ޚަބަރު

ދައުލަތުގެ ދަރަނިތައް އަދާކުރުން 2024 އަށް ފަސްކުރަންޖެޙޭ: މަޖިލީހުގެ ރައީސް


ރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެފައި ވާތީ، އަންނަ އަހަރަކީ ދައުލަތަށް ބުރަ އަހަރަކަށް ވާނެކަމަށާއި، ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން 2024 ވަނަ އަހަރަށް ފަސްކުރެވެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ ދަރަންޏާއި ގެރެންޓީތަކާއި ގުޅޭގޮތުން ކުރިއަށްދިޔަ މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދައުލަތުގެ ދަރަނި، 2012 އިން 2018 އަށް 172 ބިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާކަމަށް ފިނޭންސް މިނިސްޓްރީން މަޖިލީހާއި ހިއްސާކޮށްފައިވާ މަޢުލޫމާތުތަކުގައި ވެއެވެ.

ދައުލަތުގެ ދަރަނި ބޮޑުވެފައިވާ މައްސަލަ އާއި ގުޅިގެން މިއަދުގެ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ދައުލަތަށް ލިބެންހުރި އާމުދަނީ އަޅާބަލާއިރު ދައުލަތުން އަދާކުރަންޖެހޭ ގިނަ ލޯނުތައް އަދާކުރުން 2024 ވަނަ އަހަރާއި ހަމައަށް ފަސްކުރަންޖެހޭކަމަށެވެ.

"2024 ވަނަ އަހަރާއި ހަމައަށް ދާއިރު ލޯނުތައް ދެއްކުމަށް ގްރޭސް ޕީރިއަޑެއް ބޭނުންވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މުޅި މަޖިލީހުން އެކުލަވާލި ދައުލަތުގެ ދަރަންޏާއި ގުޅޭ ރިޕޯޓްގައި ވަނީ ދައުލަތުން ނަގާފައިވާ ދަރަނިތަކުގެ ތަފްސީލު ހިމަނާފައެވެ. އަދި ދައުލަތުގެ ދަރަނި ބެލެހެއޓިފައި ވާގޮތާއި ދަރަނި ނަގާފައިވަނީ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްތޯ އަދި ދަރަނި އަނބުރާ ދައްކަންޖެހުނު އިރު ދައުލަތުގެ އާމްދަނީ ހުރި މިންވަރުވެސް މިރިޕޯޓްގައި ހިމަނާފައެވެ. މީގެއިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި ދައްކަންޖެހޭ އަދަދުތަކާއި، އަދި ދައުލަތަށް އެއަހަރުތަކުގައި ލިބޭނެ އާމްދަނީއާއި އެއަހަރުތަކުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ މިންވަރުވެސް ހިމަނާފައެވެ.

ކޮމިޓީގެ ރިޕޯޓުގައި ވަނީ ދޭދޭ ޤައުމުތަކުން ނަގާފައިވާ ދަރަންޏާއި، ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި ފިޔަވައި އެހެން ދަރަނިތައް ރީސްޓްރަކްޗަރ ކުރުމަށް ސަރުކާރަށް ހުށައެޅުމެއްގެ ގޮތުގައި ދެންނެވުމަށްވެސް ހިމަނާފައެވެ. މަޖިލީހުގެ ރައީސްވަނީ ލޯނުތަކުގެ އިންޓްރެސްޓް ރޭޓްތަކަށް ބަދަލުތަކެއް ގެނެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

މުޅި މަޖިލީހުގެ މިކޮމިޓީ ރިޕޯޓް މިއަދު ވަނީ ކޮމިޓީގައި ބައިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މިރިޕޯޓް ދެން އޮންނަ މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާ ކުރައްވާނެކަމަށެވެ.

ރާއްޖޭގެ ޖީޑީޕީއާއި އަޅާބަލާއިރު ދައުލަތުގެ ދަރަނި އެންމެ ބޮޑުވެފައި ވަނީ 2015 އިން ފެށިގެން 2018 ވަނަ އަހަރާއި ދެމެދުކަމަށް ދައުލަތުގެ ދަރަންޏާއި ގެރެންޓީ އާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް އެކުލަވާލާފައިވާ އޮޑިޓް ރިޕޯޓްގައިވެއެވެ. އޮޑިޓް ރިޕޯޓްގައި ވަނީ ދައުލަތުގެ ދަރަނި ހުންނަންޖެހޭނީ ޖީޑީޕީއާ އަޅާބަލާއިރު %60އިން ދަށުގައިކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު އެނިސްބަތް %71 އަށް އިތުރުވެގެން ގޮސްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.