ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން 6 މީހުންނާއެކު ދަތުރުކުރި ބޭރުގެ މަސްބޯޓެއް އަތުލައިގެންފި


ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓް ފެނިފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށެވެ. އަދި މި ބޯޓް ފެނިގެން އެކަން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯނިން އިއްޔެގެ 11:45 އެހާކަންހާއިރުކަމަށެވެ.

މި ރިޕޯރޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ކޯސްޓްގާޑު ޑޯނިއާ ފްލައިޓްވަނީ ވައިގެ މަގުން  މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައިކަމަށެވެ. އަދި އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމައި ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީ ގެ މިސްރާބު އެެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެންއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ 6 ފަޅުވެރިން ތިބި މި މަސްބޯޓް މާލެއަށް ގެނައުމަށް ދަތުރުކުރަމުން އަންނަކަމަށާއި މި ބޯޓަށް މާލެ ވަދެވޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައިކަމަށެވެ. އެމްއެންޑީއެފުން ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި ޤަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން އަންނަ ބޯޓްތައް އަތުލައިގަތުމުގައި ދިވެހި ހިވާގި މަސްވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރާކަމަށެވެ.

"ރާއްޖޭގެ ހިވާގި މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަކޮށް ޝުކުރު ދަންނަވަން. އިއްޔެ ބޭރުގެ އެ މަސްބޯޓް ފެނިގެން ރިޕޯޓް ކުރި "އަސުރުމާ 03" ދޯނީގެ ކެޕްޓަނަށާއި ހީވާގިފަޅުވެރިނާއި އަދި ދޯނީގެ ވެރިފަރާތުން ކޯސްޓްގާޑަށް ދެއްވި އެއްބާރުލެއްވުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަން. " އެމްއެންޑީއެފްއިން ވިދާޅުވިއެވެ.