ދުނިޔެ

ފަސް މަހަށްފަހު އޮސްޓްރޭލިއާގައި ކޯވިޑް ކޭސްއެއް ނުފެނި އެއްދުވަސް


ފަސް މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކޯވިޑް-19 ޖެހިފައިވާ މީހަކު ނުފެނި އޮސްޓްރޭލިއާގައި 24 ގަޑިއިރު ފާއިތުވެއްޖެއެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް 27،500 މީހުންނަށް ކޯވިޑް-19 ޖެހި 900 މީހުންވަނީ މަރުވެފައެވެ. މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އެ ޤައުމުގައި ބަލިޖެހިފައިވާ މީހުން ދިޔައީ ފެންނަމުންނެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވާ އެއްވެސް މީހަކު އެ ޤައުމުން ފެނިފައެއް ނުވެއެވެ.

އޮސްޓްރޭލިއާގެ ޞިއްޙަތާއި ބެހޭ ވަޒީރު ގްރެގް ހަންޓުވަނީ އެ ލަނޑުދަނޑިއާއި ހަމައަށް ވާޞިލް ވެވުމުން ޞިއްޙީ ޚިދުމަތްތެރިންނާއި ސަރުކާރުގެ މުވައްޒަފުންގެ އިތުރުން ޤައުމުގެ ރައްޔިތުންނަށް ޝުކުރު ޢަދާކުރައްވާފައެވެ. ރަސްމީ ފަރާތްތަކުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރު ލުއިތައް ދޭނެކަމަށެވެ.

25 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓްރޭލިއާގައި ކޯވިޑް-19 ފެތުރޭ މިންވަރު މަދުކުރުމަށް ފުރަބަންދުގެ އުސޫލުތައް ޤާއިމްކުރުމާއި ތަހުލީލުކުރާ މިންވަރު އިތުރުކުރުމުގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގެ ކަންކަންވަނީ ހަރުދަނާކޮށްފައެވެ. އެގޮތުން އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނީ ވިކްޓޯރިއާގައެވެ.

ކޯވިޑް-19ގެ ދެވަނަ ރާޅޭއް ފެތުރި އެންމެ ހަލުވިކޮށް ބަލިފެތުރެމުންދިޔަ ވިކްޓޯރިއާ ސްޓޭޓުވަނީ 112 ދުވަހުގެ މުއްދަތަށް ފުރަބަންދުކޮށްފައެވެ. ކޯވިޑް-19 ޖެހިގެން އޮސްޓްރޭލިއާގައި މަރުވި މީހުންގެ 90 އިންސައްތަ މީހުންނަކީ ވިކްޓޯރިއާ ސްޓޭޓުން މަރުވި މީހުންނެވެ. ޖޫން މަހުން ފެށިގެން މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރިފައި ނުވާތީ މިދިޔަ ހަފުތާގެ ތެރޭގައި އެ ފިޔަވަޅުތަކަށް ލުއި ދީ ވިކްޓޯރިއާ ސްޓޭޓުވަނީ އަލުން ހުޅުވަން ފަށައިފައެވެ.

ވިކްޓޯރިއާ ސްޓޭޓުގެ ޕްރެމިއާ ޑެނިއަލް އެންޑްރޫސްވަނީ އެ ސްޓޭޓުގެ ހަ މިލިއަން މީހުން ޤަވާއިދާއި އެއްގޮތަށް ޢަމަލުކޮށްފައިވާތީ އެކަމަށް ތަޢުރީފު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޢާންމުންގެ ޢަމަލުތައް އެގޮތަށް ބެހެއްޓުމުގެ ސަބަބުން ކުރިއަށް އޮތް ޗުއްޓީތައް ކޯވިޑް-19ގެ 'ނޯމަލް'ގެ ދަށުން ހޭދަކުރުމަށް ފުރުޞަތު ލިބޭނެކަމަށެވެ.