ކުޅިވަރު

އާސެނަލް މޮޅުވެ އެއްވަނައިގަ ތިންޕޮއިންޓުގެ ލީޑެއް


ޔޫރޮޕާ ލީގުގައި އިނގިރޭސި ކުލަބް އާސެނަލް އާއި ޑެންމާކުގެ މޯލްޑޭ މައްޗަށް ކުރި ހޯދާ ގުރޫޕްގެ އެއްވަނައިގަ ތިންޕޮއިންޓުގެ ލީޑެއް ނަގައި ހަމަޖެހިލައިފިއެވެ.

އާސެނަލް ދަނޑުގައި ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 4-1 ލަނޑުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީ މޯލްޑޭއިންނެވެ. މެޗުގެ 22 ވަނަމިނިޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޓީން އެލިންގްސަންއެވެ. ފުރަތަމަ ހާފްނިމުމުގެ ކުރިން އާސެނަލްއިން ނަތީޖާ ހަމަހަމަ ކުރި ލަނޑަކީ މޯލްޑޭ ކުޅުންތެރިން އަތުން ބައިކޮޅަށް ވަތްލަނޑެކެވެ.

މެޗުގައި އާސެނަލްއިން ލީޑް ނެގީވެސް އެޓީމު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތްލަނޑަކުންނެވެ. އާސެނަލްއަށް ފަހު ދެލަނޑު ކާމިޔާބުކޮށްދިނި ނިކޮލަސް ޕެޕޭގެ އިތުރުން ޖޯ ވިލްލޮކެވެ. މިއީ ޕެޕޭ ޔޫރަޕާ ލީގުގައި އާސެނަލްއަށް ކުޅުނު ނުވަމެޗުން ކާމިޔާބުކޮށްދިން ހަތަރުވަނަ ލަނޑެވެ. ޔޫރަޕާ ލީގުގައި އާސެނަލް ގުރޫޕް ސްޓޭޖުގައި މިހާތަނަށް މިސީޒަންގައި ކުޅުނު ތިންމެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި ލަނޑުޖަހައިގެންނެވެ. އާސެނަލްއިން ވަނީ އެންމެފަހުން މި މުބާރާތުގައި ކުޅުނު 21 މެޗުގެ ތެރެއިން 15 މެޗު ކާމިޔާބުކޮށްފައެވެ.

މިގުރޫޕްގައި ރޭ ރެޕިޑްވިއެނާއާއި ޑަންޑޯކް ވާދަކުރި މެޗު 4-3 ލަނޑުން ކާމިޔާބުކުރީ ރެޕިޑުންނެވެ. މި ނަތީޖާ އެކު އާސެނަލް ގުރޫޕްގެ އެއްވަނައިގަ އޮތީ 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައިވާ މޯލްޑޭ އޮތީ 6 ޕޮއިންޓާއެކުއެވެ. ރެޕިޑަށް ތިންވަނަ ލިބެނީ ތިންމެޗުން ތިންޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ޑަންޑޯކަށް ޕޮއިންޓެއް ނުލިބެއެވެ.