އިނގިރޭސިވަލާތުގެ މެންޗެސްޓަރ ސިޓީގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ގާބިލްކަން އެބަހުރިކަމަށް ފްރާންސްގެ އޮލިންޕިކް މާސޭގެ ކޯޗު އަންދްރޭ ވިޔާ ބޮއާސް ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ބޮއާސް ބުނީ ސިޓީއާ ދެކޮޅަށް ކުޅެން އުނދަގޫވާނެކަމަށާއި އެޓީމުން ބޮޑު ހަރަދުކޮށްގެން ސްކޮޑު އިތުރަށް ވަރުގަދަކޮށްފައިވާކަމަށެވެ. މިހާރު މިއޮތް ސްކޮޑާއެކު ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެކަމަށް ބޮއާސް ބުންޏެވެ. އޭނާ ބުނީ އެޓީމު މިހާރު އޮތް ލެވެލްއެއް މުހިންމެނޫން ކަމަށާއި މިގުރޫޕްގެ ވެސް ފޭވަރިޓުންނަކީ ސިޓީ ކަމަށް ޗެލްސީގެ ކުރީގެ ކޯޗު ބުންޏެވެ.
މިހާރު ސިޓީގެ މޮޅުވުމެ ރޫހްނެތުމުން އޭގެ ފައިދާ ކޮންމެވެސް ވަރަކަށް އަމިއްލަދަނޑުގައި ކުޅޭއިރު ނެގިދާނެކަމަށް މާސޭގެ ކޯޗު ބުންޏެވެ. ބޮއާސް ބުނީ މިއީ ފިޒިކަލީވެސް ވަރުގަދަ މެޗަކަށް ވާނެކަމަށާއި އޭނާގެ ޓީމުން ނުކުންނާނީ ޕްލޭނަކާ އެކުކަމަށެވެ. އެޕްލޭން މަސައްކަތް ކުރާނެތޯ ނުވަތަ ނޫންތޯ އެގޭނީ ޓީމުން މެޗަށް ފޯކަސް ކުރާމިންވަރަކުން ކަމަށް ޕޯތޯއަށް ޔުރަޕާ ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.
ބޮއާސް ބުނީ ހުސްވިސީޒަންގައި ލިއޯން ސިޓީގެ މައްޗަށް ހޯދި ކާމިޔާބީ ހިއްވަރު ލިބިގެން މެޗަށް ތައްޔާރުވަމުންދާ ކަމަށެވެ. ދުނިޔޭގެ މޮޅެތި ކޯޗުންނާ ދެކޮޅަށް ނުކުތުމަކީ އަބަދުވެސް އޭނާ އަށް ލިބޭ ޕްރެޝަރެއްކަމަށް ބޮއާސް ބުނިއެވެ. މިއީ 2013 ވަނައަހަރު ފަހުން މާސޭ ޗެންޕިއަންސް ލީގުގައި ވާދަކުރާ ފުރަތަމަފަހަރެވެ.