ކުޅިވަރު

ވާނާގެ ދެލަނޑުން ޗެލްސީ މުބާރާތުގެ ދެވަނަބުރާ ގާތައް


ޗެމްޕިއަންސް ލީގުގައި އިނގިރޭސި ކުލަބް ޗެލްސީ އާއި ފްރާންސް ރެންނެއިސް ވާދަކުރި މެޗު ޗެލްސީ ކާމިޔާބުކޮށް މުބާރާތުގެ ދެވަނަބުރާ ގާތައް ޗެލްސީ ޖެހިލައިފިއެވެ.

ޗެލްސީ ފުރަތަމަ ދެލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަހާފްގައި ލިބުނު ދެ ޕެނެލްޓީން ޓިމޯވާނާއެވެ. މެޗުގެ ފުރަތަމަހާފްގެ ފަހުކޮޅު ރެންނެއިސްގެ ޑަލްބާޓް އަށް ވަނީ ދެރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗުގައި ޗެލްސީން ކާމިޔާބުކުރީ ދެވަނަހާފްގެ ކުރީ ކޮޅު ރީސް ޖޭމްސް ދިންބޯޅައަކުން ޓަމީ އަބްރަހަމްއެވެ. ޗެލްސީ ވަނީ އެންމެ ފަހުން އެޓީމުން ކުޅުނު ތިންމެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ އެޓީމު ބަލިނުވެ ހަމަކުރި ދިހަވަނަ މެޗެވެ. މި މުބާރާތުގައި އެންމެފަހުން ފްރާންސް ކުލަބާކާ ދެކޮޅަށް ކުޅުނު ފަސްމެޗުގެ ތެރެއިން ޗެލްސީ ވަނީ ހަތަރު މެޗު ކާމިޔާބުކޮށްފައެވެ.

އިނގިރޭސިވިލާތުގައި މިހާތާނަށް އިނގިރޭސި ކުލަބާ ދެކޮޅަށް ކުޅުނު ތިންމެޗުން ވެސް ރެންނެއިސް ވަނީ ބަލިވެފައެވެ. ރޭ މި ގުރޫޕްގައި ސްޕެއިންގެ ސެވިއްޔާ އާއި ރަޝިޔާގެ ކްރަސްނޯޑާ ވާދަކުރި މެޗު ކްރަސްނޯޑާ ލަނޑެއް ދެލަނޑު ޖަހައި ކުރި ހޯދައިފަވަނިކޮށް ފަހަތުން އަރައި ތިންލަނޑުޖަހައިގެން ސެވިއްޔާއިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މި ނަތީޖާއެކު ޗެލްސީ އާއި ސެވިއްޔާ އަށް ވެސް ލިބުނީ ތިންމެޗުން 7 ޕޮއިންޓެވެ. ލަނޑުގެތަފާތުން ޗެލްސީ ގުރޫޕް ލީޑްކުރާއިރު ކްރެސްނޯޑާއި ރެންނެއިސް އަށް ލިބޭނީ އެންމެ ޕޮއިންޓެކެވެ.