ކުޅިވަރު

އެފްއޭއެމްގެ ފައުންޑޭޝަން އިފްތިތާހުކޮށްފި


އެފްއޭއެމްގެ ފައުންޑޭޝަން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އިފްތިތާހުކޮށްދެއްފައިވިއެވެ. ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އެފްއޭއެމްގެ ފައުންޑޭޝަން އިފްތިތާޙުކޮށްދެއްވީ ގަލޮޅު ބޯޅަ ދަނޑުގައި ބޭއްވި ރަސްމިޔާތުގައެވެ.

އެފްއޭއެމް ފައުންޑޭޝަނަކީ ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ގޮތުން އެފްއޭއެމްގެ ދަށުން އުފައްދާ ފައުންޑޭޝަނެކެވެ. އެފްއޭއެމްގެ ފަރާތުން ހިލޭ ސާބަހަށް ކުރާ މަސައްކަތް ނުވަތަ ޗެރިޓީ މަސައްކަތްތައް މީގެ ފަހުން ކުރިއަށްދާނީ މިފައުންޑޭޝަންގެ ދަށުންނެވެ. މިފައުންޑޭޝަނަކީ އޭއެފްސީގެ ވަރަށް ހާއްސަ އެހީއަކާއެކު ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މިފައުންޑޭޝަންގެ އެންމެ ބޮޑު އެއްް އަމާޒަކީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކުރުމާއި ހިލޭ ސާބަހަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް، މަސައްކަތްތައް އިތުރަށް ފުޅާކުރުންކަމަށް އެފްއޭއެމުން މަޢުލުމާތުދެއެވެ. އަދި ފުޓްބޯޅައިގެ ތެރެއިން ހިލޭ ސާބަހަށް ކުރެވިދާނެ މަސައްކަތްތަކާއި އިޖްތިމާޢީ ގޮތުން ކުރެވިދާނެ މަސައްކަތްތަށްވެސް މިފައުންޑޭޝަންގެ ދަށުން ކުރުމަށް ހަމަޖެހިފައިވެއެވެ.

މިފައުންޑޭޝަންގެ ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް (ސާޔާ) އާއި ގައުމީ ޓީމުން 2008 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ އަންހެން ޓީމަށް ގިނަ ދުވަސްވަންދެން ކުޅެމުން އަންނަ އަދި ކުރީގެ ކެޕްޓަން ފަދުވާ ޒާހިރާއި ގައުމީ އަންހެން ޓީމުގެ ކުޅުންތެރިޔާ ލައިޝާ ޖުނައިދުއާއި މަރިޔަމް މިރުފަތު އަދި އެފްއޭއެމްގެ 14 އަހަރުން ދަށުގެ އެލީޓް ޕޫލްގައި ކުޅެމުން އަންނަ ތަރި އީތަން އިބްރާހިމް ޒަކީއެވެ.

އެފްއޭއެމް ފައުންޑޭޝަން ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސްއެވެ.

މިފައުންޑޭޝަންގެ ފަރާތުންވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް 20،000 މާސްކާއި އަންގީގެ އިތުރުން 5000 ސެނިޓައިޒާ ފުޅި ހަދިޔާކޮށްފަ އަދި އައިޖީއެމްއެޗްއަށް އެފްއޭއެމަށް ޔޫއޭއީގެ ފަރާތުން ލިބިފައިވާ 20،000 ޕީސީއާރް ޓެސްޓް ކުރެވޭ ވަރުގެ ޓެސްޓް ކިޓްތަކެއް ދީފައިވެއެވެ.
މި ރަސްމިއްޔާތުގައި ގައުމީ ޓީމަށް 100 މެޗު ކުޅެދީފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދު ފީފާ ސެންޗަރީ ކްލަބްގައި ހިމެނުމުން އެ ފެޑެރޭޝަނުން ދިން ހަނދާނީ ފިލާ ވަނީ އިމްރާންއަށް ހަވާލުކޮށްފައެވެ. އެ ފިލާގައި އިމްރާން ގައުމީ ޓީމަށް ކުޅުނު މެޗުތައް ލިޔެފަވެއެވެ.