުންނަ މެޗުގައި 3 ޕޮއިންޓް ހޯދުން މުހިންމުކަމަށްވެސް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުންޏެވެ.
"އަހަރުންނަނީ މިދިޔަ އަހަރުގެ ޗެންޕިއަނުން، ކޮންމެ ޓީމެއްވެސް %200 ޕަސެންޓްދޭ އަހަރުން ބަލިކުރުމަށް. އަހަރުންނަށް އެއްވެސް ޓީމަކީ ކުޑަ ޓީމެއްނޫން، އަހަރުންނަށް ކޮންމެ ޓީމަކީވެސް މޮޅު ޓީމެއް އަދި ކޮންމެ މެޗަކަށްވެސް ނިކުންނަން ޖެހެނީ ވަރަށް ބޮޑަށް ސަމާލުކަންދީގެން. މިކަން މާޒިޔާގެ ކުޅުންތެރިންނަށްވެސް އެގޭނެ. އަހަރުންދަނީ ކޮންމެ މެޗެއްގެ ކުރިންވެސް ކުޅުންތެރިންނަށް މެޗުގެ މުހިންމުކަން ހަދާންކޮށްދެމުން. ކޮންމެ މެޗަކަށް ނިކުންނައިރުވެސް މާޒިޔާއިން %100 ޕަސެޓް ދޭންޖެހޭނެ މެޗުން މޮޅުވާން ބޭނުންވާކަމަށްވާނަމަ. އަހަންނަށް އެގޭ އެހެން ޓީމްތަކުން އިތުރު ހިއްވަރެއް ލައިގެން މާޒިޔާއާއި ދެކޮޅަށް ނިކުންނަކަން. މާޒިޔާއިން މީގެ ފަހުން ކޮންމެ މެޗަކަށްވެސް ނިކުންނާނީ ސީދާ 3 ޕޮއިންޓަށް. މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުންނެވެ.
މެޗުގެ ކުރިން ސުޕަރ ޔުނައިޓަޑްގެ ކޯޗު އަހުމަދު ނާޝިދުބުނީ މާޒިޔާއަކީ މި ލީގްގައި ކުޅޭ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓީމުކަމަށާއި މި މެޗާ ސަސްއިން ކުރިމަތިލަނީ ވަރަށް ރަގަނޅަށް ތައްޔާރުވެގެން ކަމަށެވެ. އަދި ސަސްގެ ކުޅުންތެރިންވެސް އިތުރު ހިއްވަރެއް ލައިގެން މާޒިޔާ މެޗުގައި މޮޅު ކުޅުމެއްދެއްކޭތޯ މަސައްކަތް ކުރާނެކަމަށްވެސް ނާޝިދު ބުންޏެވެ. ބިދޭސީ އެއް ކުޅުންތެރިއެއް ފިޔަވާ އެހެން ހުރިހާ ކުޅުންތެރިންވެސް މިމެޗަށް ފިޓްކަމަށްވެސް ނާޝިދު ބުންޏެވެ.
"މިއީ ފުރަތަމަ ޑިވިޝަންގައި ސަސްއިން ކުޅޭނެ އެންމެ ވަރުގަދަ މެޗް. ހުރިހާ ކުޅުންތެރިންނަށްވެސް އެކަން އެގޭނެ މިނިކުންނަނީ ކޮންމެ ޓީމަކާއި ދެކޮޅަށްކަން. ކުރިމަތީގައި އޮންނަ ޓީމަށް ބަލާފަ ސަސްގެ ކުޅުންތެރިން ތައްޔާރުވަމުންމިދަނީ. ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާއެކު މާޒިޔާއަކީ ވަރުގަދަ ޓީމެއް. އެކަން އެނގިގެން މިއަރަނީވެސް. އުއްމީދަކީ ކުޅުންތެރިންގެ ހިއްވަރަކާއެކު މެޗުގައި ރަގަނޅު ނަތީޖާއެއް ހޯދުން. މާޒިޔާ ކިތަންމެ ވަރުގަދަ ވިޔަސް، އިދިކޮޅުން ނިކުންނަ ޓީމް ރަގަނޅަށް ތައްޔާރުވެގެން ނިކުމެއްޖެކަމުގައިވާނަމަ، ރަގަނޅު ނާތީޖާއެއް ނެރެވޭނެ. ސަސްގެ ކޯޗް އަހުމަދު ނާޝިދު ބުންޏެވެ.
ސަސްގެ ކޯޗް ނާޝިދު ބުނީ ލީގުގައި މިހާތަނަށް ސަސްގެ ޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ހިންހަމަޖެހޭކަމަށާއި ކުރިއަށް އޮތް ޓްރާންސްފަރގައި އިތުރު ކުޅުންތެރިންގެނެސް މިއަަށްވުރެއް މޮޅު ކުޅުމެއް ސަސްގެ ފަރާތުން ފެންނާނެކަމަށް އުއްމީދު ކުރާކަމަށް ސަސްގެ ކޯޗް އަހުމަދު ނާޝިދު ބުންޏެވެ.