1980ގެ ކުރީކޮޅުގައި އެކުވެނި ދަނޑު މައިގަނޑު ގޮތެއްގައި ބޭނުން ކުރަމުންދިޔައީ ފުޓުބޯޅަ ކުޅުމަށެވެ. މާލޭގައި ކުޅިވަރުތަކަށް ޚާއްސަ ބިންތަކެއް ނެތުމާއެކު، އެކުވެނި ދަނޑުވެފައިވަނީ ހުރިހާ ކުޅިވަރެއްވެސް ކުޅޭ ތަނަކަށެވެ. އެގޮތުން އެދަނޑުގައި ކުޅުނު ކުޅިވަރުތަކުގެ ތެރޭގައި ފުޓުބޯޅަ، ވޮލީ، ހޮކީ، ބާސްކެޓް، ހޭންޑް ބޯލް، ނެޓްބޯލްގެ އިތުރުން ބައިސްކަލް ރޭސް ފަދަ ކުޅިވަރުތައް ފާހަގަކޮށްލެވެއެވެ.
1980ގެ ކުރީކޮޅު އަމީނީމަގާއި އިންވެގެން އޮންނާނީ ދެ ފުޓްބޯޅަ ދަނޑެވެ. އެއީ ވިކްޓްރީ ދަނޑާއި ލެގޫންސް ދަނޑެވެ. އޭރު ކޮންމެ ހުކުރު ދުވަހަކީ ދަނޑު ސާފް ކުރާ ދުވަހެވެ. އެގޮތުން އެދުވަހު ކުޅޭ ދެ ޓީމް އެންމެ ފުރަތަމަ ކުޅުމުގެ ކުރިން ދަނޑު ސާފު ކުރުމަށް ވަގުތުކޮޅެއް ހޭދަކުރެއެވެ. އަދި މިދެ ދަނޑުގެ އިތުރަށް މިނީ ދަނޑެއްވެސް އޮވެއެވެ. އެތަނުގައި ބައެއް ފަރާތްތަކުން ކުޑަގޯލް ބަހައްޓައިގެން ފުޓްބޯޅަ ކުޅެއެވެ. 80އިގެ އަހަރުތަކުގައި އެތުލެޓިކްސް ތަމްރީންތައް ކުރިއަށް ގެންދިޔައީ އަޑި ޕާކްގައެވެ. ދިވެހިރާއްޖޭގެ އަޑުގެ އެންޓަނާތައް ޖަހާފައި ހުރި ޕާކް ވަށައިގެން އެތުލެޓިކްސްގެ އެކިއެކި ފަރިތަކުރުންތައް ކުރިއަށްދިޔައެވެ.
މިހާރު ކްރިކެޓް ދަނޑު އޮންނަ ހިސާބުގައި އޭރު އޮންނާނީ ގާފުނިތަކާއި އަކިރި ފުނިތަކެވެ. އަދި ބައެއް ހިސާބުތަކުގައި ބޮޑެތި ވަޅުގަނޑުތައްވެސް ހުރެއެވެ. އާންމު ގޮތެއްގައި އެބިމަކީ އޭރު ވަރަށް ޗަކަ ބިމެކެވެ. 80ގެ އަހަރުތައް ފަހަނަ އަޅައިގޮސް 90ގެ އަހަރުތަކަށް އެޅުމާއެކު އެކުވެނި އިންޑޯ ހޯލްގެ މަސައްކަތް ފެށިއެވެ. މިއީ ޑރ.ޒާހިރު ހުސެއިންގެ އިސްނެންގެވުމާއެކު ކުރެވިގެންދިޔަ މަސައްކަތެކެވެ. އެކުވެނީގައި އެންމެ ފުރަތަމަ ކްރިކެޓް ކުޅެން ފެށުނީ ކްރިކެޓް މެޓެއް މެދުގައި ބާއްވައިގެންނެވެ.
އެކުވެނީގައި ވެލި ޓްރެކެއް ހެދުމުގެ މަސައްކަތްފެށީ 6 ނޮވެންބަރު 1996ގައެވެ. ޓްރެކް ހެދިއިރުވެސް ކްރިކެޓް ދަނޑެއް އޭރަކު ނޯވެއެވެ. މިމަސްކަތް ފެށިގެންދިޔައީ ޑރ.ޒާހިރު ހުސެއިން އޭރުގެ ސްޕޯޓްސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވި ހިސާބުންނެވެ. މަސައްކަތް ފެށިގެންގޮސް ޓްރެކް ދަނޑު ރަސްމީކޮށް ހުޅުވުނީ 1998 ވަނަ އަހަރުއެވެ. މިޓްރެކް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ އޭރުގެ ރައީސުލްޖުމްހުރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމްއެވެ.
