ކުޅިވަރު

ޗެންޕިއަން އީގަލްސްއިން ރެލިގޭޝަނުން ސަލާމަތް ވާން މަސައްކަތް ކުރަނީ


ސީޒަން ފެށުނުއިރު ލީގް ޗެންޕިއަންކަމަށް ވާދަކުރި ކުލަބް އީގަލްސްއިން މިހާރު މަސައްކަތް ކުރަމުންދަނީ ރެލިގޭޝަނުން ސަލާމަތް ވުމަށްކަމަށް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
އަނިޔާގެ މައްސަލަތައް ބޮޑުވެ، ކުލަބް އީގަލްސްގެ މުހިންމު ބައެއް ކުޅުންތެރިންނަށްވަނީ ކުރިއަށް ހުރި މެޗުތަކުގައި ނުކުޅެވޭނެކަން ޔަގީންވެފައެވެ. އަނިޔާގެ މައްސަލަތަށް ކުލަބް އީގަލްސްއަށް ދިމާވެފައިވާއިރު، ފަހުގެ ތާރީހެއްގައި ކުލަބް އީގަލްސް މިހާދަށްކޮން އޮތް ހަދާން ނުވާކަމަށާއި، ލީގުގައި މިހާތަނަށް އެޓީމް 4 މެޗް ކުޅެފައިވާއިރު އެޓީމަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. މިއީ މީގެކުރިން އީގަލްސްގެ ފެންވަރު ނޫންކަމަށްވެސް އެޓީމުގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ. ކުލަބް އީގަލްސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަހުމަދު ރިޒްވާނަށް އަނިޔާވެ، މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ދެން ނުކުޅެވޭނެކަން މިހާރު ޔަގީންވެފައިވާއިރު، ނޫމާން އަދި ކޮކީވެސް މިއަދުގެ މެޗްގައި ކުޅެވިދާނެކަމާއި ދޭތެރޭގައި ޝައްކުކަމަށްވެސް މޯހަން ބުންޏެވެ.

އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒު ބުނީ މިދަނޑިވަޅަކީ ޓީމުގައި ތިބި ގިނަ ދުވަސްވީ ކުޅުންތެރިންގެ ލީޑަރޝިޕް ކޮލިޓީ ދައްކަންވީ ވަގުތުކަމަށެވެ. ކުލަބް އީގަލްސްއަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ބޭނުންވަނީ މޮޅެއްކަމަށާއި ޓީމުގެ ކުޅުންތެރިންނަށް އިތުރު ހިއްވަރެއްވެސް ލިބިގެންދާނީ މެޗަކުން މޮޅުވެގެންކަމަށް މޯހަން ބުންޏެވެ.

މިހާދިގު ލީގެއްގައި އަދި ވަރަށް ގިނަ ކަން ކަން ވެގެންދާނެކަމަށާއި ކުލަބު އީގަލްސްގެ ބިދޭސީ ކުޅުންތެރިންނަށްވެސް ވަގުތު ބޭނުންވާކަމަށް މޯހަން ބުންޏެވެ.  

