ޚަބަރު

"ފަސްކުރި" ދޯންޏަށް ހަތިޔާރާއެކު އެރި 26 މީހަކަށް ދައުވާކޮށްފި


"ފަސްކުރި" ދޯންޏަށް ތޫނުއެއްޗެއްސާއެކު އެރި 26 މީހަކަށް ދައުވާ ކޮށްފިއެވެ.

ޕީޖީ އޮފީހުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިމައްސަލައިގަ ދައުވާކޮށްފައިވާ އެންމެންގެ މައްޗަށް ކޮށްފައިވަނީ ބިރުދެއްކުމުގެ ކުށުގެ ދައުވާ ކަމަށެވެ. ފަސްކުރި ނަމަކަށްކިޔާ މަސް ދޯންޏަކަށް ތޫނު އެއްޗިއްސާއެކު ބަޔަކު އަރާފައިވަނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ލ.އަތޮޅު އެތެރެވަރިން ވަޑިނޮޅު ކައިރީގައި އޮއްވައެވެ. މިމީހުންގެ މައްޗަށް ދައުވާ އުފުލައި މައްސަލަ ވަނީ ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައެވެ.

"ފަސްކުރި" ދޯންޏަށް ތޫނުއެއްޗިއްސާއެކު އެރި ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގަ ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ.

ލ. އަތޮޅު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏަށް ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެރީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސް ދޯންޏަކަށް ގަވައިދުން ފައިސާ ނުދައްކާ ކަމަށް ބުނެ، ދޯނި އަތުލުމަށެވެ. މަސްވެރިކަން ކުރަމުންދިޔަ "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު އަރައި ހިންގީ ޓެރަރިޒަމްގެ ޢަމަލެއްކަމަށް އެދޯނި ގަނެފައިވާ ރިޗް ކްލަބް މޯލްޑިވްސްގެ އެއް ހިއްސާ ދާރުކަމަށްވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އަބްދުﷲ ޖާބިރު ވިދާޅުވީ، ޝަރީއަތަކާއި ނުލައި "ފަސްކުރި" ދޯންޏަށް ތޫނު ހަތިޔާރާއެކު އަރާފައި ވަނީ އެދޯނި މަސްވެރިކަމުގައި އުޅެމުންދަނިކޮށްކަމަށެވެ. ޖާބިރު ވިދާޅުވީ ފަސްކުރި ދޯނިގަތް އޭނާގެ ހިއްސާ އޮންނަ ރިޗް ކްލަބުން ދިޔައީ ދޯންޏަށް ފައިސާ ދައްކަމުންކަމަށެވެ. އަދި އެގޮތަށް ހަތިޔާރާއެކު ދޯންޏަށް އެރުމަކީ ޓެރަރިޒަމްގެ ޢަމެއްލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.