ކުޅިވަރު

ސުޕަ ޔުނައިޓެޑަށް ތަޖްރިބާކާރު ދެ ޑިފެންޑަރުންކަމުގައިވާ އަޙުމަދު ޝާފިއު އާއި ޢަބްދުﷲ ހަނީފް



ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބްއަށް ތަޖްރިބާކާރު ދެ ޑިފެންޑަރުންކަމުގައިވާ އަހުމަދު ޝާފިއު އާއި އަބްދުﷲ ހަނީފް ސޮއިކޮށްފިއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަންއަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބުންވަނީ ފަރިތަކުރުންތައް ފަށާފައެވެ. ތަޖްރިބާކާރު ދެ ޑިފެންޑަރުންކަމުގައިވާ އަހުމަދު ޝާފީއާއި ޢަބްދުﷲ ހަނީފް ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ސޮއިކޮށްފައިވާއިރު 6 އަހަރަށްފަހު ޓީސީ ސްޕޯޓްސް ކުލަބްގެ ކެޕްޓަން އަހުމަދު ފައްރާޙްވެސްވަނީ ޓީސީ ދޫކޮށް ސަސްއަށް ސޮއިކޮށްފައެވެ.

ސަސްއަށްވަނީ ފުރަތަމަ ޑިވިޝަންގައި ކުޅެ، ތަޖްރިބާ ލިބިފައިވާ ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށްފައެވެ. ސަސްއަކީ އަބްދުﷲ ހަނީފް އާއި އަހުމަދު ޝާފީޢު ފުރަތަމަ ޑިވިޝަންގައި ކުޅޭ 7ވަނަ ކުލަބެވެ. ސަސްގެ ވިސްނުމަކީ މިއަހަރުގެ ސީޒަންގައި ރެލިގޭޝަންއިން ސަލާމަތްވުމެވެ.

ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު އަޙުމަދު ނާޝިދު (ނާދު)އެވެ. ނާދުގެ ދަށުން އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ފަރީދު މުޙައްމަދެވެ.

ސަސްއިން ފުރަތަމަ ޑިވިޝަނުން ޖާގައެއް ހޯދާފައިވަނީ ދެވަނަ ޑިވިޝަންގެ ރަނަރަޕް ޓީމަށް ހޮވިގެންނެވެ.

ދިވެހި ޕްރިމިއަރ ލީގް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެންބަރުމަހުގެ ތޭރަވަނަ ދުވަހުއެވެ. ޕްރިމިއަރ ލީގް ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗު ގައި ވާދަކުރާނީ ލީގް ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް އީގަލްސްއެވެ. މިއަހަރު ދިވެހި ޕްރިމިއަރ ލީގުގައި ޖުމްލަ އަށްޓީމް ވާދަކުރެއެވެ. އެއީ މާޒިޔާ އާއި، ޓީސީ ސްޕޯޓްސް ކްލަބާއި، ކްލަބް ގްރީން ސްޓްރީޓާއި، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، އަދި ސުޕަ ޔުނައިޓެޑެވެ.