ޚަބަރު

ޔުނައިޓެޑް ބަލިކޮށް ލަންޑަން ސިޓީ ލައޮނެސެސްގެ ފެށުން ރަނގަޅު ކޮށްފި


  • މިމެޗު ލަންޑަން ސިޓީ އިން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު 1 ލަނޑުން

ވިމެންސް ސުޕަރ ލީގުގައި ލަންޑަން ސިޓީ ލައޮނެސެސް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗު ލަންޑަން ސިޓީއިން ކާމިޔާބު ކޮށް އާސީޒަންގެ ފެށުން ރަނގަޅުކޮށްފިއެވެ.

ލަންޑަންގެ ކޮޕަރޖެކްސް ސްޓޭޑިއަމްގައި ކުޅުނު ސީޒަންގެ ފުރަތަމަ މެޗު ލަންޑަން ސިޓީއިން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލަންޑަން ސިޓީއިންނެވެ. މިދިޔަ ސީޒަންގައި ތާވަލްގެ ހަވައިނައިގާ އޮވެގެން ލީގު ނިންމާލި ލަންޑަން ސިޓީއިން މިމެޗުގައި ފެނިގެންދިޔައީ ޔުނައިޓެޑަށްވުރެ ހުރިހާ ގޮތަކުންވެސް ވަރުގަދަ ކޮށެވެ. މިމެޗުގައި މިސީޒަންގައި ލަންޑަން ސިޓީ އާއި ގުޅުނު ސްޕެއިންގެ ތަޖްރިބާކާރު ކުޅުންތެރިޔާ އެލެކްސިއާ ޕުޓެޔާވަނީ އެޓީމަށް ފުރަތަމަ މެޗު ކުޅެފައެވެ. ބެލޮން ޑިއޯގެ އެވޯޑް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ޕުޓެޔާވަނީ ލަންޑަން ސިޓީ އާއި ގުޅި އެޓީމުގެ ކެޕްޓަން ކަމުގެ ޒިންމާއާވެސް ހަވާލުވެފައެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައިވަނީ ލަންޑަން ސިޓީއިންނެވެ. ނަމަވެސް މިލަނޑަކީ ލަންޑަން ސިޓީގެ އެލާނާ ކެނެޑީ ބޮލުން ޖެހި ބޯޅައެއް ޔުނައިޓެޑްގެ ޖޫލިއާ ޒިގިއޮޓީ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މިމެޗުގައި ލަންޑަން ސިޓިގެ ދެވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑެނިއެލޭ ވެން ޑެ ޑޮންކެވެ. މިމެޗުގައި މީގެ އިތުރުންވެސް ލަންޑަން ސިޓީއަށް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއް ލަނޑަކަށް ބަދަލު ކުރެވޭގޮތެއް ނުވިއެވެ.

މިމެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން އެޓީމުގެ ކުޅުން ރަނގަޅު ކުރި ނަމަވެސް ނަތީޖާއަށް މާބޮޑު ބަދަލެއް ގެނެވޭގޮތެއް ނުވިއެވެ. މިމެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސިމީ އަވޫޖޯއެވެ.

ލަންޑަން ސިޓީ ލައޮނެސެސްއިން އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށްޓަކައި ގިނަ ކުޅުންތެރިން ތަކެއް އެޓީމަށް ގެނެސްފައި ވުމުގެ ސަބަބުން އެޓީމުގެ ފަރާތުން ފެނިގެންދާނީ ކޮންކަހަލަ ކުޅުމެއްކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް މިމެޗުގައި ދެއްކި ކުޅުމާއެކު އެސުވާލު ތަކަށް ޖަވާބު ލިބޭނެއެވެ. ވިމެންސް ސުޕަރ ލީގުގެ ފުރަތަމަ ބުރުގެ އެހެން މެޗުތައް މިއަދާއި މާދަމާ ކުޅުމަށްވަނީ ތާވަލް ކުރެވިފައެވެ.