ޚަބަރު

އިންސާނީ ޙައްޤު: ރާއްޖޭގެ ޙާލަތާއި ކުރެވޭ އުންމީދު


އިންސާނީ ޙައްޤުތަކަކީ އިންސާނަކަށް ވީތީ ކޮންމެ މީހަކަށްވެސްލިބިގެންވާ ޙައްޤުތަކެކެވެ. އިންސާނީ ޙައްޤުތަކަކީ ޤަދަރުވެރިކަމާއި ކަރާމާތްތެރިކަމާއެކު ދިރިއުޅުމަށްޓަކައި ކޮންމެހެން ލިބިދޭންޖެހޭ ޙައްޤުތަކެކެވެ. ރާއްޖޭގައި އިންސާނީ ޙައްޤުތަކުގެ ވާހަކަ މަޑުމަޑުން ދެކެވެމުން އައިސް، މިހާރު އެޙައްޤުތަކުގެ ވާހަކައަކީ އެންމެ ގަދައަޑުން އެންމެ ގިނައިން ދެކެވޭ އެއްވާހަކައެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ޙާލަތަށް ބަލާއިރު ޒަމާނީ ޑިމޮކްރަސީއެއް ހިނގަމުންދާ ޤައުމެއްގައި ފެނިގެން ނުވާނޭ އިންސާނީ ޙައްޤުތަކާ ޚިލާފު ގިނަ ކަންތައްތަކެއް ފާއިތުވެދިޔަ ސަރުކާރުގެ ވެރިކަމުގެ ދުވަސްވަރު ހިނގާފައިވާކަމުގެ އެތައް ތުހުމަތެއް ކުރެވެއެވެ. އެގޮތުން އިންސާނީ ވަގުފާރިކުރުމާއި، ބިދޭސީ މަސައްކަތްތެރިންނަށް އޮޅުވާލައިގެން ނަހަމަގޮތުގައި ރާއްޖެ އެތެރެކޮށް އެމީހުންގެ ނާޖާއިޒު މަންފާނަގާ މައްސަލަ އަކީ ރާއްޖޭގައި އެއްއަހަރުން އަނެއްއަހަރަށް ބޮޑު ވަމުން އައިސްފައިވާ މައްސަލައެކެވެ. ބިދޭސީންނާމެދު އެމީހުން ގެންގުޅޭ ފަރާތްތަކުންނާއި އާންމު ބައެއް ފަރާތްތަކުން ވަރަށް އިހާނެތިކޮށް ހިތާ އެމީހުންގެ ޙައްޤުތައް ނިގުޅައިގަތުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ގޮސްފައިވެއެވެ. އެތައް މަހެއްވާއިރުވެސް މުސާރަ ނުދިނުމާއި، ސިއްޙީގޮތުން އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ތަންތާނުގައި ގެންގުޅުމާއި، ބިރުދައްކައި އަނިޔާކުރުންފަދަ އިންސާނިއްޔަތާ ޚިލާފު ދަށުދަރަޖައިގެ ޢަމަލުތައް އެމީހުންނާމެދު ހިނގަމުން ދިޔަކަމުގެ އެތައް ހެއްކެއް ފެންމަތިވެފައި ވެއެވެ.

އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބަލާއިރު ރައްޔިތުންނަށް އަދުލުއިންސާފު ލިބުމަކީ އެންމެ މުހިއްމު އެއްއަސާސް ކަމަށްވާއިރު، ރާއްޖޭގައި އަދުލު އިންސާފު ލިބުމުގެ ހާލަތު މިސަރުކާރުގެކުރިން އޮތްގޮތާމެދު އެތައް ބައެއްގެ ޝަކުވާތައް އޮތެވެ. އެގޮތުން އިންސާފު ނުލިބުމާއި އިންސާފް ލިބުން ލަސްވުމުގެ ޝަކުވާވެސް އޮތެވެ.

މީޑިއާގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤަނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ، އެއްވެސް ޙާލަތެއްގައި ނިގުޅައިނުގަނެވޭނެ ޙައްޤެކެވެ. އަދި ނޫސްވެރިންނަކީ މިނިވަންކަމާއި، ޙިމާޔަތް ލިބެންޖެހޭނެ ބައެއްވެސް މެއެވެ. ނަމަވެސް ނޫސްވެރިންނަށް ޤާނޫނުއަސާސީގެ 28ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، މަސްދަރު ރައްކާތެރިކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ މަސައްކަތްތަކެއް ފާއިތުވި ސަރުކާރުގެ ދުވަސްވަރު ފެނިގެން ދިޔަކަމީ ނޫސްވެރިން ކަންބޮޑުވުމާއެކު ފާހަގަކުރިކަމެކެވެ. ނޫސްވެރިންނަށް ބިރުދެއްކުމާއި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ޢަމަލުތައް ހިންގާފައއިވުމާއި، ބައެއް މީޑިއާ ހިންގާތަނުގެ މުވައްޒަފުންނަށް ބިރުދެއްކުމުގެ އަމަލުތަކެއް ހިންގާފައިވާކަން ނޫސްވެރިން ފާހަގަކުރެއެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ދާއިރާއިން އެންމެ ޙާލަތު ގޯސްކޮށް އެއްބަޔަކީ ޖަލުތަކުގައި ތިބި ގައިދީންނާއި ބަންދު މީހުންނެވެ. ރާއްޖޭގައި ހިނގަމުންދާ ޖަލުތަކުގެ ޙާލަތު ހުރީ ލަދު ގަންނަން ޖެހޭ މިންވަރަށް ކަމަށާއި އެ ޖަލުތަކަކީ އިންސާނުން ގެންގުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް ޖަލުތަކުގެ ޙަލަތާ ގުޅޭގޮތުން 2019ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15ވަނަ ދުވަހު ޢާންމުކުރި ޚާއްޞަ އޮޑިޓް ރިޕޯޓެއްގައިވެއެވެ.

އިންސާނީ ކަރާމާތާއި ޙައްޤުތަކަށް އަރައިގަތުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ޙައްޤުތަކަށް އިޙްތިރާމް ނުކުރެވުމެވެ. އިންސާނާގެ ކަރާމާތްތެރިކަން ނަގާލެވޭގޮތް އެންމެ ބޮޑަށް ދިމާވަމުން ދަނީ އެންމެ ނިކަމެތި، ނުވަތަ ޚާއްޞަ އަޅާލުމާއި ރައްކާތެރިކަން ލިބެންޖެހޭ މީހުންނަށެވެ. އަދި މުޖުތަމަޢުން އެކަހެރި ކުރެވިފައި ތިބޭ މީހުންނަށެވެ. އަނިޔާއިން ސަލާމަތްކުރުމަށާއި އެފަދަ ކަންކަމުގެ ޝިކާރަޔަށްވާ މީހުންނަށް ޙިމާޔަތްދިނުމަށާއި، އެ މީހުންނަށް އެދެވޭ ފަރުވާލިބިދިނުމަށާއި، ޙައްޤުތަކަށް އަރައިގަންނަ މީހުންނަށް ޤާނޫނީ އަދަބު ދިނުމަށްޓަކައި ދައުލަތުގެ އެކިއެކި މުއައްސަސާތައް ވަނީ ޤާއިމްކުރެވިފައެވެ.

ނަމަވެސް މީހުންނާމެދު އިހާނެތިކޮށްހިތުމާއި މީހުންގެ ޙައްޤުތަކަށް އަރައިގަތުން މަދެއްވެސް ނޫނެވެ. މުއައްސަސާތައް ފުރިހަމައަށް މަސައްކަތްކޮށް، އަނިޔާއާއި ލާއިންސާނީ ޢަމަލުތަކުން މުޅި ދިވެހި މުޖުތަމަޢު ސަލާމަތްކުރަން އިތުރު މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައެވެ.

ކުޑަކުދިންނާއި، އުމުރުންދުވަސްވި މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމައުގެ ޚާއްޞަ ރައްކާތެރިކަން ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ބަޔަކެވެ. އެމީހުންނަށް ބޭނުންވާ ހައްޤުތައް ލިބިދިނުމަށްޓަކައި އަދިވެސް ހަދަންޖެހޭ ޤާނޫނުތައް ހުރިކަން ކަމާގުޅުންހުރި ފަރާތްތަކުން ފާހަގަކުރައްވައެވެ.

