ޚަބަރު

މޫސުން ގޯސްވެ މިއަދު 4 ވަނަ ފަހަރަށް އެލާޓްނެރެފި


މުޅި ރާއްޖެއަށް ގުގުރުމާއިއެކު މިރޭވެސް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެއިދާރާއިންވަނީ ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް 4 ފަހަރެއްގެ މަތިން އެކި ސަރަހައްދުތަަކަށް ވައިޓް އެލާޓް ނެރެފައެވެ. އެންމެ ފަހުން މިއަދު ހަވީރު އެލާޓް ނެރެފައިވަނީ ށ އަތޮޅުން ދ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މިއެލާޓް ނެރެފައިވަނީ މިއަދު ހަވީރު 17:30 ފެށިގެން މިރޭ 23:30 އާއި ހަމައަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭމަކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގައި ކަނޑުތައް ގަދަވެފައި ދެކުނު ކަނޑުތައް އާދައިގެވަރަށް ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އެ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.