ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހުމުގެ ސަބަބުން މަރުވެފައިވަނީ ނެދަލޭންޑްސަށް ނިސްބަތްވާ އުމުރުން 89 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ލޭގެ ކެންސަރު ޖެހިފައިވުމުގެ ސަބަބުން ފަރުވާއަށް ކީމޯތެރަޕީ ނަގަމުންދިޔަ މީހެކެވެ. ކީމޯތެރަޕީގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބާރު ދެރަވެއެވެ.
މިދިޔަ އޮގަސްޓު މަހުގައި އެ އަންހެން މީހާއަށް ކޯވިޑް-19 އެންމެ ފުރަތަމަ ޖެހުނު އިރު ގަދަ ހުމެއްގެ ތަޖުރިބާކުރުމުގެ އިތުރުންވަނީ ވަރަށް ބޮޑަށް ކެއްސާފައެވެ. ފަސް ދުވަހަށްފަހު އޭނޭގެ ހަށިގަނޑުން ފެންނަމުން ދިޔަ އަލާމާތްތައް ފިލައި، އޭނާވަނީ ހަސްފަތާލުން ދޫކޮށްލައިފައެވެ.
އޭގެ ދެމަސް ދުވަސް ފަހުން ކީމޯތެރަޕީ ފަރުވާ ހޯދަމުންދާތާ ދެ ދުވަސް ފަހުން އަނެއްކާވެސް ހުން އައިސް، ކެއްސާ، ނޭވާލުމަށްވަނީ އުނދަގުވެފައެވެ. ބަލިވިތާ ހަތަރުވަނަ ދުވަހާއި ހަވަނަ ދުވަހު ހެދި ލޭގެ ތަހުލީލުތަކުން ކޯވިޑް-19 ޖެހި ރަނގަޅުވުމުން ހަށިގަނޑުގައި އުފެދޭ އެންޓިބޮޑީ މާއްދާ އެމީހާހެ ހަށިގަނޑުން ފެނިފައެއް ނުވެއެވެ.
ދެވަނަ ފަހަރަށް ބަލިޖެހުމުން ފުރަތަމަ ފަހަރަށްވުރެ މާ ބޮޑަށް ޙާލު ދެރަވެ ދެ ހަފުތާ ފަހުން އޭނާވަނީ މަރުވެފައެވެ. ފުރަތަމަ ފަހަރަށް ބަލިޖެހުނު އިރު ބަލިން ފުރިހަމައަށް ރަނގަޅުވެފައި ނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ވިރާސީ ތަހުލީލުތަކުން އޭނާއަށް ބަލި ޖެހުނު ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު ބަލިޖެއްސި ވައިރަހުގައި ތަފާތުތަކެއް ހުރިކަމަށް ފާހަގަވެފައިވާތީ، ބޮޑަށް ބެލެވެނީ އޭނާއަށް ދެ ފަހަރަށް ކޯވިޑް-19 ޖެހިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކޯވިޑް-19 ޖެހުމުން ބައްޔާއި ދެކޮޅަށް ހަށިގަނޑު މަސައްކަތް ކުރުމުން ވައިރަހާ ދެކޮޅަށް އުފެދޭ ދިފާޢީ ބާރު ހަށިގަނޑުގައި ދެމިހުންނަނީ ކިހާ މުއްދަތަކާއި މެދު ސައިންސްވެރިން ގޮތެއް ނިންމާފައެއް ނުވެއެވެ. އައިސްލެންޑުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ބަލިޖެހި ރަނގަޅުވުމަށްފަހު މަދުވެގެން ހަތަރު މަސް ދުވަސްވަންދެން އެންޓިބޮޑީގެ ބާރު ދަށްނުވެ ހަށިގަނޑުގައި ދެމިހުރެއެވެ. ކޯވިޑް-19 އާއިލާއަށް ނިސްބަތްވާ މޫސުމީ އެހެން ވައިރަސްތައް ބަލިން ރަނގަޅުވާތާ ހަމަސް ދުވަހާއި އެއް އަހަރު ދުވަހުގެ ތެރޭގައި އަލުން ހަށިގަނޑަށް ޖެހޭކަމަށް ބައެއް ދިރާސާތަކުންވަނީ ފާހަގަކޮށްފައެވެ.
އެމެރިކާގެ ނެވާޑާގައި އުމުރުން 25 އަހަރުގެ ޒުވާނަކާއި އެ ޤައުމުގެ ވާޖިނިއާގައި 42 އަހަރުގެ މީހަކުވަނީ ފުރަތަމަ ފަހަރަށް ކޯވިޑް-19 ޖެހި ރަނގަޅުވުމުގެ ދެ މަސްދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށްވަނީ ބަލިޖެހިފައެވެ. އެމީހުންގެ ވިރާސީ ތަހުލީލުތަކުންވެސް ފާހަގަވީ ބަލި ޖައްސާ ވައިރަހުގައި ބަލިޖެހުނު ފުރަތަމަ އަދި ދެވަނަ ފަހަރުގައި ތަފާތުތަކެއް ހުރިކަމަށެވެ. އެމެރިކާގެ އިތުރުން ހޮންގުކޮންގާއި ބެލްޖިއަމާއި އިންޑިޔާއާއި އިކުއެޑާއިންވެސް ކޯވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހަކަށް ދެވަނަ ފަހަރަށް ބަލިޖެހިފައިވާކަމަށްވަނީ ބުނެފައެވެ.