ދުނިޔެ

ކޮންޓެކްޓް ލިސްޓުގައި ހިމެނި ޓެޑްރޮސްވެސް ކަރަންޓީނަށް


ކޯވިޑަށް ޕޮޒިޓިވްވި މީހަކާއި ދިމާވެފައިވާތީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ކަރަންޓީނަށް ވަޑައިގެންފިއެވެ.

ކަރަންޓީނު ވެޑައިގެން އިއުލާންކުރައްވާ ޓެޑްރޮސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވް ވި މީހަކާއި ބައްދަލުވެފައިވާ މީހުންގެ ކޮންޓެކްޓް ލިސްޓުގައި އޭނާ ހިމެނިވަޑައިގެންފައިވާކަމަށެވެ. އަދި މިއާއިއެކު އަމިއްލަފުޅަށް ކަރަންޓީނަށް ވަޑައިގެންފައިވާކަމަށްވެސް ޓެޑްރޮސްވަނީ ވިދާޅުވެފައެވެ.

ބަލީގެ ކޮންޓެކްޓަކަށް ވީނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަކަމަށާއި ހާލު ރަނގަޅުކަމަށްވެސް ޓެޑްރޮސް ވަނީ ވިދާޅުވެފައެވެ. އަދި ޑަބްލިއުއެޗްއޯގެ އުސޫލަތަކާއި އެއްގޮތަށް ވަޒީފާގެ ޒިންމާތައް މިވަގު އަދާކުރައްވާނީ ގޭގައި ހުންވައިގެންކަމަށްވެސް ޓެޑްރޮސްވަނީ ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ކޯވިޑް ފެނުނު ފަހުން މި ބަލިން މީހުން ރައްކާތެރިކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅަަކީ ޓެޑްރޮސްއެވެ. މިގޮތުން ބަލީގެ ނުރައްކާތެރިކަން މީހުންގެ ސަމާލުކަމަށް ގެނެސް ބަލީގެ މައުލޫމާތު ދެއްވެމަށް ޓެޑްރޮސް ގެންދެވީ ސިލްސިލާކޮށް ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުންނެވެ. މީގެއިތުރުން މި ބަލިން ރައްކާތެރިވުމަށް ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް އެންމެ ބޮޑަށް ބާރު އަޅުއްވާ އެކަމުގައި އެހީތަރިކަން ފޯރުކޮށްދެއްވަމުން ގެންދެވި އެއް ބޭފުޅަކީވެސް އޭނާއެވެ.

ކޯވިޑް ބަލީގެ ނުރައްކާ މުޅި ދުނިޔެއަށް ބޮޑު މީ ނުރައްކާތެރި ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައެޅީ މާރިޗުމަހުގެ ތެރޭގައެވެ. މިހާތަނަށް ދުނިޔޭގެ އެކިކަންކޮޅުތަކުން 46.8 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި މަރުވި މީހުންގެ އަދަދު ވަނީ 1.2 މިލިއަނަށް އަރާފައެވެ.