ބައިކޮޅަށް ގޯލެއް ނުވަދެ 4 މެޗް ހަމަކުރުމަކީ ލީގްގައި ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަމަށް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުނެފިއެވެ.
ލީގްގައި މިހާތަނަށް ކުލަބް ވެލެންސިޔާ 4 މެޗް ކުޅެފައިވާއިރު އެޓީމްވަނީ 1 މެޗް އެއްވަރުކޮށް 3 މެޗުން ކާމިޔާބުކޮށްފައެވެ. އަދި މި 4 މެޗްގައިވެސް ވެލެންސިޔާގެ ބައިކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ. ކުލަބް އީގަލްސްއަތުން 2 ލަނޑު 0 ލަނޑުން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުނީ އީގަލްސް ކަހަލަ ވަރުގަދަ ޓީމެއް އަަތުން ހޯދުނީ ވަރަށް މުހިންމު 3 ޕޮއިންޓްކަމަށެވެ. ޕްރެޝަރު މެޗަކަށް ވުމާއިއެކު އެއްވެސް ޓީމަކަށް އެޓީމް ބޭނުންވި ގޮތަށް ނުކުޅެވުނުކަމަށާއި ކޮންމެ ޓީމެއްވެސް ކުޅުނީ ވަރަށް ބޮޑަށް ކުޅުންތެރިންނަށް ވިސްނައިގެން، ކުޅުންތެރިންވެސް މާކްކޮށްގެންކަމަށް އާތި ފާހަގަކުރިއެވެ. މެޗްގައި އެންމެ މުހިންމުކަމަކީ 3 ޕޮއިންޓްކަމަށާއި ކުލަބް ވެލެންސިޔާ ކޮންމެ މެޗަކަށްވެސް ނިކުންނަނީ 3 ޕޮއިންޓަށްކަމަށްވެސް އާތީ ބުންޏެވެ.
"ހިންހަމަޖެހުމެއް އިންނާނެ. ކޮންމެ ޓީމަކަށްވެސް މިއީ ލިބޭނެ ވަރަށް ބޮޑު ހިންހަމަޖެހުމެއް، ބައިކޮޅަށް ގޯލެއް ނުވަދެ 4 މެޗް ހަމަކުރިމަކީ ޓީމުގެ ކުޅުންތެރިންނަށްވެސް ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއް. އަދި މިއީ ލީގްގައި ކުރިއަށް ދިއުމަށްވެސް ލިބޭ ވަރަށްބޮޑު ހިއްވަރެއް. އަދި ކާޑްގެ ގޮތުންވެސް ވެލެންސިޔާގެ ކުޅުންތެރިންނަށް ދައްކާފައިވަނީ ވަރަށް މަދު ކާޑެއް. މިއީ ގޯލް ކީޕަރުގެ އިތުރުން ޓީމުގެ ޑިފެންޑަރުންނަށްވެސް ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއް. ލީގުގައި އަދި ބާކީ 3 ބުރު އެބައޮތް. އެހެންވީމަ އަދި ބުނާކަށް ނޭންގޭނެ ލީގް ޗެންޕިއަންކަން ވެލެންސިޔާއިން ނަގާނަމެކޭ. އަދި ލީގްގެ މެޗްތަކަށް ބާލާއިރު މިކުޅެވުނީ ވަރަށް މަދު މެޗެކަން ފާހަގަކޮށްލެވޭ." ކުލަބް ވެލެންސިޔާގެ ކޯޗް އާތިފް ބުންޏެވެ.
މެޗަށްފަހު ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)ބުނީ މެޗްގައި ކަންތައްތައް ދިމާވީ ވަރަށް ނަސީބު ދެރަކޮށްކަމަށެވެ. ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ރިޒޭއަށް އަނިޔާވުމުގެ ސަބަބުން ގެންނަން ޖެހުނު ބަދަލަކީ ބޭނުންވެގެން ގެންނަން ޖެހުނު ބަދަލެއް ނޫންކަމަށާއި މެޗް ބޭނުންވި ގޮތަށް ނުދިޔައީވެސް އަނިޔާގެ މައްސަލަތަކާއި ހުރެކަމަށް ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުންޏެވެ.
"ދެން ވަރަށް އަވަހަށް މެޗެއް މިއިނީ. ދެން މިމެޗާއި ދޭތެތޭގައި ކުރަންޖެހޭ ކަންތައްތައް ކުރާނީ. ކޯޗިން ޓީމާއެކު މަޝްވަރާ ކުރުމަށްފަހު، ކުރިއަށް ހުރި މެޗްތަކަށް ވަރަށް ރަގަނޅަށް ތައްޔާރުވާންޖެހޭނެ. ރިޒޭގެ މިއަނިޔާއަކީ ވަރަށް ނަސީބު ދެރަކޮށް ދިމާވިކަމެއް. ރިޒޭ ލައްވާ ކުޅުވީ ޑޮކްޓަރުވެސް ހުއްދަ ދީގެން އަދި ރިޒޭވެސް ބޭނުންވެގެން. ކޯޗު އެއްވެސް ވަރަކަށް ފޯސްކޮށްގެން ރިޒޭ ލައްވާ ކުޅުވާފައެއް ނުވާނެ." ކުލަބް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް ބުންޏެވެ.