ޚަބަރު

ކޯވިޑް-19 : އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިނގިރޭސި ވިލާތުގެ 2 ފަތުރުވެރިޔަކު ޕޮޒިޓިވްވެއްޖެ


އއ.އުކުޅަހަށް ޗުއްޓީ ހޭދަކުރުމަށް އިނގިރޭސި ވިލާތުން ދިޔަ ދެ ފަތުރުވެރިޔަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އުކުޅަހު ކައުންސިލްގެ ނައިބް ރައީސް ވިދާޅުވީ މިދެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ އިއްޔެ ނެގި ސާމްޕަލްގެ ނަތީޖާއިން ކަމަށެވެ. ޕޮޒިޓިވް ވެފައިވަނީ އެރަށުގެ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރުމަށް އައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހެއްކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 5 އަހަރުގެ އަންހެން ކުއްޖަކާއި، 40 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިހާރު މި ދެމީހުން އެކަހެރިކޮށް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް އުކުޅަހު ކައުންސިލާއި ރަށު ކޯވިޑް ޓާސްކްފޯސް ގުޅިގެންދަނީ ކުރަމުންނެވެ. އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިންތަކެއް މީގެކުރިންވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.

އިނގިރޭސިވިލާތުގައި ކޯވިޑްގެ އާ ސްޓްރެއިންއެއް ފެތުރެމުންދާއިރު، އެޤައުމުން އަންނަ މީހުންނާއި އެޤައުމުގައި ޓްރާންސިޓްވެފައި އަންނަ މީހުންވެސް ކަރަންޓީންވާންޖެހޭގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.