ޓްރެކް ދަނޑު ހުޅުވުމަށް ފަހު އެންމެ ފުރަތަމަ ބޭއްވުނު އެތުލެޓިކްސް މުބާރާތަކީ 11 ވަނަ ގައުމީ ކަސްރަތު މުބާރާތެވެ. އޭރުވެސް ކްރިކެޓްގެ އިތުރުން ފުޓްބޯޅަވެސް ޓްރެކްގެ އެތެރޭގައި އޮންނަ ދަނޑުގައި ކުޅެމުންދެއެވެ. އަދި އޭރުވެސް ފުޓްބޯޅަ އާއި ކްރިކެޓް ކުޅެމުންދިޔަ ދަނޑުގައި ވިނަ އިންދުމަށް ޑރ.ޒާހިރު ހުސެއިން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް އެސަރަހައްދުގައި ވިނަ އިންދޭގޮތެއް ނުވިއެވެ. އެއަށްފަހު ލަންކާއިން ތަޖްރިބާކާރަކު ގެނެސް ވިނަ އިންދުމުގެ މަސައްކަތްތަކެއް ކުރެވުނެވެ. ރަސްމީކޮށް ކްރިކެޓް ދަނޑު އެޅުމުގެ މަސައްކަތް ފެށިގެން ދިޔައީ 2001 ވަނަ އަހަރުއެވެ. އެއަށްފަހު އެސަރަހައްދު ޚާއްސަ ކުރެވިގެންދިޔައީ ކްރިކެޓަށާއި އެތުލެޓިކްސްއަށެވެ. އަދި ކްރިކެޓް ދަނޑުގައި ލަންކާގެ ތަޖްރިބާކާރެއްގެ އެހީގައި ވިނަ އިންދަން ފެށުނެވެ.
ކްރިކެޓް ދަނޑުގައި ވިނަ އިންދުމާއެކު ޓްރެކް ތިރިވާހެން ހީވުމުން، ކޮންމެ ފަހަރަކުވެސް 400 މީޓަރުގެ ޓްރެކަށް ވެލިއެޅުމަށްފަހު، އެއްވަރުކޮށްލަނީއެވެ. ނަމަވެސް ޒަމާނީ ފެންވަރަށް އެކުވެނި ޓްރެކް ތަރައްގީ ކުރުމުގެ މަސައްކަތްފެށީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. އެންމެ ފުރަތަމަ ޔޫތު މިނިސްޓްރީން ބޭނުންވީ ޓްރެކް ލެވެލްކުރުމަށެވެ. ކުރިން ލެވެލް ކުރުމަށް ވަޅުގަނޑުތަކަށް ފަސްއަޅާ އެއްވަރުކުރަނީއެވެ. ނަމަވެސް އާރްކޭއެލްގެ ސީއެސްއާރުގެ ދަށުން ޓްރެކްގެ ވެލިގަނޑު އެއްކޮށް ނެގުމަށްފަހު ވެލި ފުރާނައިގެން ޓްރެކް އެއްވަރު ކުރުމުގެ މަސައްކަތް ފެށިއެވެ. 24 އަހަރަށްފަހު ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް އާރްކޭއެލްއިން ފަަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން މިނިސްޓްރީގެ ޚިޔާލު ބަދަލުވެ، އެސަރަހައްދުގައި ސިންތަޓިކް އެޅުމަށް ނިންމިއެވެ. އާރްކޭއެލްއަށް އެހީވުމުގެ ގޮތުން ޔޫތު މިނިސްޓްރީގެ ބިދޭސީ މުވައްޒަފުންނާއި ފެނަކަ، އެޗްޑީސީ އަދި އާރްޑީސީގެ މުވައްޒަފުން މިމަސައްކަތުގައި ބައިވެރިވިއެވެ.
ޓްރެކްގެ ވެލިގަނޑު އެއްވަރުކޮށް، ޓްރެކްގައި ކޮންކްރީޓްގެ މަސައްކަތް އާރްކޭއެލްއިން ފެށީ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ސިންތެޓިކް އެޅުމުގެ މަސައްކަތް ހަވާލުކުރީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ)އާއެވެ. އިންޑިޔާގެ ހިލޭ އެހީގެ ދަށުން ސިންތަޓިކް އެޅިގެންދިޔައިރު، މިއީ 12.54 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޓްރެކްގައި ސިންތަޓިކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ މިދިޔަ ނޮވެންބަރުމަހުގެ ތެރޭގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރަޝް ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އެކުވެނީގައި ސިންތަޓިކް ޓްރެކެއް އެޅިގެން ދިއުމަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ އިތުރުން ގައުމީ ޓީމްގެ އެތުލީޓުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި އާންމުންގެވެސް ގިނަ ބަޔަކު ބޭނުން ކުރަމުންދާ މިޓްރެކްގައި ސިންތަޓިކް އެޅިގެން ދިއުމުން ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. މިމަސައްކަތަށް ކުޅިވަރު އާއިލާގެ އިތުރުން އާންމުންގެވެސް ގިނަ ބައެއްގެއ ތައުރީފް އަންނަނީ ލިބެމުންނެވެ.