"ކުޅުންތެރިން ބޭރުން ލިބުމަކީ ވަރަށް ރަނގަޅުކަމެއް. އެހެންނަމަވެސް ބިދޭސީ ކުޅުންތެރިންނާއެކު ރަގަނޅު ފަރިތަކުރުންތަކެއް ކުރިއަށް ނުގެންދެވިގެން މިދަނީ. އެއީވެސް މިހާރު ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް. އެކުޅުންތެރިންވެސް ޓީމެއްގެ ގޮތުގައި ކުޅުމަށް މަދުވެގެން 2 ހަފްތާއެއްހާ ދުވަސް ބޭނުންވާނެ. ކުރިން ދުވަހުވެސް އެރުވި ބިދޭސީ ކުޅުންތެރިޔާއާއި ޓީމާ އެއްވެސް ގުޅުމެއް ނެތް. ޓީމެއްގެ ގޮތުގައި ކުޅުމަށް އަދި އެއް ކުޅުންތެރިއަކާއި އަނެއް ކުޅުންތެރިއަކު ދަންނަންވެސް ވަގުތު ބޭނުންވޭ. އެކަމަމު އަޅުގަނޑުމެންނަށް ވަގުތެއްވެސް ނެތް. މިހާ ކައިރިކައިރީގައި މެޗުތައް ކުޅެންޖެހުމުން މިވަގުތުގައި އެންމެ ރަގަނޅަށް ކުރެވޭނީ ކޮންކަމެއްތޯ ބަލަން އެބަ ޖެހޭ. މިހާރު އެންމެ ބޮޑަށް ވިސްނާނީ ބޯޅަ ކުޅުމަށްވުރެއް ބޮޑަށް ނަތީޖާއަށް. ނަތީޖާ ނެރެން ކުރަންޖެހޭ މަސައްކަތް މިހާރު އެންމެ އިސްކަމެއްދޭނީ." ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް ބުންޏެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަދަކައްކަމުން ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމްބުނީ އަނިޔާގެ މައްސަލަތަކާއި ހުރެ، ޓީމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާކަށެވެ. ދެ ޑިފެންޑަރުންނަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން މިމެޗުގައި ނުކުޅެވޭއިރު، ޔާސިން އާއި އާދިލްވެސް ދުވަސްކޮޅަކަށް ކުޅުމާއި ދުރަށްދާންޖެހިފައިވޭ. ޔޫވީގެ ފުރަތަމަ 11ގައި ހިމެނޭ ހަތް ކުޅުންތެރިއަކަށްވަނީ އަނިޔާވެފައެވެ. ކޯޗް މުހައްމަދު އާދަމް ބުނީ މިމެޗަށް ޔޫވީ ނިކުންނާނީ އީގަލްސްގެ ފެންވަރު އެގިގެންކަމަށާއި އެޓީމުން ލީގްގައި މިހާތަނަށް ހޯދާފައިވާ ނަތީޖާތަކަށް ބަލަން ބޭނުންނުވާކަމަށްވެސް ކޯޗް މުހައްމަދު އާދަމް ބުންޏެވެ.

"މިމެޗަށް އީގަލްސްއާއި ދެކޮޅަށް ނިކުންނައިރު، އެޓީމަށްއިން ފައިދާއަކީ އީގަލްސްގެ ކުޅުންތެރިންނަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެކީގައި ކުޅުނު ކުޅުންތެރިން. ދެޓީމަށްވެސް އަނިޔާގެ މައްސަލަތާކާއި ކުރިމަތިލާންޖެހިފައިވާއިރު، އީގަލްސްށް އޮތް ފައިދާއަކީ އެކީގައި ކުޅުނު ކުޅުންތެރިން ގިނަވުން އަދި ޔޫވީއަށް ދިމާވެފައިވާ މައްސަލައަކީ ގިނަ އާކުޅުންތެރިންތަކެއް ޓީމާއި ގުޅި ފުރަތަމަ 11ގައިވެސް އެކުޅުންތެރިން ހިމަނައިގެން ކުޅުން. ޗެރިޓީ ޝީލްގެ މެޗް ކާމިޔާބުކުރުމަށްފަހު އީގަލްސްއަށް ސީޒަންގައި އަދި މާރަގަނޅު ކުޅުމެއް ދެއްކިފައެއްނުވޭ. އެހެންވީމަ މިމެޗް އެހާ އުދަނގޫ ނުވާނެ، އެކަމަކުވެސް ޔޫވީގައި 14 ކުޅުންތެރިން ނަގާފައި ދެން ހުސްތިބޭނީ ފުރަތަމަ ޑިވިޝަނަށް މުޅިން އާ ކުޅުންތެރިން. މިހުރިހާ ކަމަކަށް ބަލާފައި، ފައިދާ ބޮޑީ އީގަލްސްއަށް." ޔޫވީގެ ކޯޗް މުހައްމަދު އާދަމް ބުންޏެވެ.