އިންގްލެންޑް ޓީމުގައި ހުނަރުވެރި ކުޅުންތެރިން ގިނަވުމަކީ މިވަގުތަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށް އިންގްލޭންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.
ނޭޝަންސް ލީގުގައި ބެލްޖިއަމްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ސައުތުގޭޓް ބުނީ މޮޅެތި ކުޅުންތެރިންގެ ގިނަވިވަރަކަށް ސްކޮޑުގައި ވާދަވެރިކަން އިތުރުވެފައިވާކަމަށެވެ. ހާއްސަކޮށް ގައުމީ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންގެ ފަރާތުން އެންމެފަހުން ފެނިގެންދިޔަ ކުޅުމުގެ ސަބަބުން ޓީމް ނެގުމަށް ބޮޑު ބޮލުގެ ރިހުމަކަށް ވެފައިވާކަމަށް އިންގްލެންޑުގެ ކުރީގެ ކުޅުންތެރިޔާ ސައުތުގޭޓް ބުންޏެވެ.
މެޗަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ މި ފެންވަރުގައި ވާދަކުރާއިރު ސްކޮޑުގައި ވާދަވެރިކަން އޮންނަ ޖެހޭނެ ކަމަށާއި އޭނާގެ ޓީމުގައި އޮތް އެވާދަވެރިކަން އޭނާ ދެކެނީ ހެޔޮ ފާލެއްގެ ގޮތުގައިކަމަށެވެ. ދުނިޔޭގެ އެންމެ މޮޅު ހަތަރު ޓީމު ތެރޭގައި ހިފަހައްޓާލަވޭނީ އެއް ފެންވަރެއްގެ 20 އަށްވުރެ ގިނަ ކުޅުންތެރިން ސްކޮޑުގައި ހިމެނިގެންކަމަށް ފީފާރޭންކްގެ އެއްވަނައިގަ އޮތް ބެލްޖިއަމްގެ ކޯޗު ބުންޏެވެ. އޭނާ ބުނީ ހަޒާޑް މުޅިން ފިޓްވެ އަވަހަށް ޓީމާ ގުޅުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ.
އެންމެފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖްގައެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ބެލްޖިއަމްއެވެ.