ކުޅިވަރު

އެއް ނަންބަރު ބެޑްމިންޓަން ކުޅުންތެރިޔާ އަޖުފާން ބެޑްމިންޓަން އެކަޑަމީއެއް އުފައްދައިފި


ރާއްޖޭގެ އެއް ނަންބަރު ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު ބެޑްމިންޓަން އެކަޑަމީއެއް އުފައްދައިފިއެވެ.

އަޖުފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކަޑަމީގެ ނަމުގައި އުފެއްދި މިއެކަޑަމީއަކީ އެންމެ ތުއްތު ކުދިންނާއި ވެޓްރަންސް ބެޑްމިންޓަން ކުޅުންތެރިންނަށް އަމާޒްކޮށްގެން އުފެއްދި އެކަޑަމީއެކެވެ. އެކަޑަމީގެ ފައުންޑަރ މެންބަރު އަޖުފާން ރަޝީދުބުނީ އެކަޑަމީގެ އެންމެ ބޮޑު ބޭނުމަކީ އުމުރުން 7 އަހަރުން ފެށިގެން އުމުރުން 15 އަހަރަށް ދެމެދުގެ ކުދިން ތަމްރީން ކުރުންކަމަށެވެ. އެންމެ ތުއްތު އިރުންފެށިގެން ބެޑްމިންޓަން ކުޅެގެން ނޫނީ އިންޓަރނޭޝަނަލް ލެވެލްގައި ވާދަކުރުމަކީ އުދަގޫކަމެއްކަމަށާއި ބޭނުންވަނީ ރާއްޖެއިންވެސް މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެން ގޮސް، އިންޓަރނޭޝަނަލް ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދުންކަމަށް އަޖުފާން ބުންޏެވެ. ކޮންމެ ކުޅިވަރެއްގައިވެސް ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ވައިޑީޕީ ޕްރޮގްރާމްތަށް ހިންގަނީ ވަރަށް މަދުބައެކެވެ.

އަޖުފާން ބުނީ ބޭނުންވަނީ ދާއިމީ ގޮތެއްގައި ވައިޑީ ޕްރޮގްރާމްތައް ހިންގަންކަމަށާއި އެންމެ ތުއްތު ކުދިންގެ މެދުގައި ބެޑްމިންޓަނަށް ލޯބިޖެއްސުމުގެ އިތުރުން ބެލެނިވެރިންނަށްވެސް ކުދިން ބެޑްމިންޓަން ކުޅެން ފޮނުވަން ޖެހޭވަރުގެ ކާމިޔާބު ކުޅިވަރަކަށް ބެޑްމިންޓަން ހެދުން މިއީ އަޖުފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކަޑަމީގެ އެއް އަމާޒުކަމަށް އަޖުފާން ބުންޏެވެ. އަދި ވެޓްރެންސް ކުޅުންތެރިންނަށް އިތުރަށް ކުޅުމުގެ ފުރުސަތު ހޯދައިދީ، ރާއްޖެއިން ބޭރުގައިވެސް އޮންނަ މުބާރާތްތަކުންވެސް ވެޓްރަސް ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ ރާއްޖެއަށް ރީތިނަން ހޯދައި ދިނުމަކީވެސް އެންމެ ބޮޑު އެއް އަމާޒްކަމަށް އަޖުފާން ރަޝީދު ބުންޏެވެ.