ޔުއެފާ ނޭޝަންސް ލީގުގައި ފުޓްބޯޅަ މުބާރާތުގައި ބޮސްނިއާގެ މައްޗަށް ކުރި ހޯދާ ޕޮލެންޑުން ގުރޫޕްގެ އެއްވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.
ޕޮލެންޑްގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑާއެކު އޭނާ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 63 އަކަށް އަރާފައެވެ. އަދި އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ 99 މެޗުގެ ތެރެއިން ކުލަބަށާއި ގައުމަށް އެކޮށް ލެވަންޑޯސްކީ ވަނީ 100 ލަނޑު ޖަހާފައެވެ. ރޭގެ މެޗުގެ 14 ވަނަ މިނެޓްގައި ބޮސްނިއާގެ އަނެލް އަހްމަދޯޒިޗަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މި ގުރޫޕްގައި އިޓަލީ ނެދަލޭންޑްސް ވާދަކުރި މެޗު 1-1 އިން އެއްވަރުވެ އެއްވަނަ މަގާމް އިޓަލީއަށް ވަނީ ގެއްލިފައެވެ. މެޗުގެ ފުރަތަމަ ހާފްގައި ލަނޑުތައް ފެނިގެން ދިޔަ މެޗުގައި އިޓަލީން ލީޑް ނަގާ ކުރި ހޯދީ ފުރަތަމަ ހާފްގެ 17 ވަނަ މިނެޓްގައި ލޮރެންޒޯ ޕްލަގްރިނީ ޖަހައިދިން ލަނޑުންނެވެ. ނެދަލޭންޑްސުން ނަތީޖާ ހަމަހަމަކުރީ ޑޮނީ ވެން ޑަ ބީކް މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުންނެވެ.
މި ނަތީޖާ އެކު ޕޮލެންޑް އެއްވަނައިގައި އޮތީ 7 ޕޮއިންޓާއެކުއެވެ. ޕޮލެންޑަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެން އިޓަލީއަށް ދެވަނަ ލިބޭއިރު ތިންވަނައިގަ ނެދަލޭންޑްސް އޮތީ ފަސް ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ބޮސްނިއާއަށް ލިބެނީ 2 ޕޮއިންޓެއެވެ.