ކުޅިވަރު

ޔުވެންޓަސް އަބަދުވެސް ނުކުންނާނީ މޮޅުވާން: ޕިރްލޯ


ޔުވެންޓަސް ވާދަކުރާ ކޮންމެ މުބާރާތެއްގައި ކޮންމެ މެޗަކަށް އެޓީމުން ނިކުންނާނީ މޮޅުވާންކަމަށް ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ޔުކްރެއިނުގެ ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ޕިރްލޯ ބުނީ މި މުބާރާތުގެ ފުރަތަމަ މެޗަކީ މުހިންމު މެޗެއް ކަމަށާއި އެގޮތުން ކޮންމެ މެޗެއްވެސް ކާމިޔާބުކުރުން މުހިންމުކަމަށެވެ. ޔުވެންޓަސް ނުކުންނާނީ މޮޅުވެވޭނެ ކަމުގެ ޔަގީންކަމާއި އިތުބާރާއެކު ކަމަށާއި ޓާގެޓަކީ މެޗުން ތިން ޕޮއިންޓް ހޯދަން ކަމަށް ޕިރްލޯ ބުންޏެވެ.

އޭނާ ބުނީ މެޗުގައި ކުރަންވީ ކަންތައްތައް ވަރަށް ރަނގަޅަށް އެނގޭކަމަށާއި ފުރަތަމަ މެޗުން މޮޅުވުމުގެ މުހިންމުކަން ކުޅުންތެރިންނަށް ވިސްނައިދީފަ ވާނެކަމަށެވެ. މުބާރަތެއްގައި ވާދަކުރަންޏާ އެ މުބާރާތެއްގައި ތަށި ހޯދުމަކީ އަމާޒެއް ކަމަށާއި އެގޮތުން ޔުވެންޓަސް އަބަދުވެސް ނުކުންނާނީ މޮޅުވާން ކަމަށް ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގު ވާދަކުރާ ފުރަތަމަ މެޗާ ގުޅޭގޮތުން ޕިރްލޯ ބުންޏެވެ. އީޓާލިއަން ލީގުގައި ކްރޮޓޯން އަތުން ޕޮއިންޓު ގެއްލުވާލި ނަމަވެސް ޔުވެންޓަސް މިހާރު މިއޮތް ޓީމަކީ އަލުން ބިނާކުރަމުން އަންނަ ޓީމެއް ކަމަށް ކުޅުންތެރިއެއްގެ ގޮތުގައި އޭސީ މިލާނާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕިރްލޯ ބުންޏެވެ.

މި ދެޓީމު މީގެން ކުރިން ކިއޭވް ގައި ބައްދަލުކޮށްފަވަނީ މީގެ 18 އަހަރު ކުރިންނެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ ޔުވެންޓަސްއިންނެވެ.