ޚަބަރު

ސަޢޫދީގެ އެއާޕޯޓުތަކަށް ޙޫޘީން ދިން ހަމަލާތަކެއްގައި ތިން މީހުން މަރުވެއްޖެ


ސަޢޫދީ ޢަރަބިއްޔާގެ ދެ އެއާޕޯޓަކަށް އަމާޒުކޮށް ޙޫޘީން ދިން ހަމަލާތަކެއްގައި ތިން މީހުން މަރުވެއްޖެއެވެ. ސަޢޫދީ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ބުނީ، ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާގައި އެކަކު މަރުވެ އަށް މީހުން ޒަޚަމްވެފައިވާ ކަމުގައެވެ. އަދި، އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި ދެ މީހުން މަރުވެ 28 މީހުން ޒަޚަމްވި ކަމުގައި ވެސް އެ އިދާރާއިން ހާމަކުރެއެވެ. މީގެ ބަދަލުހިފުމުގެ ގޮތުން، ސަޢޫދީން އިސްވެ އޮންނަ އަސްކަރީ އިއްތިޙާދުން ވަނީ ޞަޢުދާ، ޙުދައިދާ، ޖައުފް އަދި މައުރިބްގައިވާ ޙޫޘީންގެ 80 އަށްވުރެ ގިނަ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ.

މީގެ އިތުރުން، ޙޫޘީން ވަނީ ޔަމަނުގެ ޢަދަން އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައެވެ. މި ހަމަލާތައް ދީފައި ވަނީ، ހުރްމުޒް ކަނޑުއޮޅިން ކުރާ ވިޔަފާރީގެ ދަތުރުތަކަށް ހުރަސްއެޅިފައިވާ ދަނޑިވަޅެއްގައި، މުހިންމު ކަނޑުމަގެއް ކަމުގައިވާ ބާބް އަލް-މަންދަބް ކަނޑުއޮޅި އާއި މުޚާ ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމަ ވަރަށް ބޮޑަށް ހޫނުވެފައިވާ ވަގުތެއްގައެވެ. އެ ސަރަޙައްދުގެ ކޮންޓުރޯލު ހޯދުމަށް ސަޢޫދީ އިއްތިޙާދުން މަސައްކަތްކުރަމުންދާއިރު، ތުރުކީވިލާތާއި ޕާކިސްތާނުން ދަނީ ސަޢޫދީ ޢަރަބިއްޔާއަށް ދިފާޢީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި، ސޫރިޔާއިން ވެސް ދަނީ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ވިސްނަމުންނެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ޔަމަނުގައި އިންސާނީ ބޮޑު ކާރިސާއެއް ވަނީ އުފެދިފައެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަނުން (އައިއޯއެމް) ބުނީ، އެންމެ ފަހުން ފެށުނު ހަނގުރާމައާ ގުޅިގެން ގެދޮރު ގެއްލުނު މީހުންގެ ޢަދަދު 200,000 އަށް އަރާފައިވާ ކަމުގައެވެ. މީގެ އިތުރުން، އެކުވެރި ދައުލަތްތަކުން (އދ) ހާމަކޮށްފައިވާ ގޮތުގައި ޔަމަނުގެ ބައެއް ސަރަޙައްދުތަކުގައި ކޮންމެ ހަތަރު ޢާއިލާއަކުން ތިން ޢާއިލާ އުޅެމުން ދަނީ ބަނޑުހައިހޫނުކަމުގައެވެ. ދެ ފަރާތުން ވެސް އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމުގައި ތުހުމަތުކުރި ނަމަވެސް، އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.

2014 ވަނަ އަހަރު ޙޫޘީން ޔަމަނުގެ ވެރިރަށް ޞަންޢާ ހިފުމާ ގުޅިގެން ފެށި މި ހަނގުރާމަ އަލުން ފުޅާވެގެން ގޮސްފައި މި ވަނީ، ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ޣައިރުޤާނޫނީ ހަނގުރާމައެއް ފެށުމާ ގުޅިގެން ކަމުގައި މަސްރަޙުގެ ދާރިސުން ވިދާޅުވިއެވެ. ޙޫޘީންނަށް ހަތިޔާރާއި ތަމްރީނު ދެނީ އީރާނުން ކަމުގައި ސަޢޫދީ އިއްތިޙާދުން ތުހުމަތުކުރެއެވެ. ނަމަވެސް، ޙޫޘީންނާއި އީރާނުން މި ކަން ދޮގުކުރެއެވެ. ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވިދާޅުވީ، ރިޔާޟްގެ އެއާޕޯޓަށް އަމާޒުކޮށް ގިނަ ޑްރޯންތަކެއް ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމުގައެވެ.