ޚަބަރު

ސިއްޙީ ދާއިރާއިން ކަނޑައެޅި ގިނަ އަމާޒުތަކަށް ވާސިލުވެވިއްޖެ


  • ވަޢުދުތަކުގެ 67 އިންސައްތަ ވަނީ ހާސިލުކުރެވިފައި

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްޙަތާއި، އާއިލާ އާއި އިޖުތިމާއީ އެހިގެ ދާއިރާއިން ކުރައްވަން ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރެއިން 67 އިންސައްތަ ހާސިލުކުރެވިފައިވާކަމަށް ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލީހުގެ ބައްދަލުވުމުގައި ސިއްޙީ ދާއިރާއާ ގުޅޭގޮތުން ހުށަހަޅާދެއްވި ޕްރެޒެންޓޭޝަންގައެވެ.

ސިއްޙީ ދާއިރާއިން ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ ސިއްޙީ ދާއިރާއިން 478 ވަޢުދުވެފައިވާއިރު އޭގެ ތެރެއިން ބޮޑު އިންސައްތައެއް މިހާރުވެސް ހާސިލްވެފައިވާކަމަށެވެ. ހަމައެހެންމެ ސިއްޚަތާއި ޢާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ދާއިރާގެ ކުރިއެރުމަށްޓަކާ ސަރުކާރުން 244 ނިންމެވުން ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ސިއްޙީ ދާއިރާއިން 835 ޕްރޮޖެކްޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްގެންދާކަމަށާއި، ސިއްޙީ ދާއިރާ ކުރިއަރުވަން 8384 ހަރަކާތެއް ހިންގަވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިއަދު 3 އަހަރުވާން ކައިރިވެފައިވާއިރު އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ޚާސިލްކުރެވުނީ 67% މަސައްކަތޭ. މި ދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ދާއިރާއެއް." ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.

ވަޒީރު ވަނީ ސިއްޙީ ދާއިރާއިން، ނިމިދިޔަ ސަރުކާރުގެ 5 އަހަރު ދުވަހާ، މި ސަރުކާރުން މިހާތަނަށް އައި އިރު ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް 5.98 ބިލިއަން ރުފިޔާގެ މަޝްރޫޢު ހަވާލުކޮށްފައިވާއިރު، ނިމިދިޔަ ސަރުކާރުގެ ދައުރު ނިމުނު އިރު ސިއްޚީ ދާއިރާއިން ހަވާލުކުރި މަޝްރޫޢުގެ ޖުމްލައަގަކީ 2.62 ބިލިއަން ރުފިޔާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ވެރިކަމުގައި މިހާތަނަށް 40 ހޮސްޕިޓަލްގެ މަސައްކަތް ފަށާފައިވާއިރު، މިދިޔަ ސަރުކާރުގެ 5 އަހަރު ފަށާފައިވަނީ 16 ހޮސްޕިޓަލްގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާތަނަށް އައިއިރު 22 އާ ސިއްޙީ މަރުކަޒުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާކަމަށާ، ނިމިދިޔަ ފަށާފައިވަނީ 14 ސިއްޚީ މަރުކަޒުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ސިއްހީ ފެސިލިޓީތައް އަޕްގްރޭޑްކުރުމަށް މި 3 އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން 89 މަޝްރޫޢު ކުރިއަށް ގެންގޮސްފައިވާކަމަށާ، ނިމދިިޔަ ސަރުކާރުން 5 އަހަރު ނިމުނުއިރު ކުރިއަށް ގެންދިޔައީ 102 މަޝްރޫޢުކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުން ސިއްޙީ ދާއިރާގެ ތަރައްޤީއަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ސިއްހީ ދާއިރާގެ ވަސީލަތްތައް ކުރިއަރުވައި، އާއްމުންނަށް ފަސޭހަކޮށްދިނުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މި ސަރުކާރުންކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ވެރިކަމަށް އައިއިރު އައިޖީއެމްއެޗްގައި ބޭނުންކުރި 4 އޮޕަރޭޝަން ތިއޭޓަރ ބޭނުން ނުކުރެވި ހަލާކުވެފައި ހުރިކަމަށެވެ. ނަމަވެސް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް ބައިނަލްއަޤުވާމީ މިންގަނޑަށް ފެތޭގޮތަށް ސްޓޭންޑަޑައިޒްކޮށްފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ. ހޮސްޕިޓަލުގައި އިތުރު އިމާރާތެއް ނޭޅިކަމުގައިވީނަމަވެސް، 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސަރޖިކަލް ވިންގެއް ޤާއިމްކޮށް އައިޖީއެމްއެޗްގެ ޚިދުމަތް އިތުރަށް ފުޅާކުރައްވާފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.

"މިއީ ހަމަގައިމުވެސް އެއްވެސް ސަރުކާރަކަށް ކުރެވުނު ކަމެއް ނޫން. ހުޅުވުނީއްސުރެ ހުރި ގޮތަށް ހުރީ. ދަރުމަވަންތަ ހޮސްޕިޓަލުވެސް ހުރީ ގުދަނަކަށް ހަދާފަ." މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގެ އިތުރުން މާލެ ސަރަހައްދުގެ އެހެން ސިއްޙީ ވަސީލަތްތައް ކުރިއަރުވަންވެސް ރައީސް ޑރ.މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް އަވަސް، އިތުބާރު ކުރެވޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާކަމަށް ވިދާޅުވިއެވެ.