ހައްޤުތައް ރައްކާތެރިކޮށް ކުރިއަރުވައި އެހައްޤުތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ގެވެށިއަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ގެވެށިއަނިޔާގެ ޤާނޫނުން ލިބިދީފައިވާ ރައްކާތެރިކަން އަންގައިދީ އެފަދަ އަނިޔާތަކުން ރައްކާތެރި ކުރުވުމަށް ދައުލަތުން ފަށފައިވާ ޚާއްޞަ ކެމްޕެއިންނުން ހެޔޮ ނަތީޖާ ފެންނާނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.

ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހިއުމަން ރައީޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު އައިމިނަތު ޝިފާއަތު ވިދާޅުވީ، ޙާލަތު ރަނގަޅުކުރުމަށް ގިނަ ޤާނޫނުތަކެއް މިހާރުވެސް އެބަހުރިކަމަށެވެ.

އެހެންނަމަވެސް ޤަނޫނުތައް ތަންފީޒްކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އެކިއެކި ޙައްޤުތައް ގެއްލިފައިވާ ކަންކަމަށް ބަލާއިރު އަންހެހުންނާއި ކުޑަކުދިންނަށް ލިބޭ އަނިޔާގެ މައްސަލަތައް ރާއްޖޭގައި މަދުވެފައި ނުވާކަން ޝަފާއަތު ފާހަގަކުރެއްވިއެވެ.

އިންސާނީ ޙައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ، ދައުލަތުގެ ކަމާ ގުޅުންހުރި އިދާރަތަކުން ލިބެންޖެހޭ އެއްބާރުކުން ނުލިބުންކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރު މޫމިނާ ވަޙީދު ވިދާޅުވިއެވެ. ޤާނޫނު ތަންފިޒްކުރުމަށް ހުރި ގޮންޖެހުންތަކާއި ފައިސާ ލިބުމުގެ ގޮންޖެހުމާއި ޤާނޫނުތައް ތަންފިޒްކުރަން ތިބި ބައެއްމީހުން ޤާނޫނަށް އަހުލުވެރިނުވުން އޭނާ ފާހަގަކުރެއްވިއެވެ. އެކަންކަން ހައްލުކުރުމަށް ދިގު ރާސްތާ ޕްލޭނެއް އޮތުން މުހިންމުކަން ފާހަގަކުރައްވައި މޫމިނާ ވިދާޅުވީ ނެޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭނެއް މިހާތަނަށް ނެތުމަކީ އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށެވެ.

އިންސާނީ ހައްޤުތައް ކަވަރުކޮށްދީ އެޙާލަތު ރަނގަޅުކުރުމަކީ މިހާރުގެ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ. ފާއިތުވެދިޔަ 2 އަގުހަރުދުވަހުގެ ތެރޭގައި ވަނީ މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ކުޑަކުދިންގެ ޢަދަލުގެ ޤާނޫނާއި، ތަޢުލީމުގެ ބިލާއި، އެނޫންވެސް ގިނަ ޤާނޫނުތަކެއް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ތަސްދީޤްކުރައްވާފައެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް ކުރީ ސަރުކާރުން ޤާނޫނަށް ގެނައި އިޞްލާހު ބާޠިލުކޮށްފައިވެއެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެމީހުން ޤާނޫނީ އިމުގެތެރެއަށް ވެއްދުމާއި ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީން އަނބުރައި އެމީހުންގެ ޤައުމުތަކަށް ފޮނުވާލަން ފެށުން މިއީ ފާހަގަކޮށްލެވޭ ކަންކަމެވެ.

އަދި ޖަލުތަކުގެ ޙާލަތު ރަނގަޅުކޮށް "މަންޑޭލާ ރޫލްސް"އަށް ޢަމަލުކުރުމަށް ތައްޔާރުވަމުން އަންނައިރު، ޚާއްޞަ އެހީތެރިކަން ބޭނުންވާމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އަދި ޝަރުޢީ ނިޒާމް އިޞްލާހުކޮށް އިންސާފު ލިބެމުން އަންނަކަމުގެ އިޙްސާސް މިހާރު ރައްޔިތުންނަށް ކުރެވޭނެކަމަށް ސަރުކާރުން ދެކެއެވެ.